ރައީސް އަބުދުﷲ ޔާމީންގެ ވެރިކަން މިހާރު ނިމިފައިވާކަމަށާ ދިވެހި ހުރިހާ ރައްޔިތުންވެސް ބިރުނުގަނެ ގައުމު ސަލާމަތްކުރުމަށް ނިކުތުމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ ޖަމީލް ވިދާޅުވީ އަދި 5 އަހަރުގެ ދައުރެއް ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާއިރު، ރައްޔިތުން ހަމަހިމޭންކަމާއިއެކު ވަގުތުކޮޅެއް ނަގައިގެން ގައުމުގެ ހާލަތާއިމެދު ފުންކޮށް ވިސްނާލުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ނިމިގެންދިޔަ 5 އަހަރު ފެނިގެންދިޔައީ ވައްކަމާއި ފަސާދަ އާންމުކޮށް، އިސްލާމްދީނަށް ފުރައްސާރަކޮށް އަނިޔާ އާންމުކުރި މަންޒަރުކަމަށާ އެތަށް ބަޔަކު ނުހައްގުން ޖަަލަށްލާފައިވާއިރު ރައްޔިތުން ބޭނުންވަނީ އިތުރު 5 އަހަރު އެކަންކަން ތަކުރާރުކުރަންތޯ ޑރ ޖަމީލް ވަނީ ސުވާލުކުރައްވާފައެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރަނީ ސިޔާސީ ފިކުރާއި ގަދަ ކުލަތައް ދޫކޮށް ހަމަހިމޭންކަމާއިއެކު ވަގުތުކޮޅެއް ނަންގަވައިގެން ވިސްނާލައްވާށޭ. ކޮބާތޯ ދިވެހި ގައުމު. ކީއްތޯ މިވީ. މިދިޔަ ފަސް އަހަރު ރާއްޖެއަށްމިވީ ކިހިނެތްތޯ؟." ޑރ ޖަމީލް ސުވާލުކުރެއްވިއެވެ.

ޑރ ޖަމީލް ވިދާޅުވީ ފަސް އަހަރު ނިމިގެންދިޔައިރު ރާއްޖޭގައި ވިއްކާނުލާ އެއްވެސް ފަޅެއް، ގިރިއެއް، ފަޅުރަށެއްނެތްކަމަށެވެ. އަދި އެ މުއާމާލާތްތަކުން ލިބުނު ފައިސާއިން ރައްޔިތަކަށް، ދިވެހި ގައުމަށް ލިބުނު ފައިދާއެއް ފެންނަން ނެތްކަމަށެވެ.

ރައީސް ޔާމީނަށް އިތުރު ދައުރެއްދީނަމަ ދިވެހި ރައްޔިތުންގެ ލޮލުން ކަރުނަ ނުހިފެހެއްޓޭނެކަމަށާ، ގާނޫނޫ އަސާސީ އުވާލާ، ގައުމުގައި ތިބި ހުރިހާ ސިޔާސީ ލީޑަރުންގެ ދުވަސް އަބަދަށްޓަކައި ދުއްވާލާނެކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް އިތުރު ދައުރެއްދީފިނަމަ ރައްޔިތުންގެ ކަރުން ލޭ އަންނާނެ. އެއްވެސް ރައްޔިތެއްގެ ލޮލުން ކަރުނަ ނުހިފެހެއްޓޭނެ. މިހާލަތަށްދާންތޯ އަޅުގަނޑުމެން ބޭނުންވަނީ."ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް އިތުރު ދައުރެއްދީފިނަމަ ގާނޫނޫ އަސާސީ ކަފުންކުރާނެކަމަށެވެ.