އަލަށް އުފައްދާ 5ޖީ ސްމާޓް ފޯނު އަންނަ އަހަރު އެމެރިކާގެ ބާޒާރަށް ނެރޭނެ ކަމަށް ފޯނު އުފައްދާ ކުންފުނި ސްޕްރިންޓުން ބުނެފިއެވެ.

އެމެރިކާގެ މުވާސަލާތީ ކުންފުންޏެއް ކަމަށްވާ ސްޕްރިންޓުން ބުނީ އެގައުމުގައި އަލަށް އުފައްދާ 5ޖީ މޯބައިލް ފޯނު އުފައްދާނީ އެލް.ޖީ އާއި ގުޅިގެން ކަމަށެވެ.

ސްޕްރިންޓް ކުންފުނީގެ އިތުރުން ދުނިޔޭގެ ފުރަތަމަ 5ޖީ ފޯނު އަންނަ އަހަރު ބާޒާރަށް ނެރޭނެ ކަމަށް މޮޓޮރޯލާއިންވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް އެއީ އަންނަ އަހަރު 5ޖީ ނެޓްވޯކް ތައާރަފް ކުރުމުން 5ޖީ އަށް އަޕްގްރޭޑް ކުރެވޭ ސްމާޓްފޯނެކެވެ. މިފޯނު ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ މޮޓޮރޯލާ އާއި ވެރިޒޯން ގުޅިގެންނެވެ.

ބެލެވޭގޮތުގައި ވެރިޒޯން އިން މުޅިން އަލަށް 5ޖީ ނެޓްވޯކް މިއަހަރުގެ ފަހު ކޮޅު އެމެރިކާއަށް ތައާރަފް ކުރާނެއެވެ.

މި ފޯނަށް ދޭނެ ނަމެއް އަދި އަގެއްވެސް ކަޑަޅާފައި ނުވާއިރު މިފޯނު ނެރޭނެ ތާރީހެއްވެސް ސްޕްރިންޓުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް 2019 ވަނަ އަހަރުގެ ކުރީކޮޅު ފޯނު ބާޒަރަށް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޕްރިންޓުން ބުނީ އެކުންފުނިިން އުފައްދާ މި އާ ސްމާޓްފޯނުން 5ޖީ ނެޓްވޯކުގައި އެޗްޑީ ފިލްމުތައް މިނިޓްކޮޅެއްގެ ބަދަލުގައި ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ޑައުންލޯޑް ކޮށްލެވޭހާ ގާބިލުކަން ހުންނާނެ ކަމަށެވެ. އަދި އެއްވެސް ހުއްޓުމެއްނެތި ނުވަތަ ލަސްކަމެއް ނައިސް މި ފޯނުން ގޭމްތައްވެސް ކުޅެވޭނެ ކަމަށެވެ.

ސްޕްރިންޓުން މުޅިން އަލަށް އުފައްދާ 5ޖީ ސްމާޓްފޯނު އެންމެ ފުރަތަމަ ލޯންޗް ކުރާނީ 2019 ވަނަ އަހަރުގެ އެމެރިކާގެ ބައެއް ސިޓީތަކުގައެވެ.

މި ފޯނުގެ އެހެނިހެން ސިފަތަކާއި ގުޅޭ މައުލޫމާތެއް އަދި ސްޕްރިންޓުން އާންމެއް ނުކުރެއެވެ. ބައިނަލްއަގްވާމީ މާކެޓަށް 5ޖީ ސްމާޓްފޯނު ނެރޭނެ ތާރީހެއްވެސް އަދި ހާމައެއް ނުކުރެއެވެ.

ދުނިޔޭގެ ފުރަތަމަ 5ޖީ ފީޗާސް އާއި އެކު ފޯނެއް ލޯންޗް ކުރީ މިމަހުގެ ކުރީކޮޅުއެވެ. އެ ފޯނުގެ ނަމަކީ މޮޓޯ ޒެޑް3 އެވެ. މޮޓޯ ޒެޑް3 ފޯނު 5ޖީ އަށް އަޕްގްރޭޑް ކުރެވޭނީ މިއަހަރުގެ ފަހުކޮޅު ނެރެން ހަމަޖެހިފައިވާ 'ޖީ މޮޓޯ މޮޑް' ގެ އެހީގައެވެ.