ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިންމޭޓް ފައިސަލް ނަސީމް ފުވައްމުލަކަށް ކުރެއްވި ކެމްޕެއިން ދަތުރު ފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ފައިސަލް ފުވަމުލަކަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފައިސަލްގެ އުފަންރަށް ކަމަށްވާ ފުވައްމުލަކަށް އެމަނިކުފާން ވަޑައިގަތުމުން އެރަށު އެއާޕޯޓުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އަދި ރިޔާސީ އިންތިޚާބުގެ 2 ނަންބަރު ކެންޑިޑޭޓް އިބޫގެ ރަނިންމޭޓް ފައިސަލް ފުވައްމުލަކަށް ކުރެއްވި މިދަތުރު ފުޅުގައި ދޮރުންދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ހާލަތު ބައްލަވާލައްވާލެއްވުމުގެ އިތުރުން އެރަށުގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ބޮޑު ޖަލްސާގައި ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން އެޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިސަރުކާރުގެ އަނިޔާއަށް ދިވެހިން ކެތްކޮށްފި ކަމަށެވެ. ފައިސަލް ވިދާޅުވީ މި ޤައުމުން ފެނިގެންދަނީ ވަކިބައެއްގެ އުފަލަށް ޤާނޫނުއަސާސީ އާއި ހިތުހުރިގޮތަކަށް ކުޅެމުންދާތަން ކަމަށެވެ. އަދި މިއަދު ދިވެހިން ގޮވަމުން ދަނީ އެކަން އިއާދަކޮށްދިނުމަށް ކަމަށާއި، ރައްޔިތުން މިއަދު އެކަންކަން ބަލައިނުގަންނަކަން މުޅި ރާއްޖެއަށް ބަލާލުމުންވެސް އެތަން ފެނިގެންދާކަމަށެވެ.

ފައިސަލް ނަސީމް ވިދާޅުވީ ފުވައްމުލައްސިޓީ އަށް ބަލާލިނަމަވެސް ރައްޔިތުންގެ ވަރަށްބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަމަށެވެ. އެގޮތުން ރަށް ގިރަމުންދާކަމުގެ ޝަކުވާ އާއި، ސިއްޙީ ނިޒާމާއި، މަގުތަކާއި އެނޫންވެސް ގޮތްގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފުރިހަމަވެފައި ނެތްކަމުގެ ޝަކުވާ ތަކުރާރުކޮށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

ރަށުގެ މުޅި ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ފައިސަލް ވަނީ މީގެ ކުރިން ވެސް ކެމްޕޭނުގައި ފުވައްމުލަކަށް ވަޑައިގެންފައެވެ. ކުރިން ވަޑައިގަތީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާ ދެބޭފުޅުން އެކުގައެވެ. އެފަހަރުވެސް ފުވައްމުލަކުން ދެބޭފުޅުންނަށް ވަރަށް ބޮޑު ތާއީދެއް ވަނީ ލިބިވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ދެބޭފުޅުން ގެންދަވަނީ އެކުގައާއި އަދި ވަކިންވެސް އެކި ރަށްތަކަށް ދަތުރުފުޅު ކުރައްވަމުންނެވެ. މިދަތުރުތަކުން ފެންނަ މަންޒަރުުތަކުން ވެސް އިދިކޮޅު އިއްތިހާދަށް އިންތިޚާބު ކާމިޔާބުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ޕާޓީތަކުން ބުނެއެވެ.