ސެޕްޓެމްބަރު 23 އާ ހަމައަށް ރައްޔިތުން ސާބިތުކަންމަތީ ދެމިތިބެންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ފ.އަތޮޅާއި ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދ.މާއެނބޫދޫއަށް މިއަދު ވަޑައިގެން ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އައިޝަތު ނަހުލާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދެވުމުގެ ގޮތުން އެކަމަނާއަށް ވެސް މިހާތަނަށް ގިނަ ރަށްތަކަކަށް ދަތުރުފުޅު ކުރެއްވިފައިވާ ކަމަށެވެ. ރަށްތަކުން ފެންނަ މަންޒަރުތަކުން ވަރަށް އުފާކުރައްވާ ކަމަށާއި ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް ފެނިގެންދާ ކަމަށް އައިޝާ ވިދާޅުވިއެވެ.

އައިޝާ ވިދާޅުވީ ރައްޔިތުންގެ ތަރުހީބާއި ތާއީދު ކިތަންމެ ބޮޑު ނަމަވެސް އެވަރުން އަދި ނުފުދޭ ކަމަށެވެ. އިސްލާހީ މަސައްކަތުގެ ނަތީޖާ ފެންނާނީ ސެޕްޓެމްބަރު 23ގައި ނަގާ ވޯޓާ ހަމައިން ކަމަށާއި އެހެންކަމުން އެދުވަހާ ހަމައަށް ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ތިބެންޖެހޭ ކަމަށެވެ. އެކަމަނާ ވިދާޅުވީ މިމަސައްކަތުގައި ބައިވެރިވުމަކީ މިއަދު ކޮންމެ ރައްޔިތަކުވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އާއިލާއަށް އެކަނި ބެލިޔަސް އެތައް ހިތާމައަކާއި ވޭނެއް ތަހަންމަލްކުރަން ޖެހިފައި މިވަނީ. މިހިތާމައާއި ވޭން އެހެން ބަޔަކު، އެހެން ކުޑަކުދިންތަކެއް، އެހެން އާއިލާއެއް ތަހަންމަލް ކުރަން އަޅުގަނޑު ނޭދެން. އަޅުގަނޑުމެންގެ ދަރިންނާއި މައިންނާއި ބަފައިންނާއި ފިރިންގެ ހައްގުގައި އިސްލާހީ މަސައްކަތަށް ނުކުންނަން ޖެހޭ" އައިޝާ ވިދާޅުވިއެވެ.

އައިޝާ ވިދާޅުވީ އެކަމަނާގެ އިލްތިމާސަކީ ސަރުކާރު ބަދަލުކުރުމަށް ލާ ވޯޓު އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމަށް ކާމިޔާބުވާނެ ގޮތް ހަދައިދިނުން ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަސް ވެގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް އައު މިނިވަންކަމެއް ލިބިގެންދާ، މުޅިން އައު މިނިވަންދުވަހަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ނިލަންދެއަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅުގެ ގިނަ ރަށްތަކަކަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކަމަނާ ވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެއވުމުގެ ގޮތުން މީގެ ކުރިން ލ.އަތޮޅާއި އދ.އަތޮޅަށް ވެސް ދަތުރުފުޅު ކުރައްވައި ވަރަށް ކާމިޔާބުކަމާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާފައެވެ.