ގުޅިފައިވާ ސަރުކާރުން ކުރާނެ އެންމެ މުހިންމު އެއްކަމަކީ، ޓްރާންސިޝަނަލް ޖަސްޓިސް ނުވަތަ އިންތިގާލީ އަދާލަތު ގާއިމްކުރުން ކަމަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ރ. އަލިފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 18 މަސްދުވަހުގެ އެންމެބޮޑު އަމާޒަކީ އިންތިގާލީ އަދާލަތު ގާއިމްކުރެއްވުން ކަމަށެވެ.

އެގޮތުން، އެ މުއްދަތުގެ ތެރޭގައި، ސިޔާސީ ބޭނުމަށް ޖަލަށްލެވިފައިވާ ފަރާތްތަކާއި، އެނޫންވެސް ގޮތްގޮތުން ބަންދުކުރެވިފައިވާ ފަރާތްތައް، ޖަލަށް ލެވިފައިވާ ސަބަބުތައް މުރާޖައާ ކުރައްވާނެ ކަމަށާއި، އެގޮތުން ވަގުތުން ދޫކޮށްލަންޖެހޭ ފަރާތްތައް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ސިޔާސީ ބޭނުމަށް ވަޒީފާއިން ވަކިކޮށްފައިވާ ސިވިލް ސާވަންޓުންނާއި، ކުންފުނިތަކުގެ މުވައްޒަފުންނާއި، ސިފައިންނާއި ފުލުހުންގެ ތެރެއިންވެސް ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށް އަނބުރާ ވަޒީފާ ދެއްވާނެ ކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ގެއްލުމުގެ ބަދަލު ހޯއްދަވައި ދެއްވާނެ ކަމަށްވެސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ގުޅިފައިވާ ސަރުކާރު ވެރިކަމަށް އައިސް، ވަކި ބަޔަކަށް ނުވަތަ ވަކި ފަރާތަކަށް މަންފާވާގޮތަށް ނުވަތަ ގެއްލުންވާގޮތަށް ނިންމާފައިހުރި މަދަނީ މައްސަލަތައްވެސް އަލުން މުރާޖައާކުރެވި، އޭގެ ރަނގަޅުގޮތް ހޯއްދަވައި، އެފަރާތަކަށް ދޭންވާ ބަދަލު ހޯއްދަވައި ދެއްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ދައުލަތަށް ގެއްލުންވާގޮތަށް ވެފައިވާ އެއްބަސްވުންތައް ވެސް އަލުން މުރާޖައާ ކުރައްވައި އޭގެ ރަނގަޅުގޮތް ހޯއްދަވާނެ ކަމަށާއި، މަގާމުގެ ޒިންމާ ނުއުފުލުގެ ސަބަބުން ރައްޔިތުންނަށް ވެފައިވާ ގެއްލުން ބައްލަވާނެ ކަމަށާއި، އޭގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޒިންމާކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

މިކަން މިގޮތަށް ކުރެވޭނީ، ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން ކަމަށް އިބޫ ވިދާޅުވިއެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ ދަތިތަކާއި އުނދަގޫތަކެއް ކުރިމަތީގައި ހުރި އިންތިޚާބެއް ކަމަށާއި، އެހެންނަމަވެސް، މިހިސާބަށްވެސް އާދެވިފައިމިވަނީ ފަހަރަކު ހުރަހެއް ގިރާކުރަމުން އައިސް ކަމަށް އިބޫ ވިދާޅުވިއެވެ.

އެހެންކަމުން، ދެންވެސް ކުރިމަތިވާ ހުރަސްތައް ގިރާކޮށް 23 ސެޕްޓެމްބަރުގައި މިނިވަން ކަމާއެކު ވޯޓްލައި، ރައްޔިތުން ބޭނުންވާގޮތަށް ވޯޓު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ. މިއީ ގައުމު ސަލާމަތް ކުރުމުގެ ފުރުސަތު ކަމަށާއި، އިންސާނީ ކަރާމާތް ހިމާޔަތްކޮށް، ހަމަހަމަކަމާއި އިންސާފު ގާއިމްކުރަން ލިބޭ ފުރުސަތު ކަމަށާއި، އެންމެ އަތުގުޅާލައިގެން މަސައްކަތް ކުރުމަށް ރައްޔިތުންގެ ކިބައިން އިބޫ އެދިވަޑައިގެންނެވިއެވެ.

އިބްރާހިމް މުހަންމަދު ސޯލިހްވަނީ، ރައްޔިތުން ބޭނުންވާ މަގްސަދާއި، ރާއްޖެ ބޭނުންވާ އިސްލާހް ހޯދުމަށްޓަކައި ބިރުފަހަނައަޅައި ނުކުތުމަށް ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނަށާއި، ކުންފުނިތަކުގެ މުވައްޒަފުންނަށް ގޮވާލައްވާފައެވެ.

ރާއްޖެ ތަރައްގީކުރަން ބޭނުންފުޅުވަނީ، ލާމަރުކަޒީ ނިޒާމަށް ކަމަށާއި، ކައުންސިލްތަކަށް ބާރުތައް ދީގެން ކަމަށްވެސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.