(19 އޯގަސްޓް 2018 އާ ގުޅޭ)

"ނޫން. މީގައި އެބަ ތިބި ހިތާދޫ މީހުން ވެސް. އެ މީހުން އެ ރަށަށް ބާލާފައި އަހަރެމެން ރަށަށްދާނީ" އަންހެނުން ކޮށްފާނެ އިތުރު ސުވާލަކަށް ވިސްނައިގެން އިނދެ އަހަރެން ޖަވާބުދިނީމެވެ. "އެރަށުގައި މާގިނައިރެއް ނުވާނެ. ފަސްވަރަކަށް މިނެޓު ވާނީ. އެރަށު މީހުން އެ ރަށަށް ބާލާފައި އަހަރެމެން ރަށަށް ދާނީ" އިތުރު ތަފުސީލު އަހަރެން ދިނީމެވެ.

"ކޮބާ މިއުޅެނީ ބަތްގަނޑެއް މޮޑެން. ކާނަންތަ؟ އަންހެނުން ކާނެ ކަންނޭނގެ" ސުވާލުކުރީ ބޯޓުގެ ކައްޕިއެވެ.

"ނޫން. ކައިގެން ބޯޓަށް މި އެރީ. ވަރަށް ބޮޑަށް ފުރިފައި މި ހުރީ" އަހަރެން ޖަވާބު ދިނީމެވެ.

"ތިއީ ވާވަރު. އެއްޗެއް ކާލާކަށް ނުކެރޭ. މިގޮތަށް ދަތުރު ކުރަންޏާ ގަދަޔަށް ކާންޖެހޭނެ ދޯ" ކައްޕި ދޯ އެއްލީ އަންހެނުންނަށެވެ.

" ކިހައި އިރަކު ރަށަށް ދެވޭނީ؟" ސުވާލުކުރީ އަންހެނުންނެވެ.

"ދެން ރަނގަޅަށް ނިދާލާ. ތި ހުރީ ގޮދަޑި ވެސް އަޅައިދީފައި. ހޭލަންވާއިރަށް ބޯޓު އޮންނާނީ ރަށުގެ ފަޅު ތެރޭ" ވަރަށް ހެވިފައި ހުރެ ކައްޕި ބުންޏެވެ. އެހެން ބުނަމުން ކައްޕި ހިނގައިގަތީ ދިރުނބާ ކޮޅަށެވެ.

"ވަރަށް ހިންގުންތެރި މީހެއް ދޯ އެއީ" ކައްޕި ދިއުމުން އަންހެނުން ދޯ އަޅާލީ އަހަރެންނަށެވެ.

"އެއީ ވަރަށް ކުޅަދާނެ މީހެއް. އެހައި ސަޅި ވެސް ކަނޑާނެ" އަހަރެން ބުނީމެވެ.

"ތިއީ ވެސް ސަޅި ކަނޑާ މީހެއްނު" އަންހެނުން ދިމާކޮށްލީ އަހަރެންނަށެވެ.

"އެ ކަހަލަ މީހަކާ ދޯ އިންނަން ވެސް އެނގުނީ" އަހަރެން ވެސް ދިމާކޮށްލީމެވެ. އެ ދިމާކުރުމާއެކު އެތައް ވާހަކައެއް ދެއްކީމެވެ. އެތައް ސަކަރާތެއް ޖެހީމެވެ. އެތައް ގަޑިއިރެއް ހޭދަކުރީމެވެ.

އެތައް އިރެއް ފަހުން އަންހެނުންގެ ވާހަކަތައް ހުއްޓުނެވެ. ބަލައިލި އިރު އޭނާއަށް އޮތީ ނިދިފައެވެ. އޭރު ބޯޓު ތެރޭގެ އަޑު ވެސް ވަނީ މަޑުވެފައެވެ. އަލިކަން ވެސް ވަނީ ފަނޑުވެފައެވެ. ބައެއް ބޮކިތައް ވަނީ ނިވާލާފައެވެ. އަހަރެން ވެސް އޮތީ ނިދޭތޯއެވެ. އެކަމަކު ނިދޭގޮތެއް ނުވިއެވެ. އެންމެފަހުން ޗާޖަށް ޖަހާފައިވާ ފޯނު ނަގައި ފޭސްބުކަށް ވަނީމެވެ.

އެންމެ ފުރަތަމަ ވެސް ފެނުނީ ފޮޓޯއެކެވެ. އަންހެނުންނާ އެކު ރަށަށް ދާ ވާހަކަ ބުނުމުން އެކުވެރިއަކު އަހަރެންނަށް ޓެގްކޮށްފައި އޮތް ފޮޓޯއެކެވެ.

އެއީ މީގެ ތިން އަހަރު ކުރީގެ ހަނދާނެކެވެ. ހަމަ އީދު ދުވަހެއްގެ ތަސްވީރެކެވެ. އެ ތަސްވީރުގައި އެ ވަނީ އަހަރެންގެ އަންހެނުންނެވެ. އޭނާގެ ގަޔަށް ކުލަޖަހަނިކޮށެވެ. އެ ދުވަހު ކުލަ ޖެހީ ހިތުގައި ވަކި ނިޔަތެއް އޮވެގެންނެއް ނޫނެވެ. އެ ކަހަލަ ޚިޔާލެއް އޮވެގެންނެއް ވެސް ނޫނެވެ. މިހުރީ ދުނިޔެ ދައުރުވާ ގޮތެވެ.

އެ ދުވަހު އަހަރެން ހުރީ ރަށުގައެވެ. އެކުވެރިންނާއެކު އީދުގެ މަޖަލުގައި ބައިވެރި ވާށެވެ. ރަށަށް އެކި ރަށްރަށުގެ މީހުން އައުމުގެ އިތުރުން މާލޭން ވެސް އެތައް ބަޔަކު އައިސް ތިއްބެވެ. ރަށުގައި ކުރިއަށް ދިޔަ ކުޅިވަރުތަކުގައި އެކި އުމުރުގެ މީހުން ބައިވެރިވަމުން ދިޔައެވެ. އަހަރެން ވެސް އަދި އަހަރެންނާއެކު ރަށަށް ގޮސްތިބި އެކުވެރީން ވެސް އެކި ކުޅިވަރުތަކުގައި ފޯރި ނަގަމުން ދިޔައެވެ. އެންމެ މަޖާކަމަކަށް ދިމާވީ ފެންކުޅިއެވެ. އެކުވެރިންނަށް ވެސް އެންމެ ފޯރި ގަދަވީ ކަމަކީ އެއީއެވެ.

އެކުވެރިންނަށް މަޖާވަނީ އެ މީހުންގެ ގަޔަށް ފެންޖަހާށާއި ކުލަޖަހާން އަންނަ އަންހެންކުދިން އުޅޭތީއެވެ. ހަނި ގޯޅިތަކުން ދުވާއިރު ފާރުމަތިން ވެސް ފެންކޮތަޅުތައް އަންނާތީއެވެ. ފުރާޅުމަތިން ވެސް ހަމަލާތައް އަމާޒުވާތީއެވެ. އެކަމުގެ އަޑީގައި ހުރީ އަހަރެންނެވެ. އަހަރެންގެ ބޭނުމަކީ އެކުވެރީން އުފާކޮށްދިނުމެވެ. އެކުވެރިން ހަމަޖެހިލައިގެން ތަނެއްގައި ތިބަޔަ ނުދިނުމެވެ. އެކަން ވަރަށް ކާމިޔާބުވިއެވެ. އެ ސަކަރާތުގައި އުޅެނިކޮށް އަހަރެންނާ ދިމާއަށް ވެސް ކުލަ ކޮތަޅެއް ހިފައިގެން ކުއްޖަކު އަންނަތަން ފެނުނެވެ. ރަށުގެ ބޮޑުމަގުން އޭނާ އައީ ބާރު ދުވެލީގައެވެ. އަތު ނުވާންވެގެން އަހަރެން ވެސް ދުވަން ފެށީމެވެ. އޭނާ ދުވުމުގެ ސްޕީޑް އަންދާޒާ ކުރެވުނީ ރަނގަޅަކަށް ނޫނެވެ. އަހަރެންގެ ދުވުން ބާރުކުރަން ޖެހުނެވެ. އޭނާ އެއްލި ކުލަ ކޮތަޅު އައިސް ޖެހުނީ އަހަރެންގެ ބުރަކަށީގެ މެދަށެވެ. ކުޑަކޮށް ތަދުވެސް ވިއެވެ. މީހާ ވެއްޓެން ވެސް ވެއްޓުނެވެ. ހިތަށް އެރިއެވެ. ބޮނޑިއެއް ދީފިތާއެވެ. އެ ކުއްޖާ ކާމިޔާބު ވެސް ހޯދައިފިތާއެވެ. ކުޑަކޮށް ލަދުގަތަސް މާ ބޮޑު ކަމަކަށް ނުހަދައި ތެދުވެގެން އެކުވެރިންގެ ގާތަށް އަހަރެން ދިޔައީމެވެ.

"ކޮބާ ހީވޭ ކަމެއްހެން. ރަށުން ބޭރު ކުއްޖަކު އެ ދިޔައީ ހޭއަރުވާލާފައި. އަދިވެސް ބުނާނެ ތިމަންނަ ގަޔަކަށް ކުލައެއް ނުޖެހޭނޭ" އެކުވެރިއަކު ދިމާކޮށްލިއެވެ.

(ނުނިމޭ)