އިއްތިހާދުގެ ސަރުކާރެއްގައި އަނިޔާވެރިކަމަށް ކުޑަވެސް ފުރުސަތެއް ނުދޭނެ ކަަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮމަންޑޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް އެތައް ފައިސާއެއް އިސްރާފު ކޮށްފައިވާ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެކަންކަން ބަލައި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަޝަރޫއުތަކުގެ ތެރެއިން ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ކުރިއަށްދާ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ފައިސަލް ވިދާޅުވި ދިވެހި އެތައް އާއިލާއެއް ވަނީ ޖަލުގޮޅީގައި އިއްތިހާދުގެ ސަރުކާރެއްގައި އަނިޔާވެރިކަމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އެންމެ އިސް އަމާޒަކީ އިންސާފުން ކަންކަން ކުރުން ކަމަށާއި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށެވެ.

"މިހާލަތުގައި ރައްޔިތުން އެންމެ ބޭނުންވަނީ އަމާންކަން. ބިރުވެރިކަމުން ސަލާމަތްވެގެންވާ މުޖުތަމައެއް. ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ޝަރަފްވެރި ބަޔަަކަށް ހަދާނަން. ގާނޫނާ ޚިލާފަށް ކަންކަން ކުރުމަށް ހިތްވަރު ލިބޭ ފަދަ ކަންކަން ހުއްޓުވާނަން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މިސަރުކާރުން ވިޔަފާރިވެރިންނަށް ވެސް އެތައް ގެއްލުމެއް ކުރިމަތިކޮށްފައިވާ ކަމަށާއި އިއްތިހާދުގެ ވެރިކަމެއްގައި ވިޔަފާރިވެރިންނަށް އެހީތެރިވެދީ، ގައުމުގެ ތަރައްގީގައި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވީ ތައުލީމީ އެތައް ބޭފުޅުންނެއް ގައުމުން ބޭރުގައި ތިއްބަވަން މަޖުބޫރުވެފައިވާ ކަަމަށާއި އެފަދަ ބޭފުޅުންނަށް ރާއްޖޭގައި ތިއްބަވައިގެން ޚިދުމަތް ކުރެވޭނެ މަގު ފަހިކޮށްދޭނެ ކަމަށެވެ.

އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ށ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ވަނީ 6 ރަށަކަށް ވަޑައިގެންފައެވެ. އެއީ ކޮމަންޑޫގެ އިތުރަށް ފޯކައިދޫ، ފީވައް، ނަރުދޫ، މާއުނގޫދޫ އަދި ފުނަދޫއެވެ. މިރަށްތަކުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ އެމަނިކުފާނު މާލެ ވަޑައިގަންނަވާނެއެވެ.