ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙްގެ އަގުވައްޓާލުމަށް ހަޤީޤަތް އޮޅުވާލައިގެން ބައެއް ފަރާތްތަކުންނާއި ނޫސްތަކުން މައުލޫމާތު ފަތުރާތީ ހައްދުންމަތީ ހިތަދޫ ކައުންސިލުން އެކަން ކުއްވެރިކޮށްފިއެވެ.
ލ ހިތަދޫ ކައުންސިލުގެ މެމްބަރުން ވިދާޅުވީ، އިބުރާހިމް މުހައްމަދު ޞާލިޙް މިސްކިތެއްގެ ހުރުމަތް ކެނޑިކަން ދައްކައި އާއްމުންގެ ހިތްތަކުގައި އެމަނިކުފާނާއި މެދު ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަނީ ކަމުގެ ހަޤީޤަތް އޮޅުވާލައިގެން ކަމަށެވެ.
އަދި އިބޫ މިސްކިތެއްގެ މިމްބަރަށް ބޫޓާއި އެކު އަރައިވަޑައިގެން ހުންނެވި ކަމަށް ބުނެ މީސް މީޑިއާގައި ދައުރުކޮށް އަދި ސަރުކާރަށް ތާއީދު ކުރާ ނޫސްތަކުގައި ޖަހާފައިވާ ފޮޓޯއަކީ، ހައްދުންމަތީ ހިތަދޫގައި ހުރި މިސްކިތެއް ހިމާޔަތްކުރަން ރައްޔިތުން ބޭނުންވާތީ ރައްޔިތުންގެ އެދުމުގެ މަތިން އެމިސްކިތް ބައްލަވާލެއްވުމަށް ވަޑައިގެން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.
ހިތަދޫ ކައުންސިލުން ބުނީ އެމިސްކިތަކީ ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެ ވަޑައިގެން މިސްކިތުގެ ކަރަންޓް ކަނޑާލައި 2013 ވަނަ އަހަރު އުވާލާފައިވާ މިސްކިތެއް ކަމަށާއި، އެމިސްކިތް އުވާލުމަށް ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އަދި ރައްޔިތުން އިބޫގެ އަރިހުން އެދިވަޑައިގެންފައި ވަނީ އެމިސްކިތް އާސާރީ ތަނެއްގެ ގޮތުގައި އެމަނިކުފާނުގެ ސަރުކާރެއްގައި ހިމާޔަތްކޮށްދެއްވުމަށް ކަމަށެވެ.
ހިތަދޫ ކުޑަ މިސްކިތް ސަރުކާރުން އުވާލިތާ 5 އަހަރު ވެފައި ވާއިރު އެމިސްކިތާއި މިސްކިތުގެ ގޯތިތެރެވެސް ވަނީ މުޅިން ހަޑިވެ ވީރާނާވެފައި ކަމަށާއި، އެތަނަށް ފައިވާން ނުވަތަ ބޫޓު ބަހައްޓާފައި ވެސް ވަދެވޭވަރު ނުވާކަމުގައި ކައުންސިލުން ބުންޏެވެ.
ހިތަދޫ ކައުންސިލުން ބުނީ، ހިރިގަލުގެ އެމިސްކިތަކީ ފަހުން ފެންޑާއެއް އިތުރުކޮށް އުވަޖަހާފައިވާ އަދި މިސްކިތުގެ މަތިވަޑާންގަނޑުގައި ލާފެންކޮށް ޤުރުއާނުގެ އާޔަތްތައްވެސް ލިޔެފައިވާ އާސާރީ މިސްކިތަކަށްވާތީ އެތަން ހިމާޔަތްކޮށްދިނުމަށް ހެރިޓޭޖް ޑިޕާޓްމަންޓްގައިވެސް އެދިފައިވާ ކަމަށެވެ.
ހިތަދޫ ކުޑަމިސްކިތާއި ގުޅުވައިގެން އިބޫގެ އަގުވައްޓާލުމަށް ޕީޕިއެމްގެ އެކްޓިވިސްޓުންނާއި ސަަރުކާރަށް ތާއީދުކުރާ މީޑިއާތަކުން ހަޤީޤަތް އޮޅުވާލައިގެން މައުލޫމާތު ފަތުރާތީ، ހިތަދޫގެ އާއްމު ރައްޔިތުންވެސް ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.