ޗައިނާގެ ސްމާޓްފޯނު އުފައްދާ ކުންފުންޏެއް ކަމަށްވާ ވާވޭއިން އެކުންފުނީގެ ފޯނުތަކުގެ އިޝްތިހާރުގައި ފޯނުން ނަގާފައިވާ ސެލްފީތައް ނެގުމަށް ޑީއެސްއެލްއާރު ކެމެރާ ބޭނުންކުރާކަން ފަޅާއެރުމުން ބޮޑު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ސެލްފީތައް ނެގުމަށް ޑީއެސްއެލްއާރު ކެމެރާ ބޭނުންކުރާކަން ފަޅާއެރީ އެކުންފުނިން އަލަށް ނެރުމަށް ހަމަޖެހިފައިވާ ވާވޭ ނޯވާ 3 ފޯނުގެ އިޝްތިހާރުތަކުގައި ހަރަކާތްތެރިވާ އެކްޓްރެސްއެއް އިޝްތިހާރު ނެގުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކުރުމުންނެވެ.

ސާރާ އަލްޝާމީ ކިޔާ މި އެކްޓްރެސް ނަގާފައިވާ ފޮޓޯތައް މީސްމީޑިޔާ ސައިޓެއް ކަމަށްވާ ރެޑިޓުގެ ޔޫޒަރަކަށް ފެނުމުން އެފޮޓޯތައް ވަނީ ރެޑިޓުގައި ހިއްސާކޮށްފަ އެވެ. ސާރާ އޭނާ ޖެހި ފޮޓޯތައް ފަހުން ފޮހެލި ނަމަވެސް އެ ފޮޓޯތަކުގެ ސްކްރީންޝޮޓުތައް އަދިވެސް އަންނަނީ ދައުރުވަމުންނެވެ.

"އެ ފޮޓޯއިން ދައްކުވައިދޭން މަސައްކަތްކޮށްފައިވަނީ އެ ފޯނުގެ އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކޮށްގެން މަސައްކަތްކުރާ ބިއުޓީ ފީޗާގެ ސަބަބުން އަސްލު މޭކްއަޕް ނުކުރި ނަމަވެސް، މޭކްއަޕް ކޮށްފައި ހުރި ހެން ހީވާ ގޮތް ހަދައިދޭކަން" ޓެކްނޮލޮޖީގެ ޚަބަރު ގެނެސްދޭ ސައިޓެއް ކަމަށްވާ އާސްޓެކްނިކާއިން ހާމަކުރެ އެވެ.

ވާވޭއިން ފާޑުކިޔުންތަކަށް ރައްދުދެމުން ބުނެފައިވަނީ އިޝްތިހާރުގެ އެއްވެސް ހިސާބެއްގައި ފޮޓޯތައް ނަގާފައިވަނީ ނޯވާ 3 ސްމާޓްފޯނުން ކަމަށް ސާފުކޮށް ބުނެފައިނުވާނެ ކަމަށެވެ. އެހެންނަމަވެސް މިކަމުގެ ސަބަބުން އެކުންފުންޏަށް ވަނީ މީސްމީޑިޔާގައި ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފަ އެވެ.