ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހު ނ އަތޮޅާއި ރ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެންނެވުން މަނަދޫ ރައްޔިތުންގެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މިއަދު މެންދުރު ވަގުތު އިބޫ މަނަދޫއަށް ވަޑައިގެންނެވި އިރު މަނަދޫގެ ކުދިބޮޑު އެތައް ސަތޭކަރައްޔިތުންނެއް ބަނދަރު ސަރަހައްދަށް ޖަމާވެފައި އޮތެވެ. ބަނދަރު ސަރަހައްދަށް މަރުހަބާ ދެންނެވުމަށް ނުކުތް މީހުންނާ އިބޫ ވަނީ ސަލާމްކުރައްވާފައެވެ.

އިބޫގެ ޝަރަފްގައި މަނަދޫގެ ރައްޔިތުންގެ ފަރާތުން ވަނީ ތަޤާފީ ކުޅިވަރުތަކެއްވެސް ދައްކާލާފައެވެ.

ނ އަތޮޅާއި ރ އަތޮޅުގެ ރަށްތަކަށް އިބޫފެއްޓެވި މިދަތުރުފުޅަކީ 4 ދުވަހުގެ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މެންދުރުފަހު މަގޫދޫ އަށާއި ޅޮައްސަށް ވަޑާއިގެންނެވުމަށްފަހު ހަވީރު ވަޑައިގަންނަވާނީ މިލަންދޫ އަށެވެ. އެރަށުގައި މިރޭ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ޖަލްސާއެއް ބާއްވާނެއެވެ.

އަދި މީގެ އިތުރަށް މި ދަތުރުފުޅުގައި އިބްރާހިމް މުހައްމަދު ސޯލހިު ރ އަތޮޅުގެ ރަށްތަކަށްވެސް ޒިޔާރަތް ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި މިލަންދޫގެ އިތުރަށް ރ އަތޮޅު ދުވާފަރުގައިވެސް ރަސްމީ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ ކެމްޕޭން ދަތުރުތަކަށް ބަލައިލުމުން ވެސް ކުރިއަށް އޮތް އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބުވާ މަންޒަރު ފެންނަ ކަމަށް ޕާޓީތަކުން ބުނެއެވެ.