އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ މުއައްސަސާތަކުން ޤާނޫނީ ގޮތުން ލިބިފައިވާ ބާރުތަަކުގެ ބޭރުން ކަންކަން ނުކުރެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑޑޭޓުގެ ރަނިންމޭޓު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ފައިސަލް ނަސީމް މިކަމަށް ގޮވާލެއްވީ އެމަނިކުފާނު މިއަދުު ފެއްޓެވި ށ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، އެރަށުގައި ގުޅިފައިވާ ޕާޓތަކުގެ ޖަގަހަ ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފައިސަލް ނަސީމް ވިދާޅުވީ، މިއަދު ރައްޔިތުން ތިބީ ވަރަށް ބޮޑު ނުތަނަވަސް ކަމަކާއި ސުވާލުތަކެއްގެ ތެރޭގައިކަމަށެވެ. މިގޮތުން ރައްޔިތުން ލާ ވޯޓާއި އެެއްގޮތަށް ނަތީޖާ ނުކުންނާނޭ ކަމާއި މެދުވެސް ސުވާލު ކުރާކަމަަށެވެ.

ފައިސަލް ނަސީމް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް އެކި ގޮތްގޮތުން ބިރުދައްކަމުން ދާކަމަށާއި އެތުހުމަތުތަކާއި ސުވާލުތައް އުފެދެމުން ދަނީ އެހެންވެ ކަމަށެވެ. އަދި ތަރައްޤީގެ ނަމުގައި ސަރުކާރުން ދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން ކަމުގައިވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑު ގޮވާލަން ބޭނުންވަނީ އިލެކްޝަންސް ކޮމިޝަނާއި ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް، ޤާނޫނު އަސާސީ އާއި ޤާނޫތަކުން ލިބިދޭ ބާރުތައް ފިޔަވައި، އެހެން އެއްވެސް ބާރެއްގެ ބޭނުމެއް ކޮށްގެން ނުވާނެ." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޙަޤިޤީ ބާރުވެރިންނަކީ ދިވެހިރައްޔިތުން ކަމަށާއި ދިވެހިޤައުމުގެ ކަންކަން ނިމިގެންދާން ވާނީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އެ ހައްޤު ޤާނޫނު އަސާސީން ލިބިދީފައި ވަނީ ދިވެހި ރައްޔިތުންނަށް ކަމަށާއި އެއީ ނިގުޅައި ގަނެވޭނެ ހައްޤެއް ނޫންކަމުގައި ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ށ އަތޮޅަށް މިއަދު ފެއްޓެވި މިދަތުރުފުޅުގައި މެންދުރުފަހު ވަނީ ށ ގޮއިދޫއަށްވެސް ވަޑައިގެންފައެވެ. އެރަށުންވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި ވާއިރު، ށ އަތޮޅަށް މިއަދު ފެއްޓެވި މިދަތުރުފުޅުގައި މިރޭ މަޑު ކުރައްވާނީ އެއަތޮޅު މިލަންދޫގައެވެ.

މިލަންދޫައި މިރޭ ގުޅިފައިވާ ޕާޓީތަކުގެ ޚާއްސަ ޖަލްސާއެއް ބާއްވާނެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓު ފައިސަލް ނަސީމް ށ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅު ނިންމަވާލައްވާނީ އަންގާރަ ދުވަހު އެވެ. މިދަތުރުފުޅުގައި އެއަތޮޅުގެ 7 ރަށަކަށް ފައިސަލް ވަޑައިގަންނަވާނެއެވެ.