ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ނިލަންދެއަތޮޅަށް ފެއްޓެވި ދަތުރުފުޅިގައި މިއަދު 4 ރަށަކަށް ވަަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއެކު އެކަމަނާ މިއަދު ހެނދުނު ފުރާވަޑައިގަތީ ކެމްޕެއިން ދަތުރުތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ޖުމްހޫރީ ވިންދު"ގައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ނިލަންދެއަތޮޅަށް ފެއްޓެވި މިދަތުރު ފުޅަކީ ފ އަތޮޅާއި ދ އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެގޮތުން އެކަމަނާގެ ޓީމު ބުރާސްފަތި ދުވަހު އެންމެ ފުރަތަމަ ވަޑައިގަންނެވީ ދ. ރިނބުދޫއަށެވެ. އެރަށުން ވަނީ އެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އައިޝާ ވަނީ ރިނބުދޫގައިވެސް ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާއި ބައްދަލުކުރައްވައި، ހާލު އަހުވާލު އޮޅުން ފިލުއްވާފައެވެ.
ރިނބުދޫއަށް ފަހު ދ ހުޅުދެއްޔަށް ވަޑައިގެންނެވި އިރު އެރަށުން އައިޝާ އަށާއި ޖުމުހޫރީ ވިންދުގެ ޓީމަށް ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައިވެއެވެ.
އެގޮތުން އެބޭފުޅުން ޝަރަފުގައި ވަރަށް ޚާއްސަ ސަޤާފީ ކުޅިވަރު ހަރަކާތްތަކެއް ވަނީ ދައްކާލާފައެވެ.
އައިޝާ ވަނީ ދ ހުޅުދެލީގައި އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަިއ ވާހަކަފުޅު ދައްކަވާފައެވެ.
މިގޮތުން އެކަމަނާގެ ވާހަކަފުޅުގައި، ދ ހުޅުދެއްޔަކީ އެކަމަނާގެ ލޮބުވެތި ފިރިކަލުން ޤާސިމް އިބުރާހިމްގެ ޅަދުވަހު ދިރިއުޅުއްވި ރަށްކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ހުޅުދެއްޔަކީ އެބޭފުޅުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް 90 އިންސައްތަ ވޯޓު އެރަށުން ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑު އެދެން ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން އަޅުގަނޑުމެން މިކުރާ އިސްްލާހީ މައްސައްކަތުގައި އެއްބާރުލުން ދެއްވައި، މިރަށަކީ އަޅޫގަނޑުމެންގެ މިކޯލިޝަންގެ އަޅުގަނޑުމެންގެ ކެންޑިޑޭޓު އިބުރާހިމް މުޙައްމަދު ޞާލިޙަށް +90 ޕަސެންޓް ވޯޓު ލިބޭނެ ރަށެއް ކަމުގައި ވާން." އައިޝަތު ނަހުލާ ވިދާޅުވިއެވެ.
ހުޅުދެލިން ކީ ހޫނު މަރުހަބާ ފާހަގަކުރައްވައި ޖުމުހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން ޢަލީ ސޯލިޙް ވިދާޅުވީ، އެމަރު ހަބާއިން ފެނިގެން ދިޔައީ ދިވެހި ރައްޔިތުން ތިބި ގޮތްކަމަށެވެ.
އަދި ސެޕްޓެމްބަރު 23 ގެ އިންތިޚާބުގައި ބޮޑުތަފާތަކުން ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރާނެ ކަމަށް އަލީ ސޯލިޙު ވިދާޅުވިއެވެ.
"ޔާމީން ޢަބުދުލްޤައްޔޫމަކީ ކޮންމެ ފަދަކަމެއް ކޮންމެ ފަދަ ވަގުތެއްގައިވެސް ކޮށްފާނެ މީހެއް. އަޅުގަނޑުމެންނަކަށް ނުތިބެވޭނެ މިކަންކަން ދޫކޮށްލައިގެނެއް. އަޅުގަނޑުމެން މިކުރާ މަސައްކަތް މެދުކެނޑުމެއް ނެތި އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން. ސެޕްޓެމްބަރު 23 ވަނަ ދުވަހު ވޯޓުލާއިރުގައި އެނަތީޖާ އަޅުގަނޑުމެންނަށް އެނބުރިގެންދާނެ." ޢަލީ ސޯލިޙް ވިދާޅުވިއެވެ.
ދ ހުޅު ދެއްޔަށްފަހު އެއަތޮޅު ބަނޑިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއިވެސް އާއިޝާ ވަނީ ބައްދަލު ކުރައްވާފައެވެ. ބަނޑިދޫއަށް ފަހު ބުރާސްފަތި ދުވަހު އިރު އޮއްސުނު ވަގުތު އައިޝާ އާއި ޖުމުހޫރީ ވިންދުގެ ކެމްޕޭންޓީމް ދެން ވަޑައިގެންނެވީ ދ މީދޫއަށެވެ. ގުޅިފައިވާ ޕާޓީތަކަށް ބޮޑު ތާއީދެއް އޮންނަ ދ މީދޫއިންވެސް އައިޝާ އަށާއި ކެމްޕޭން ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ނިލަންދެއަތޮޅަށް މިކުރައްވާ ދަތުރު ފުޅުގައި ހުކުރު ދުވަހުވެސް ބައެއް ރަށްރަށަށް ވަޑައިގަންނަވާނެއެވެ.