ރިޔާސީ ދެވަނަ ދައުރަކަށް ރައްޔިތުން އެމަނިކުފާނު އިންތިހާބުކޮށްދީފިނަމަ ދެވަނަ ދައުރެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މަސްވެރިކަމުގެ ސިނާއަތު ރަނގަޅުކޮށް ޒަމާނީ ގޮތަށް މިސިނިއާތު ތަރައްގީކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި ރ. އަލިފުއްޓަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މަސްވެރިކަމުގެ ހާލަތު ރަނގަޅުކޮށް މިސިނިއާތުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށްދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރުކާރަކަށް މަސްވެރިން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވިފައި ނުވާ ކަމަށެވެ. އެކަމަކު މިސަރުކާރުން މަސްވެރިންނަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް ހަަމައަގު ހޯދައިދިނުމާއި، މަސް ބަންދުކުރާ ކާރުހާނާގެ ކެޕޭސިޓީ 30 ޓަނުން 50 ޓަނަށް އިތުރުކޮށްދިނުމާއި، ގިނަ ރަށްތަކެއްގައި އައިސްޕްލާންޓް ގާއިމުކޮށްދެވިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މަސްވެެރިން ބޭނުންވާ ގިނަ ކަންތައްތަކެއް ފުދޭ ގޮތަށް ތައްޔާރުކުރާ ހާއްސަ ކާޑެއް ތައާރަފްކުރައްވާނެ ކަމަށް ރައީސް ޔާމީން މީގެކުރިން ވިދާޅުވެފައިވާތީ އެކަމުގެ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ ކާޑު ބޭނުންކޮށްގެން ފިހާރަތަކުން ތަކެތި ގަނެވޭނެ އިންތިޒާމުވެސް ހަމަޖައްސާނެ ކަމަށެވެ.