ރައީސް ޔާމީން މިމަހުގެ ކުރީކޮޅު ގދ. ގައްދޫއަށް ވަޑައިގަތްއިރު، އެމަނިކުފާނަށް މަރްހަބާ ދެންނެވުމަށް ގައްދޫ ބަނދަރު ސަރަހައްދުގައި ހެދި މަރިޔާދުގޭގައި އަލިފާންރޯވެ އަނދާ ހުލިއްޖެއެވެ.

ދަނޑިފަނާއި ލަކުޑި ބޭނުންކޮށްގެން އިހުގެގޮތަށް ހަދާފައިހުރި މި މަރިޔާދުގޭގައި އަލިފާން ރޯވެފައި މުޅިތަން ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

ސޯޝަލް މީޑިއާގައި ދަރުއުވަންދާ ފޮޓޯތަކުން ފެންނަގޮތުގައި މަރިޔާދުގޭގައި އަލިފާން ރޯވެ ވަރަށް ބޮޑަށް ހުޅުގަނޑު އަރާފައި ހުއްޓެވެ.

ގައްދޫ މަރިޔާދުގޭގައި އަލިފާން ރޯވެފައި ހުއްޓައި ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިރޭ (ހޯމަދުވަހުގެރޭ) 10:45 އެހާއިރު ކަމަށް ވީމީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

މަރިޔާދުގޭގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލީކަމެއް ނުވަތަ މިއީ އެނޫންގޮތަކަށް ހިނގި ހާދިސާއެއް ކަމާމެދު ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިސަރުވަނީ، މަރިޔާދުގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ގައްދޫއިން މީހަކު ހައްޔަރުކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއްކަންވެސް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭނާގެ ނަމެއް ހާމައެއް ނުކުރެއެވެ.

މަރިޔާދުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގައްދޫއަށް ނިސްބަތްވެވަޑައި ގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ މުހަންމަދު އަމީތު ކުރެއްވި ޓްވީޓެއްގައި، ގައްދޫ މަރިޔާދުގެ އަނދައި ހުލިވި ހާދިސާއަށް ހިތާމަފާޅުކުރައްވާފައި ވެއެވެ. އަމީތުކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއީ ގަސްތުގައި ބަޔަކު ރާވައިގެން ހިންގި ޖަރީމާއަކަށް ވާނަމަ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.