ސަރުކާރުގެ ކޮރަޕްޝަން ހުރި މިންވަރަކީ ނ އަތޮޅުގެ އެއް ފަޅު ރަށެއް 7 މީހުންނަށް ދީފައިވުން ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޫނު އަތޮޅަށާއި ރ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ނ މަނަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ނ މަނަދޫގައި ފަތުރުވެރިކަމުގެ ސިނާއަތް ފަށާނީ ކިހިނެއްތޯ ބަލާ ދިރާސާ ކުރިއިރު، ނ އަތޮޅުގެ ފަޅުރައްތައް ނެތް ކަމަށާއި އަތޮޅު ކައުންސިލަށްވެސް އެފަޅުރައްތައް ދީފައިވަނީ ކޮންކޮންބަޔަކަށް ކަމެއްވެސް ނޭނގޭ ކަމަށެވެ.

ފަންސާހަށް ވުރެ ގިނަ ފަޅުރަށް ނ އަތޮޅުގައި އޮތް އިރުގައި މީހަކަށް ނުދީ ބާކީއޮތީ ދެތިން ރަށެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ބައެއް ރަށްރަށް 7 މީހުންނަށް ދީގެން އެމައްސަލަތައް ކޯޓުގައި އެބައޮތް ކަމަށެވެ. އިއްތިހާދު ނުކުމެ މިތިބީ މިސަރުކާރުން ކޮށްފައިވާ ވައްކަމާ ހިޔާނާތް ހޯދުމަށް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރުސީގެ ޚިޔާނަތް ކަމަށެވެ.

އެމްއެމްޕީއާރުސީން ގެއްލިފައި ވަނީ 1.3 ބިލިއަން ރުފިޔާ ކަމުގައި ވީނަމަވެސް އެއަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް އިބޫވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ގެއްލުނު 1.3 ބިލިއަން ރުފިޔާ އެއީ ގެއްލުނު ފައިސާ ކަމަށް ބަލާ، އައިޖީއެމްއެޗްގެ އިމާރާތް ހެދުމަށް ހޭދަކުރި ފައިސާ އެއްކޮށްލީމާ ހުޅުމާލޭގެ ތިން ހުޅުމާލެ ހެދޭނޭ ކަމަށް އިބޫ ވިދާޅުވިއެވެ. މީގެ އިތުރަށް އެމްއެމްޕީއާރުސީން އެފައިސާ ނުގެއްލުނު ނަމަ ސާދަ ހާސް އާއިލާއަށް ބޯހިޔަވަހިކަން ހޯދައިދެވޭނެ ކަމަށާއި 34 ބަނދަރާ 15 އެއާޕޯޓު ހެދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މިސަރުކާރުން ތަރައްގީގެ ވާހަކަ ދައްކަމުންދާއިރު އެތަރައްގީ އެއޮތީ އެބޭފުޅުންގެ ޖީބުގައި ކަމަށް އިބޫ ވިދާޅުވިއެވެ.

އިއްތިހާދު ވެރިކަމެއްގައި އެންމެ އިސްކަމެއް ދީގެން އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯއްދަވާނެކަމަށް އިބޫ ވިދާޅުވިއެވެ.