މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަލަށް ވޯޓުލާ ޒުވާނުންނަށް ޚާއްސަކޮށްގެން ހުވަދު އަތޮޅުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓިތަކުން ކުރިއަށްގެންދާ މިހަރަކާތް މިހާރު ގދ. ތިނަދޫގައި ފަށާފައިވާއިރު މިއަދު ހެނދުނު ވަނީ އެރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ދޮރުންދޮރަށް ހިނގުމުގެ ހަރަކާތެއް ވެސް ފަށާފައެވެ.

ޒުވާނުންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ޕްރޮގްރާމް އިންތިޒާމް ކުރާ ޔޫތު ޓީމުގެ މެމްބަރު އަލްއުސްތާޒާ ޝީނާ މުހައްމަދު ވިދާޅުވީ ހުވަދު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގްރާމް ގދ. ތިނަދޫއާއި ހޯނޑެއްދޫގެ އިތުރަށް މަޑަވެލީގައި ކުރިއަށް ގެންދާނެ ކަމަށާއި ގއ. އަތޮޅުން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ކޮލަމާފުއްޓާއި ވިލިނގިލީގައި ކަމަށެވެ.

ޝީނާ ވިދާޅުވީ މިއިން ކޮންމެ ރަށެއްގައިވެސް ޒުވާނުންނަށް އަމާޒުކޮށްގެން ދޮރުންދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށްގެންދާނެ ކަމަށާއި ޒުވާނުންނަށް ބާއްވާ ފުރަތަމަ ޔޫތު ފޯރަމް މިއަދު ހަވީރު ގދ. ތިނަދޫގައި ބާއްވާނެ ކަމަށެވެ.

ޝީނާ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަލަށް ވޯޓުލާ ޒުވާނުންގެ ގޮތުގައި 24،000 ޒުވާނުން ރާއްޖޭގައި އެބަތިބި ކަމަށެވެ. އެގޮތުން މިދަތުރުގެ މަގުސަދަކީ އަލަށް ވޯޓުލާ ޒުވާނުންނާ ބައްދަލުކޮށް ވޯޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރުން ކަަަމަށް ޝީނާ ވިދާޅުވިއެވެ.

ހަތް ދުވަހުގެ މުއްދަތަށް އިއްތިހާދުގެ ޔޫތު ޓީމުން ހުވަދު އަތޮޅުގައި ކުރިއަށް ގެންދާ ޒުވާނުންގެ ދަތުރު ނިންމާލާނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.