އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ މަތިވެރި ޢަޒުމް އާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ، ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، އިސްލާމްދީން އެއްބައިވަންތަކަމަށް ބާރުއަޅައި ގޮވާލާ މިންވަރު، ޙައްޖުގެ މަތިވެރި މަނާސިކުން އަޅުގަނޑުމެންނަށް އެނގިގެންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އަޟުޙާ ޢީދުގެ މުނާސަބަތަކީ، މުސްލިމުންގެ މެދުގައި ހިތްހެޔޮކަމާއި އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ މުނާސަބަތެއްކަމަށާއި، ދިވެހިންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އަޚުވަންތަކަމުގެ ގުޅުން ޤާއިމުކޮށް ދެމެހެއްޓުމުގެ މުހިއްމުކަން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ އުފާވެރި މުނާސަބަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ މުޅި އިސްލާމީ އުންމަތަށް ވަނީ ފޮނުއްވާފައެވެ.