ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ބްރިޖު އަޅާނީ ރައްޔިތުންގެ ހިތްތަކަށް ކަަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފޯކައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފޯކައިދޫގެ ތަރައްގީއާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާ މަސައްކަތުގެ ތެރޭގައި ފޯކައިދޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނެ ކަަމަށެވެ. ފޯކައިދޫ ނަރުދަމާ ފަދަ އަސާސީ އެތައް ކަމެއް ބަޖެޓު ފޮތުގައި ޖަހާތާ އެތައް އަހަރެއް ވެފައިވާ ކަަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި ބަޖެޓުގައި ޖަހާ ކަންކަން ކުރާނެ ކަަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ބްރިޖު އަޅާނީ ރައްޔިތުންގެ ހިތްތަކަށް ކަމަށާއި ބްރިޖު އަޅާނީ ރަށްތަަކުގެ ތަރައްގީއަށް ކަމަށެވެ. ރައްޔިތުން ބޭނުންވާ ކަންކަން ބަލައި އެކަންކަން ފުއްދައިދޭނެ ކަމަށް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ސަރުކާރެއް އަންނަނީ ރައްޔިތުންނަށް އޮޅުވާލައި އަނިޔާވެރިވާން ނޫން ކަަމަށާއި ރައްޔިތުން ބަދަލަކަށް ބޭނުންވަނީ މިފަދަ އެތައް ސަބަބަކާ ހުރެ ކަމަށެވެ.

"ގައުމު އިނދަޖެހުމުގެ ހަގީގީ މައްސަލައަަކީ ކޮރަޕްޝަނާއި ފަސާދަ އިންތިހާ ދަރަޖައަށް ދިއުން. އަދުލުވެރިކަން ނެތި ދިއުމަކީ މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ލަދުވެތިވާންޖެހޭ ކަމެއް. ސެޕްޓެމްބަރު 23 ގައި ނުކުމެ ބަދަލުގެންނަންޖެހޭ. އެއީ ދީނާއި ގައުމަށްޓަކައި ރައްޔިތުން ކުރަންޖެހޭ ކަމެއް. ރައްޔިތުންގެ މަސައްކަތް 5 ވަނަ ގިއަރަށް ލައްވާ. އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ފަސްބައިގައި ކިލަނބުކަމެއް ނެތް ބޭފުޅެއް. ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ގޮތަކީ އެއީ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގައުމަށް އެތައް ޚިދުމަތެއް ކުރައްވާފައިވާ އެތައް ބޭފުޅަކު ނުހައްގުން ޖަލަށްލައި އަނިޔާ ދެމުންދާ ކަމަށެވެ. މިލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ ކަމަށާއި ދޫކޮށްލައިފިނަމަ ޅަދަރިންގެ މުސްތަގުބަލް ގެއްލޭނެ ކަަމަށް ފައިސަލް ވިދާޅުވިއެވެ.