ފިނިކޮޓަރީގައި ތިބެގެން ދެމީހަކަށް ފެންނަ ގޮތަށް ކަންކަން ކޮށްގެން ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ށ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު މާއުނގޫދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ބަދަލަކަށް ރައްޔިތުން ބޭނުންވާ ނުވާ މިންވަރަށް މިއަދު ބޭނުންވެފައިވަނީ ދުވަހަކުވެސް ނުދެކޭހާ ބިރުވެރި ނާމާން ދުވަސްތަކެއް އައުމުން ކަމަށެވެ. ރައްޔިތުންނަށް އެތައް އަހުދެއްވެގެން ވެރިކަމަށް އައުމަށްފަހު ސަރުކާރުން އަމަލުކުރަނީ އަމިއްލަ ފައިދާއަށް ކަަމަށާއި ގައުމުގެ ތާރީޚުގައި ދުވަހަކުވެސް ނުހިނގާ ވަރުގެ ޚިޔާނާތުގެ ބޮޑެތި ކަންކަން ހިނގާފައިވާ ކަމަށް ވެރިންގެ ދުލުން ވެސް ވަނީ އިއުތިރާފުވެފައި ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ސަރުކާރެއް އަންނަނީ ޚިޔާނާތާއި ފަސާދައާ ނުލައި ޚިދުމަތް ދިނުމަށް ކަމަށާއި ނަމަވެސް މިސަރުކާރުގައި ރައްޔިތުންނަށް އެންމެ އަސާސީ ޚިދުމަތްތައް ދޭ ކުންފުނިތަކަށް ވެސް ވަނީ ކޮރަޕްޝަން ވަދެފުރިފައި ކަމަށެވެ. މިވެރިކަމުގައި އެމްއެމްޕީއާރުސީއާއި ފެނަކައާއި އެމްއާރުޑީސީ ފަދަ ކުންފުނިތަކުން ފެނުނު ކަންކަން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ދުވަހަކުވެސް ނުފެންނާނެ ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުން ނުޖެހޭނެ ސަރުކާރު ފަހާ ދުވާކަށް. ދިހަ ބާރަ ސިޓީ ލާކަށް ނުޖެހޭނެ. އާސަންދަ އޮންނާނީ ވަކި ބަޔަކަށް ނޫން. ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ހުރިހާ ރައްޔިތުންނަށް އޮންނާނީ އެއްގޮތެއް. ހަމަހަަމަކަން ގާއިމްކުރާނަން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންގެ ސަރުކާރަކުން ރައްޔިތުންގެ އަޑުއަހަންޖެހޭ ކަމަށާއި ފިނިކޮޓަރީގައި ތިބެގެން ދެމީހަކަށް ފެންނަ ގޮތަށް ކަންކަން ކުރުމުން ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށެވެ. އިއްތިހާދުގެ ސަރުކާރެއްގައި އެންމެ މުހިންމު އެއްޗަަކަށް ވާނީ ރައްޔިތުންނާ ސަރުކާރާ ދެމެދު އެޅޭ ފާލަން ކަަމަށާއި ސަރުކާރުން ހުރިހާ ކަމެއްވެސް ކުރާނީ ރައްޔިތުންގެ އެދޭ ގޮތަށް ކަމަށެވެ. އަދި ގައުމުގައި އިޖުތިމާއީ އަދާލަތު ގާއިމުކޮށް، އަނިޔާވެރިނުވެ، އިންސާފު ގާއިމުކޮށްދޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ށ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާއުނގޫދޫއަށް ފަހު މިއަދު ފައިސަލް ވަޑައިގަތީ ފުނަދޫއަށެވެ. އެއަށްފަހު މިދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތީ ކޮމަންޑޫއަށެވެ. މިހުރިހާ ރަށްތަކަކުން ވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފައިސަލް މާލެ ވަޑައިގަންނަވާނީ މާދަމައެވެ.