މިސަރުކާރުން ރާއްޖެވަނީ ސަލާމަތް ނުވެވޭ ދަރަޖައަށް ދަރަނިވެރިކޮށްލާފައި ކަމުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ، ރ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ރ އަނގޮޅިތީމު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އަނގޮޅިތީމު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ސަރކާރުން ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގުމަށް ފަހު ދެން ކުރާކަމަކީ ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތައް ނަގައި ރާއްޖެ ދަރުވާލުން ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިތިބީ ސަލާމަތް ނުވެވޭ ހިސާބަށް ގޮސްފައި. މިސަރުކާރުގެ މިއަހަރު ނިމިގެން ދާއިރު ރާއްޖޭގެ ދަރަނި 50 ބިލިއަނަށް އެންމެ ކުޑަމިނުން އަރާނެ. މީ އަދި ބަޖެޓުގައި ފެންނަން އޮތް އަދަދު." އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ދައުލަތުން ދީފައިވާ ސޮވެރިން ގެރެންޓީ އާއި ވިއްކާފައިވާ ބޮންޑުތަކުގެ އަގުތައް އެއްކޮށްލީމާ އެއަދަދުތައް އެތައް ގުނައަކަށް އިތުރުވެގެން ދާކަމަށެވެ.
އަދި ވިދާޅުވީ ދައުލަތަށް ލިބޭ އާމުދަނީ ލޯނުތަކަށް ފައިސާ ދައްކާފައި ބާކީ ވާނެ އެއްޗެއް ނޯންނާނެ ކަމަށާއި އެދަރަޖައަށް ރާއްޖޭގެ ހާލަތު ގޮސްފައިޥާ ކަމަށެވެ. ރ އަތޮޅުގެ ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ހަވީރު އިބޫ ދެން ވަޑައިގެންނެވީ ރ ވާދޫއަށެވެ.
ރ ވާދޫގެ ކުދިބޮޑު ރައްޔިތުންވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު ވާދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށްވެސް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގައި ހައްލު ހޯއްދަަވައި ދެއްވާނެ ކަމުގައެވެ.
އިބޫ ވިދާޅުވީ، އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކޯލިޝަނަކީ ރައްޔިތުންގެ ކޯލިޝަނެއް ކަމަށެވެ.
އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދީ އިންސާފު ހޯދައިދީ ދައުލަތުގެ ޚަޒާނާއިން ގެއްލިފައިވާ ފައިސާ ހޯއްދަވައި ދެއްވާނ ކަމުގައެވެ.
"ފުރަތަމަ ކަމަކަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުން. ދެވަނަ ކަމަކަށް އިންސާފު ހޯދައި ދިނުން. ތިންވަނަ ކަމަކަށް ވަގަށް ނަގާފައިވާ ރައްޔިތުންގެ ފައިސާ ހޯދުން" އިބޫ ވިދާޅުވިއެވެ.
ރ ވާދޫއަށް ފަހު އިބުރާހިމް މުހައްމަދު ސޯލިޙް ބުރާސްފަތި ދުވަހު ހަވީރު ވަޑައިގެންނެވީ ރ އަލިފުއްޓަށެވެ.
އެރަށުގެ ރައްޔިތުންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި ވެއެވެ. އަލިފުށީގެ ބަނދަރުމަތިންވެސް އިބޫވަނީ ރައްޔިތުންނާއި ސަލާމްކުރައްވައި ހާލު އަހުވާލު އޮޅުންފިލުއްވާފައެވެ.