ރައްޔިތުންނަށް ޚިޔާނާތްތެރިނުވާނެ ކަމަށާއި އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ރައްޔިތުން ކުރިމަތީ ހުވާކުރައްވައިފިއެވެ.
މިއަދު ފުވައްމުލަކަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގެނައުމަށް މުޅި ދިވެހި ފަސްގަނޑުންވެސް ހޮވޭލެވޭނެ އެންމެ އަޚުލާގު ރަގަޅު، ރައްޔިތުންގެ އިހުސާސް ދަންނަ، ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތް ބޭފުޅެއް ކަމަށެވެ.
އެމަނިކުފާނަށް ވޯޓުދޭންވީ ގައުމު ތަރައްގީކޮށް، ގައުމުގެ ބައިތުލްމާލުގެ އެންމެ ލޯލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން 25 އަހަރުގެ މާޒީން ދައްކުވައިދެއްވާފައި ވާތީ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"އަފުންނަކީ ސައްތައެން ސައްތަ މުސްލިމޫމާ. އަފުންނަކީ މިސްކިއްތެކަހަ ހުރުމައްތެރިކޮހެ ހިތަންނެން މީހޫމާ. އަފުންނަކީ އެކަކު އަނެކަކުށަ އިހުތިރާމް ކެރަންނެން މީހޫމާ. އަފުންނަކީ އިންސާނުންނަ އިހުސާންތެރިކަންމާ އެކީ އަބަދަހަސް ކަންތެތި ކެރަންނެން މީހޫމާ" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިފަސްގަނޑުން އިސްލާމްދީން ނޫން އެހެން ދީނަކަށް ދުވަހަކުވެސް ޖާގަ ނުދޭނެ ކަމަށާއި، އިސްލާމީ އަޚުލާގިއްޔަތު ބަދަލުވާނެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.
އުންމީދުން ފުރިގެންވާ ދުވަސްތަކެއް ރައްޔިތުންނަށް ގެނެސްދެއްވާނެ ކަމަށާއި ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި، ރައްޔިތުންނަށް ޚިޔާނާތްތެރިނުވާނެ ކަމަށް ފައިސަލް ވަނީ ހުވާކުރައްވާފައެވެ.
"ތިބޭފުޅުން އުންމީދެން ފޫރީގެންވޭ، ޖޯޝެން ފުރީގެންވޭ، ހިތްފުރީގެންވޭ ފަދަ ދުވަސްތެކައް ﷲ އިރާދަ ކުރެއްވީފަހެނާ އަފުން ގިނެންނެން ކަމިގެ ފުރިހަމަ ވައުދު އަފުން ވެނީ، ރައްޔިތުންނަ ތެދެވެރިކަންމާ އަމާނާއްތެރިކަންމާ އެއްކޮހޮ ތިބޭފުޅުންނާ ގާތެން މަސައްކައް ކެރަންނެން ކަމިގެ ވައުދު ވެނީ މިމާއްވެގެންވޭ ހައްޖިދުވަހި މާތް ﷲ ގަންދެރެ ހުވައިކޯ. ދުވަހަކިސް ރާއްދޭގެ ރައްޔިތުންނަ ޚިޔާނާއްތެރި ނިވެންނެން ކަމިގެ ވައުދު މިވެނީ މިމާއްވެގެންވޭ ހައްޖިދިވަހު ﷲ ސުބުހާނަހޫ ވަތައާލާ ގަންދެރެ" ފައިސަލް ފުވައްމުލަކު ބަހުރުވައިން ރައްޔިތުންނާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ވަޒީފާގެ ބިރުވެރިކަމުގައި ސަރުކާރަށް ތާއީދުކުރާކަން ދައްކައިގެން ތިބި މީހުން ވެސް ނުކުންނަންވީ ކަމަށާއި ވަޒީފާ ގެއްލޭ ކޮންމެ މީހަކަށް އަނބުރާ ވަޒީފާ ދޭނެ ކަމަށެވެ.
ނޮވެމްބަރު 17 ވެގެންދާނީ ނުހައްގުން ޖަލުތަކުގައި އަނިޔާ ލިބެމުންދާ ހުރިހާ އާއިލާއަކަށް އިންސާފު ލިބޭ ދުވަހަށް ކަމަށެވެ. އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި އިންސާފު ލިބޭނެ ކަމަށް ވިދާޅުވެ ފައިސަލް ވަނީ ލޯބިވާ ފަސްގަނޑާއި ލޯބިވާ ރައްޔިތުން ހެކިކޮށް ހުވާކުރައްވާފައެވެ.
"ލޯލާރިއެހިއަސް ނިޖެހެންނެން ކަމަހަ މާތް ﷲ ގަންދެރެ ހުވައި ކެރަން. ތިބޭފުޅުން ބޭނުންވޭ ކަންތެތި ވެންނެންކަން އަފުންނަ އެނގެނީ އިބްރާހީމް މުހައްމަދު ސޯލިހުއަކީ 30 އަހަރޮ ވެންދެން ރައްޔިތުންނާ އެއްކޮހެ އުޅުއްވީ ބޭފުޅަކުށަ ވެންނަހެދީ" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ފުވައްމުލަކު ރައްޔިތުންނަކީ އެމަނިކުފާނު އެންމެ ލޯބިވާ ރައްޔިތުން ކަމަށާއި އެރައްޔިތުންނަށް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށެވެ.
ފައިސަލްގެ ވާހަކަފުޅު ނިންމަވާލެއްވީ މުޅި ގައުމަށާއި ރަށަށް ހެޔޮ ނަސީބު މިންވަރު ކުރައްވައި ގައުމު ރައްޔިތުންނާ ހަވާލުކުރުމުގެ ނަސީބު މިންވަރުކުރެއްވުން އެދި ދުއާކުރައްވަމުންނެވެ.