ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް އެކަށީގެންވާ ސްޕީޑުގައި ކުރިޔަށް ނުގެންދެވެނީ ކައުންސިލްތަކުގެ ސަބަބުންކަމުގައި ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނުކުފާނު މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހދ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައި ދެއްވައި އެރަށު ރައްޔިތުންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ފުޓުސަލް ދަނޑުތައް އަޅަން ބިން ހޯދުމަށް ކައުންސިލްތަކުގައި އެދުމުން އެކަމަށް ބިންނުދީ ލަސްކުރަމުންދާތީ ފުޓުސަލް ދަނޑުތައް ނޭޅި ލަސްވަމުންދާކަމަށެވެ.

މަޝްރޫއުތައް ހިންގުމަށް އެއްބާރުލުން ދޭކަމުގައި ކައުންސިލްތަކުން ބުނަމުންދާއިރު ބިން ނުދީ ހިފަހައްޓާފައިވަނީ ކޮންކައުންސިލަކުން ކަމެއް ރައީސް ޔާމީން ވިދާޅެއް ނުވޭ،، އަދި ވިދާޅުވީ އެއީ ނޮޅިވަރަންފަރަށް އަމާޒުކޮށް ވިދާޅުވާ ވާހަކައެއް ނޫންކަމަށެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކަށް ތާއިދު ކުރާ މުވައްޒަފުންނާއި މެދު ތަފާތުކޮށް މިސަރުކާރުން ފިޔަވަޅު އަޅަމުން ގެންދާއިރު ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ކުރުމުގައި ސިޔާސީ ފިކުރު ދުރަށްލާންޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ބޭނުންވާ ގޮތަށް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމުން ދެންޖެހެނީ ވަރުގަދަ ޤާނޫނީ ފިޔަވަޅެއްގެ ތެރެއިން ކަންކަން ކުރަން ކަމުގައެވެ.

މިސަރުކާރުން ޤާނޫނުތަކަށް ބަދަލުގެނެސް ކައުންސިލްތަކުގެ އިހުތިޞާސްތަކާއި ޤާނޫނީ ޒިންމާތައް މަރުކަޒީ ސަރުކާރަށް ނަގާފައި ވާއިރު، ރައީސް ޔާމީނު ވިދާޅުވީ، ކައުންސިލްތަކުން އެންމެ ފުންމިނުގައި އިޚުލާސްތެރިކަމާއި އެކު މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިދިކޮޅު މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ތަރައްޤިގެ މަޝްރޫއުތައް ހިންގުމަށް ހުރަސް އަޅާކަމުގައި ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ކައުންސިލްތަކުން އެކަން ދޮގުކުރެއެވެ.

ރައީސް ޔާމީން މިއަދު ހދ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިރޭ ކުޅުދުއްފުއްޓަށްވެސް ވަޑައިގަންނަވާނެްއެވެ.