މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަންގެ ނައިބު އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ހިންގަވާ އޮފީހަކަށް ބަޔަކު ވަދެ، އެ އޮފީހުގައި މަސައްކަތްކުރާ މުއައްޒަފެއްގެ ރަހީނުކޮށް 36،500 ރުފިޔާއާއި، ދެ ލެޕްޓޮޕް ވަގަށް ގެންގޮސްފިއެވެ.

އަހުމަދު އަބްދުﷲގެ މުދަލާއި، މުއައްޒަފުންނަށް ގެއްލުންދީ، އޭނާއަށް އިންޒާރުދިން މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި، އަހްމަދު އަބްދުﷲގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ހިންގާ އޮފީހަށް ވަޅި ހިފައިގެން ގްރޫޕަކުން ވަދެ، އޮފީހުގައި އެވަގުތުހުރި މުއައްޒަފުގެ އަތާއި، ފައި އަދި މޫނު ބަނދެ، 36،500 ދިވެހި ރުފިޔާއާއި، ދެ ލެޕްޓޮޕްވަނީ ވަގަށް ގެންގޮސްފައިވާކަމަށެވެ. އަދި އޮފީހުގެ ގޮނޑިމޭޒާއި، އެހެނިހެން ތަކެއްޗަށް ގެއްލުންދީ އަހްމަދު އަބްދުﷲ ”ދުއްވާލާނެ“ ކަމުގެ އިންޒާރު، ރަހީނުކުރި މުވައްޒަފަށް އެމީހުން ދީފައިވާކމަށެވެ.

މި ބަޔާނުގައި އެމްޑިޕީން ބުނީ ފުލުހުންގެ ޓީމެއް މައްސަލައިގެ ރިޕޯޓުނަގާ، އެއްކުރެވެންހުރި ނަމަ ހުރި ފޮރެންސިކް ހެއްކެއް ހޯދުމުގެ މަސައްކަތް ކުށުގެ ވެށީގައި ކޮށްފައިވާކަމަށާ މި ހާދިސާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މިއީ އާދައިގެ ވައްކަމެއް ނުވަތަ ފޭރުމެއްކަމަކަށް ނުބެލެވޭކަމަށެވެ.

މިއީ މި އަހުމަދު އަބްދުﷲއަށް ސީދާ އަމާޒުކޮށް، ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުމުގެގޮތުން ދުރާލާ ރާވައިގެން ހިންގާފައިވާ ޖިނާއީ ކުށެެކަމަށް އެމްޑީޕީން ދެކޭތީ އޭނާއަށް އަމާޒުކޮށް ހިންގާފައިވާ މިނޭއްގާނީ އަމަލު ފުރިހަމަ ތަހުގީގެއްކޮށް، ކުށުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށް އެމްޑީީޕީން ވަނީ ބުނެފައެވެ.

އަދި އެމްޑީޕީއާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕްގެ ބޭފުޅުންނަށާއި، ހަރަކާތްތެރިންނަށް އަމާޒުކޮށް، ރިޔާސީ އިންތިޚާބާ ދިމާކޮށް، ކުރަމުންދާ ގޯނާއާއި، އެކި ބާވަތުގެ ގެއްލުމާއި، އުނދަގޫތައް ހުއްޓާލުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.