ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހަފްތާއެއް ކުރިން ރައީސް އަބްދުﷲ ޔާމީން މިއިންތިހާބު ދޫކޮށްލައްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. މާކުރަތަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ގުޅިފައިވާ ކޯލިޝަނަށް ތާއީދުކުރާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށެވެ. އެހެންވަނީ މިސަރުކާރަށް ތާއީދުކުރައްވާ އިސް ބޭފުޅުންނާއި ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން ކަމަށާއި އެފަދަ ވާހަކަތައް ރައްޔިތުން މިހާރު ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"މިއަދު އެބޭފުޅުންގެ ވާހަކަތައް އަޑުއެހުމަށްފަހު މާދަމާ އެނބުރި އަޅުގަނޑުމެންނާ ގުޅެން ތައްޔާރަށް ތިއްބެވި ބޭފުޅުން ވެސް އެބަފެނޭ. އެއް ދުވަހު އެތަނުގައި ޖަލްސާގައި ތިބެފައި އަނެއް ދުވަހު އަޅުގަނޑުމެންނާ އައިސް ޕޯޑިއަމަށް އަރާ ސޮއިކުރޭ އެބަ. މިއީ މިއަދު ރައްޔިތުން ތިބި ގޮތަކީ. އެބަދަލު އަންނަމުން ގޮސް އިރާދަކުރެއްވިއްޔާ 23 ސެޕްޓެމްބަރު އައުމުގެ ހަފްތާއެއް ކުރިން އަޅުގަނޑަށް ފެންނަނީ ރައީސް ޔާމީން މިއިންތިހާބު ދުކޮށްލައްވާތަން. ތާއީދު ނެތް ކަން ރައްޔިތުންގެ ތާއީދު ނެތް ކަން އެމަނިކުފާނަށް ވަރަށް ސާފުކޮށް ފެނިގެންދާނެ،" އިބޫ ވިދާޅުވި އެވެ.