ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއި އެކު ވޯޓު ކަރުދާހުގެ ނަކަލުހަދައި ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން އެގޮތަށް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

އެކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، 2018 ސެޕްޓެމްބަރު 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެފަދަ ތަކެތި ތައްޔާރު ކޮށް ސޯޝަލް މީޑިޔާގައި ބޭނުންކުރަމުންދާކަން މިކޮމިޝަނަށް ފާހަގަކުރެވިފައި ވާކަމަށެވެ.

އެކަމަކީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އިލެކްޝަންސް ކޮމިޝަންގެ ހުއްދަނެތި ވޯޓުކަރުދާސް އުފެއްދުން ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިޚާބުގައި ބޭނުންކުރެވިދާނެ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ކަމ،ުގައި ބެލެވޭނެ ކަމެއް ކަމަށެެވެ. އަދި އެ މާއްދާގެ 13 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އިންތިޚާބުގައި ވޯޓުކަރުދާސް ހުންނާނެ ގޮތާމެދު އިލެކްޝަންސް ކޮމިޝަން ފިޔަވައި، އެއްވެސް ފަރާތަކުން އިޢުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ކުރުމަކީވެސް ޤާނޫނީ ކުށެއްކަން އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ހަނދާންކޮށްދީފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، އެ ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް ވޯޓު ކަރުދާހުގެ ނަކަލުގެ ގޮތުގައި ބެލެވިދާނެފަދަ އެއްވެސް އެއްޗެއް ހަދައި، ބޭނުން ނުކުރުމަށް އަންގާކަމަށެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ސައްޙަނޫން ވޯތު ކަރުދާސް ތައްޔާރު ކުރި ބަޔަކު ހޯދައި ހައްޔަރުކުރި އެވެ.