ވޭތުވެދިޔަ ހަ އަހަރަކީ ރާއްޖެ ދުށް އެންމެ ބިރުވެރި ނާމާން ދުވަސްތައް ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިބްރާހީމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިކޮށް މަރާލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ އުފަން ރަށް އުނގޫފާރަށް ވަޑައިގެން އެމަނިކުފާނުގެ ހަނދާންތައް އާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ޑރ އަފްރާޝީމަކީ އެމަނިކުފާނުގެ ވަރަށް ގާތް ބޭއްފުޅެއް ކަމަށެވެ. ޑރ. އަފްރާޝީމަކީ މިގައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެހަނދާންތައް އަޅުގަނޑުމެންގެ ތެރެއިން ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދާ ހަމައަށް އައިއިރުވެސް ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައަށް އިންސާފު ލިބިފައި ނުވާ ކަމަށާއި އޭރު އުމުރުން އަށާރަ އަހަރު ނުވާ ކުއްޖެއްގެ ބޮލުގައި އެކަން އަޅުވާ ނިންމާލާފައިވާ ކަމަށެވެ. އެހެންކަމުން އިއްތިހާދުގެ ސަރުކާރެއްގައި ގޮތް ނޭނގޭ ގޮތަށް ހިނގާފައިވާ މިފަދަ މަރުތަކުގެ ހަގީގަތް ހޯދައި އެއީ ކިހިނެއް ހިނގާފައިވާ ކަންތައްތަކެއްތޯ ބަލައި އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި ކުރާނެ އެއް މަސައްކަަތަކީ މިގޮތަށް ގޮތްނޭނގޭ ގޮތަށް މަރުވެފައިވާ ނުވަތަ މަރާލާފައިވާ މީސްމީހުންގެ ހަގީގަތް ހޯދައި، އެއީ ކިހިނެއް ވެފައި އޮތް ކަމެއްތޯ ބަލައި އެފަރާތްތަކަށް އިންސާފު ހޯދައިދިނުން. ވޭތުވެދިޔަ ހައެއްކަ އަހަރަކީ މިރާއްޖެ ދުށް އެންމެ ބިރުވެރި ނާމާން ދުވަސްތައް. ޑރ.އަފްރާޝީމްގެ މަަރަށްފަހު މިރާއްޖޭގެ މަގުތަކުގައި ވަނީ 31 މީހަކު ގޮތްނޭނގޭ ގޮތަށް މަރާލެވިފައި. އޭގެ ތެރޭގައި 23 ޒުވާނަކު ވެސް ހިމެނޭ. މިއަދާ ހިސާބަށް ވެސް އެކަންތައް ވަނީ ނުބެލި. އެކަމަކު އެއީ ކުރަންޖެހޭ ކަމެއް" އިބޫ ވިދާޅުވިއެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިފަދަ ކަންތައްތަކުގެ ހަގީގަތް ހޯދުމަށް ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް އެކަން ކުރައްވާނެ ކަމަށާއި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

އުނގޫފާރަކީ ރ.އަތޮޅުގައި ތަރައްގީގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރި ރަށެއްކަން ފާހަކުރައްވާ އިއްތިހާދުގެ ކެންޑިޑޭޓް ވިދާޅުވީ ރައީސް މައުމޫގެ ސަރުކާރުން ބިނާކުރި ހޮސްޕިޓަލާއި އެމްޑީޕީން ގާއިމްކުރި ދަތުރުފަތުރުގެ ނިޒާމްގެ ސަބަބުން އެރަށުގެ ތަރައްގީ ދިޔައީ ވަރަށް ބާރަށް ކުރިއަރަމުން ކަމަށެވެ. އަދި އިއްތިހާދުގެ ސަރުކަރެއްގައި އުނގޫފާރު ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް، ދަތުރުފަތުރުގެ ނިޒާމްވެސް އިތުރަށް ހަރުދަނާ ކުރާނެ ކަމަށާއި، އޭގެ ސަބަބުން ރަށަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް އިލެކްޝަންސް ކޮމިޝަނުން ގިނަ އަދެއްގެ ރީރަޖިސްޓްރޭޝަން ފޯމު ބާތިލްކޮށްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ އޭގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ފޯމުތައް ކަމަށެވެ. އެގޮތުން އަމިއްލައަށް ރަޖިސްޓަރީ ކުރި ބައެއް މީހުންގެ ފޯމުތައްވެސް ބާތިލްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މަންމަ ރަޖިސްޓަރީ ކުރީ ސިލޯނަށް. ބާތިލްކޮށްފައި އޮތީ. މިމަހުގެ 15 ވަނަ ދުވަހު މަންމަގެ ރައްޓެއްސަކު ރަޖިސްޓަރީ ވެފައި ޗިޓް ދީފައި އޮތީ. އިއްޔެ ބަލައިލިއިރު އޮތީ އެހެން ތަނަކަށް ބަދަލުކޮށްފައި. ރީރަޖިސްޓްރޭޝަނަށް ލީ ފޯމުތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން މުލިއާގޭގައި އޭގެ ތަފުސީލްތައް ހުރިކަން ޔަގީން. އެބަލައިގެން ވަކިވަކި މީހުންނަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ގުޅައި މައުލޫމާތު ހޯދައި އެލިސްޓު ވަނީ ގަޑުބަޑުކޮށްފައި" އިބޫ ވިދާޅުވިއެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކިތަންމެ ގިނައިން ރީރަޖިސްޓަރީ ކުރަން ޖެއްސި ކަމުގައިވިޔަސް ރައްޔިތުން އެކަން ކުރާނެ ކަމަށާއި މިފަހަރު ތިބީ ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ.