ޖުމްހޫރީ ޕާޓީއާއި ގާސިމް އިބްރާހީމަށް ވޭތުވެދިޔަ އިންތިޚާބުތަކުގައި ތާއީދުކޮށްދިން މީހުން ކުރިއަށް އޮތް އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަަން އެދިވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑރ.ހުސައިން މިހެން ވިދާޅުވީ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ކޮލަމްބޯގައި ކުރިއަށް ގެންދާ ޚާއްސަ ބައްދަލުވުމުގައެވެ.

ޑރ.ހުސައިން ވިދާޅުވީ ގައުމަކަށް ލިބޭނީ އެގައުމެއްގެ ރައްޔިތުން ހޯދި އެއްޗެއް ކަމަށާއި ހާލަތު ބަދަލުކުރުމަަށް މަސައްކަތް ނުކުރާނަމަ ބަދަލުނުކުރެވޭނެ ކަމަށެވެ. މިއީ ބަދަލު ގެނައުމުގެ ދަނޑިވަޅު ކަމަށާއި ގައުމު ސަލާމަތް ކުރުމަށް އަމަލީ ގޮތުން ނުކުންނަންވީ ވަގުތު ކަމަށެވެ. ޖޭޕީއާއި ގާސިމް އިބްރާހީމަށް ވޭތުވެދިޔަ އިންތިޚާބުތަކުގައި ތާއީދު ކުރި މީހުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް ތާއީދު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑރ.ހުސައިން ވިދާޅުވީ ދައުލަތުގެ ހުރިހާ ވަސީލަތަކާއި މުވައްޒަފުން ބޭނުންކޮށްގެން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެތަން ފެނުނު އިލެކްޝަންސް ކޮމިޝަނެއް ނެތް ކަމަށެވެ. އެކަމާ ރައްޔިތުން މަޔޫސްވާނެ ކަމެއް ނެތް ކަމަށާއި އިންތިޚާބު ހޯދާނީ ރައީސް ޔާމީން ޖާގަ ދެއްވައިގެން ނޫން ކަމަށެވެ. ރައީސް ޔާމީން ވާދަކުރާނަމަ ކުރަން ޖެހެނީ ރައްޔިތުންނާ ކަމަށާއި އިބޫއާ ވާދަކުރުމަކީ ރައްޔިތުންނާ ވާދަކުރުން ކަމަށް ޑރ.ހުސައިން ވިދާޅުވިއެވެ.

"މީގެ ފަހުން ދުވަހަކުވެސް އިންތިޚާބެއްގައި ކުރިމަތިލާން ނުކުރެވޭވަރުގެ ބައްޔަކުން ބަލިކުރާނަން. ރައްޔިތުން އެދި އާދޭސް ކުރަމުންދަނީ އިންސާފު ގާއިމުކޮށްދިނުމަށް. ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް. އެއިންސާފު އެއިޖުތިމާއީ އަދާލަތު ހޯދުމަށް އަޅުގަނޑުމެން ހައްގު މިންވަރޭ މިބުނަނީ. އެއުންމީދުގައި މަސައްކަތް ކުރަމުންމިދަނީ" ޑރ.ހުސައިން ވިދާޅުވިއެވެ.

ޑރ.ހުސައިން ވިދާޅުވީ ދައުލަތުގެ ޚަޒާނާއިން ވަގަށް ނަގާފައިވާ ފައިސާ ހޯދުމަށް ސަރުކާރުން ބޭނުންނުވާ ކަމަށާއި އަދި ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ ހަގީގަތް ހޯދުމަށް ވެސް ސަރުކާރުން ބޭނުންނުވާ ކަމަށެވެ. ރައީސް ޔާމީނަކީ ހައްގަށް ބަހެއް ވިދާޅުނުވާތާ ހައްގަށް ކަމެއް ކުރައްވަން ވެސް ބޭނުންފުޅު ނުވާ ބޭފުޅެއް ކަމަށް ހުސައިން ވިދާޅުވިއެވެ. އިންތިޚާބު ޖެހޭއިރު މިހާރު އަރިހުގައި ތިބި މީހުން ވެސް ނުތިބޭނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުން މިއިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.