ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ދިވެހިދައުލަތުގެ މާލިއްޔުާއިން އެޑްވާންސްކޮށް ވައްކަން ކޮށްފައި ކަމުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީކެންޑިޑޭޓު އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އިބުރާހިމް މުހައްމަދު ޞާލިޙް މިހެން ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނާއި މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވަޢުދުތައް ފުއްދާނީ ކިހިނެއްތޯ ރައީސް ޔާމީން ސުވާލު ކުރައްވާ ކަމަށާއި އެކަމަކު އެވައުދުތައް ފުއްދޭނެ ގޮތް މާސާފު ކަމަށެވެ. މިގޮތުން ވައްކަން ކުރުން ހުއްޓާލަންވީ ކަމުގައި ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ދައުލަތަށް ވަންނަ ފައިސާއިން ވައްކަން ކުރާ ކަމުގައި ވަނީ ނަމަ ތަރައްޤީއަށް ޚަރަދު ކުރާނޭ ފައިސާއެއް ނުހުންނާނެ ކަމަށެވެ. މިގޮތުން ރައީސް ޔާމީނުގެ ސަރުކާރުން މިއަދު ވަނީ އެޑްވާންސަށް ވައްކަން ކޮށްފައި ކަމުގައި އިބޫ ވިދާޅުވިއެވެ.

" ރައީސް ޔާމީނުގެ ސަރުކާރުން ވަނީ އެޑްވާންސަށް ވައްކަން ކޮށްފައި. މީގެ 10 އަހަރު 20 އަހަރު ފަހުން އަޅުގަނޑުމެންނަށް ލިބެންވީ ފައިސާ ވަގަށް ނަގައި އޭގެ ބޭނުން މިއަދު އެވަނީ ކޮށްފައި." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން ބޭސްފަރުވާއަށް ފަންޑުފޮށި ހިފައިގެން ސަލާންޖަހަން ޖެހިފައިވަނީ އަދި އަސާސީ ޒަރޫރީ ޚިދުމަތްތަކުން މަހުރޫމުވެފައި ވަނީ ޚިޔާނާތާއި ފަސާދައިގެ ސަބަބުން ކަމަށެވެ. އަދި ދައުލަތުގެ ފައިސާއިން ބޮޑެތި ވައްކަންތައް ކޮށްފައިވާތީ ކަމަށެވެ.

އަދި މިއަދު ކޮންމެ ދިވެހި ރައްޔިތެއްވެސް ވަނީ ދަރައި ވިކިފައި ކަމަށާއި، ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާގޮތުން، ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި 140،000.00ރ (އެއްލައްކަ ސާޅީސް ހާސް) ރުފިޔާގެ ދަރަނި އެޅިގެން ދާނެ ކަމުގައި އިބޫ ވިދާޅުވިއެވެ.

މިގޮތުން ދައުލަތަށް އާމުދަނީގެ ގޮތުގައި ލިބޭ ކޮންމެ ރުފިޔާއަކުން 00/75ލ (ހަތްދިހަ ފަސްލާރި) ދައްކަންޖެހޭނީ ނަގާފައިވާ ލޯނުތައް ދައްކަން ކަމަށެވެ. ތަރައްޤީގެ މަޝްރޫއުތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ފައިސާ ނެތިގެން އުޅެންޖެހެނީ އެހެންވެގެން ކަމުގައި އިބޫ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ވިއްކައި އަދި ކުއްޔަށްދިނުމުގައި އެޑްވާންސްކޮށް ފައިސާ ނަގާފައެވެ. އެކަމަކުގެ ސަބަބުން މުސްތަޤުބަލުގައި ރާއްޖޭގެ އިޤުތިޞާދަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ބައިނަލް އަޤުވާމީ މާލީ އިދާރާތަކުން ވެސް ދީފައިވާއިރު، އެކަމުގެ ކަންބޮޑުވުންތައް ސިޔާސީ ފަރާތްތަކުންެވެސް ދަނީ ފާޅު ކުރަމުންނެވެ.