އަދުލުވެރިކަމެއް އިންސާފެއް މި ޤައުމުގައި ނެތްކަމަށާއި، އިއްތިހާދުގެ ދަތުރު ނިންމާނީ ދިވެހިންނަށް އިންސާފު ޤާއިމްކޮށްދިނުމަށްފަހު ކަމަށް، އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ އެމަނިކުފާނުގެ އުފަންރަށް ފުވައްމުލަކުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އަދި ރިޔާސީ އިންތިޚާބުގެ 2 ނަންބަރު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ މިސަރުކާރުގެ އަނިޔާއަށް ދިވެހިން ކެތްކޮށްފި ކަމަށެވެ. ފައިސަލް ވިދާޅުވީ މި ޤައުމުން ފެނިގެންދަނީ ވަކިބައެއްގެ އުފަލަށް ޤާނޫނުއަސާސީ އާއި ހިތުހުރިގޮތަކަށް ކުޅެމުންދާތަން ކަމަށެވެ. އަދި މިއަދު ދިވެހިން ގޮވަމުން ދަނީ އެކަން އިއާދަކޮށްދިނުމަށް ކަމަށާއި، ރައްޔިތުން މިއަދު އެކަންކަން ބަލައިނުގަންނަކަން މުޅި ރާއްޖެއަށް ބަލާލުމުންވެސް އެތަން ފެނިގެންދާކަމަށެވެ.

ފައިސަލް ވިދާޅުވީ ކެމްޕެއިން ފެށިފަހުން މިހާތަނަށް 54 ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެވިފައި ވާއިރު، ކޮންމެ ރަށަކުންވެސް އެތައް ޝަކުވާތަކެއް ލިބެމުންދާކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައާއި، ވަޒީފާގެ ބިރުވެރިކަމާއި އެނޫންވެސް ގޮތްގޮތުން ފިއްތުންތަން ކުރިމަތިކުރަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް ސިޔާސީ ފިއްތުންތަކަށް ޖެހިލުންނުވެ ކެރިގެން ކޮންމެ ރައްޔިތަކުވެސް އެރައްޔިތެއްގެ ފިކުރާއި އެއްގޮތަށް ކުރިއަށް ދިއުމަށް ގޮވާލައްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.