ސަރުކާރެއް ހިންގާނެގޮތް އަދި ހިންގަންޖެހޭނެގޮތް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާކަމަށް، ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ވީޓީވީއަށް ދެއްވި ޚާއްސަ ބަންދީގަތުމެއްގައި ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މައިދާނުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތަޖުރިބާއިން ސަރުކާރެއް ހިންގަވީގޮތް، އަދި ހިންގަންޖެހޭގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ކަމަށެވެ.

ހަމަ އެއާއެކު، އެމަނިކުފާނާއެކު، ގުޅިފައި މިއޮތް ކޯލިޝަންގައި ސަރުކާރެއް ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ސީނިއަރ ބޭފުޅުން އެބަތިއްބެވި ކަމަށާއި، މިއީ ރާއްޖެއިން ނެގޭނެ އެންމެ ގާބިލް، އެންމެ ކޮލިފައިޑް ބޭފުޅުން ކަމަށްވެސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.

"ސަރުކާރެއް ހިންގާނެގޮތް އަދި ހިންގަންޖެހޭނެގޮތް އަޅުގަނޑަށް ސިފަވޭ. އަޅުގަނޑަށް އެނގޭ އެކަން ކުރާނެގޮތް، އިރާދަކުރެއްވިއްޔާ. އަނެއްކާ، ސަރުކާރެއް ހިންގާނެ އެންމެ ކޮލިފައިޑް ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވި. އެހެންވީމާ، ރައްޔިތުން އެއްވެސް ހާލެއްގައި އެކަމަކާ ޖެހިލުންވެވަޑައިގަންނަވާނެ ކަމެއްނެތް" އިބޫ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ތަޖުރިބާއާ އެކީގައި ގައުމު ހިނގާދިޔަގޮތް މިއޮތީ ފެންނަން ކަމަށާއި، އެ ތަޖުރިބާއެއް ރައްޔިތުން ގަބޫލު ނުކުރާ ކަމަށާއި، އެތަޖުރިބާގެ އަލީގައި ހިނގާ ސަރުކާރަށް ނޫނެކޭ ބުނަން ރައްޔިތުން ތިބިތަން ފެނިވަޑައިގަންނަވާ ކަމަށްވެސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ، މިގުޅިފައިއޮތް އިއްތިހާދުން އުފައްދާ ސަރުކާރުގައި ވަރަށް ބޮޑުތަނުން ތަފާތު މަންޒަރެއް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އިބްރާހިމް މުހަންމަދު ސޯލިހްގެ ވާހަކަފުޅުގައި ވިދާޅުވީ، ޑިމޮކްރަޓިކް ވެރިކަމެއްގައި، ރައްޔިތުންގެ ވެރިކަމެއްގައި އެންމެ މުހިންމު މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި، ރައްޔިތުންގެ ބަސް އިއްވާތަނަކީ އަދި ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނަކީވެސް މަޖިލިސް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ހޭދަކުރައްވާތާ 25 އަހަރުވާން ގާތްވެފައިވާ ކަމަށާއި، ސަރުކާރެއް ހިނގާގޮތް ފެނިވަޑައިގެންފި ކަމަށާއި އަދި ސަރުކާރެއް ޖަވާބުދާރީވާންޖެހޭ ކަންތައްތައްވެސް ފާހަގަ ކުރެވިއްޖެކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެކަމުގައި މަސައްކަތްވެސް ކުރައްވައިފި ކަމަށާއި، އެހެންކަމުން، ސަރުކާރެއް ހިންގަންވާނެގޮތް ވަރަށް ސާފުކޮށް މަންޒަރު ސިފަކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގައި ކުރައްވާފައިވާ ބައެއް ތަޖުރިބާތައް ހިއްސާކުރައްވަމުން އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ކޮމިޓީގައާއި، މާލިއްޔަތު ކޮމިޓީގައާއި، އިގްތިސާދީ ކޮމިޓީގައި މުގައްރިރުގެ ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށާއި، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޗެއަރކަން ކުރެއްވި ކަމަށާއި، މިހާރު މިއޮތް ގާނޫނުއަސާސީ ޑްރާފްޓްކުރި އިރު، ޑްރާފްޓްކުރާ ކޮމިޓީގަވެސް އިންނެވި ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން އުފައްދާފަ އޮންނަ ޓޫރިޒަމް އެޑްވައިޒަރީ ބޯޑުގަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެގޮތުން ވަރަށް ގިނަދުވަހު އިންނެވިކަންވެސް އިބްރާހިމް މުހަންމަދު ސޯލިހްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.