ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު ރައްޔިތުންގެ މާޔޫސްކަން ކެނޑި މޫނުމަތިން އުޖާލާކަން ފެންނާނެ ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެއަތޮޅު ނަރުދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރަށްރަށަށް ކުރަމުންދާ ކެމްޕޭން ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުންނާ ބައްދަލުކޮށް ބޭނުންވާ ކަންކަން އޮޅުންފިލުވުން ކަމަށެވެ. އަބަދުވެސް ބަލާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކަމަށާއި ފިނިކޮޓަރީގައި ނުތިއްބަވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ދޭނެ ކަމަށާއި ބައިތުލްމާލުން ފައިސާ ބޭނުންކުރާނީ ހަމައެކަނި ރައްޔިތުންގެ ތަރައްގީއަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ރައްޔިތުންނަށް އިހުމާލުވެފައި ކަމަށާއި ހުރިހާ ރަށަކުން ވެސް އެކަން ފެންނަ ކަމަށެވެ. އެކަންކަން އިސްލާހުކޮށް، ގުޅިފައިވާ ޕާޓީތަކުގެ 5 އަހަރު ނިންމާލާއިރު ރައްޔިތުންގެ މާޔޫސްކަން ކެނޑި މޫނުމަތިން އުޖާލާކަން ފެންނާނެ ކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ކޮރަޕްޝަނަށް އިސްރާފުވެގެންދާ ފައިސާ ސަލާމަތްކޮށް، އެފައިސާއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށެވެ. ސްކޫލްތަކަށް ނުފޫޒު ފޯރުވައި ތައުލީމީ ނިޒާމު ސިޔާސީ ކޮށްފައިވާ ކަމަށާއި އެބޭފުޅުންގެ ސަރުކާރެއްގައި މަސައްކަތްތެރިން ނުފޫޒުން ސަލާމަތްކޮށްދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކޮންމެ ރަށަކުން ވެސް ފެންނަނީ ސްކޫލްތައް ސިޔާސީ ކުރުވާ މަންޒަރު. ފިއްތުންތައް ކުރިމަތިކުރުވާ މަންޒަރު. ނުފޫޒުތަކުން ފުރިފައި ޓީޗަރުން ތިބީ. ބިރުވެރިކަމުން ފުރިފައި ތިބީ. 30 މިނެޓުގެ ފިލާވަޅަށް 15 މިނެޓު ވަންދެން ޓީޗަރަށް ފޯކަސް ނުކުރެވޭ. އަޅުގަނޑު ޔަގީންކޮށް އަރުވަނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި މަސައްކަތްތެރިން އެއީ ޓީޗަރުން ވިޔަސް ނަރުހުންނަށް ވިޔަސް ޑޮކްޓަރުންނަށް ވިޔަސް އަދި އެނޫން ދައުލަތުގެ މުވައްޒަފުންނަށް ވިޔަސް އެމީހެއްގެ އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ހަމަޖެހިލައިގެން މަސައްކަތް ކޮށްލެވޭނެ ޖާގަ ފަހިކޮށްދޭނަން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދީ، އަނިޔާއިން ސަލާމަތް ކޮށްދޭނެ ކަމަށެވެ. އަދި ގުޅިގެން ކަންކަން ކުރުމަކީ އިސްލާމްދީނުގައިވެސް އަންގަވާފައިވާ ގޮތްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ގުޅިގެން ކަންކަން ނުކުރެވޭނެ ކަަމަށް ބަޔަކު ބުނި ނަމަވެސް ކުރެވޭނެ ކަމަށެވެ. ގުޅިފައިވާ ލަޝްކަރުން ގުޅިގެން މަސައްކަތްކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދޭ ތަން ދައްކާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ނަރުދޫއަށް ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ށ.އަތޮޅަށް ފައިސަލް ކުރައްވާ މިދަތުރުފުޅުގައި މިއަދު 5 ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.