(21 އޯގަސްޓް 2018 އާ ގުޅޭ)

"ކޮބާ ހީވޭ ކަމެއްހެން. ރަށުން ބޭރު ކުއްޖަކު އެ ދިޔައީ ހޭއަރުވާލާފައި. އަދިވެސް ބުނާނެ ތިމަންނަ ގަޔަކަށް ކުލައެއް ނުޖެހޭނޭ" އެކުވެރިއަކު ދިމާކޮށްލިއެވެ.

"އަބަދަކު މިހެންނެއް ނޫޅެވޭނެތާ. އެހެން ނޫނަސް އެމީހުންނަށް އަތު ނުވަންޏާ އެމީހުން ވެސް ފޫހިވާނެއްނު" އަހަރެން ބުނެލީމެވެ.

"ދެން މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. ތިޔޮތީ އަންހެނަކު ދަށުވެފައި" އެހެން އެކުވެރިއަކު ދިމާކޮށްލިއެވެ.

"ބަލަން ހުންނަންޗޭ. އަދި އަހަރެން އެ މަންޖެ ގަޔަށް ކުލަ ޖަހާނަން. ކުލައިން ފެންވަރުވާލާނަން" އަހަރެން ބުނީމެވެ.

"އަހަރެމެން ބަލާނަން ތިކަން. ތި އުޅެނީ އެ މަންޖެއަށް ވުރެ ބާރަށް ނުދުވެވިގެން. ދެން ކިހިނެއް ތިކަން ކުރާނީ" ކުރިން ވާހަކަދެއްކި އެކުވެރިޔާ ބުނެލިއެވެ.

"ބަލަން ހުންނައްޗޭ" އަހަރެން ގަދަކޮށްލީމެވެ.

އެދުވަހުގެ އިރުއޮއްސުނު ވަގުތު ރަށުގެ ބޮޑުމަގުން ހިނގާފައި އައި ބޮޑު ބައިގަނޑެއްގެ ތެރޭގައި އެއްކަލަ ކުއްޖާ ހުއްޓާފެނުނެވެ. ހަމަ ފެނުމާއެކު ޖެހިގެން އޮތް ގޯޅިން ހުޅަނގަށް އަހަރެން ދުއްވައިގަތީމެވެ. ބޭނުމަކަށްވީ އެ އަންހެން ކުއްޖާއަށް ބޮނޑިއެއް ދިނުމެވެ.

ހުޅަނގުކޮޅު މިސްކިތުގެ ފެންއިސްކުރުބަރިން ބޮޑު ރަތް ކޮތަޅަކަށް ފެންއެޅުމަށްފަހު ކޮތަޅާއެކު އަހަރެން ދުއްވައިގަތީމެވެ. އޭރު އެ އަންހެން ކުއްޖާ މިސްކިތް ފަސްދީފައި ދަނީއެވެ. ބަލާކަށް ނުހުރެ އަހަރެން އަތުގައި އޮތް ކޮތަޅުގޮސް އެ ކުއްޖާގެ ބޮލުގައި އެޅުވީމެވެ. އެ ކޮތަޅު ނުނެގެނީސް އަހަރެން ދުވެ ފިލައި ރައްކާވީމެވެ.

އިޝާނަމާދު ކޮށްލައިގެން އައިސް މަގުމަތީގައި ހުރި ޖޯލިފަތީގައި އެކުވެރިންނާއެކު އަނގަތަޅަން އަހަރެން ވެސް އިނީމެވެ.

"ކޮބާ އޮންނާނެ ރަނގަޅު ބޮނޑިއެއް ދީފައި" އެކުވެރިންގާތުގައި އަހަރެން ފޮނިކަނޑަމުން ދިޔައީއެވެ.

"ގަބޫލެއް ނުކުރެވޭނެ. ލޮލަށް ނުފެންނަ ކަންކަން ގަބޫލުކުރެވޭކަށް ނޯންނާނެ" ޖޯލިފަތީގައި އޮތް އެކުވެރިޔަކު ބުނެލިއެވެ.

"ބަލާލަބަ؟ އެހަރަ އަންނަނީ އެ ކުއްޖާ. އަވަހަކަށް މަރެއް ވެސް ނުވާނެ" އެކުވެރިޔާ ދެއްކީ އެ ކުއްޖާ އަންނަނިކޮށެވެ. އޭނާ އައީ އާއިލީ މީހަކާއެކުއެވެ. އަހަރެންނަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. އޭނާ އައިސް ވަނީ އަހަރެންގެ ގެއަށެވެ.

"ކޮބާ ހީވޭ. މިހާރު އެ އައީ ގެއަށް. އަދިވެސް ފެންޖަހާ" އެކުވެރިޔާ އަހަރެންނާ ދިމާކޮށްލިއެވެ. ކަންތައްގަނޑު ބޮޑުކޮށްލިއެވެ.

ދެން އިވެންފެށީ މަންމަ އަހަރެންނަށް ގޮވާއަޑެވެ. އެ ކުއްޖާގަޔަށް ފެންޖެހީތީވެ ކުރި ޝަކުވާތަކެވެ. އަހަރެންނަށް ބުނެވުނީ އެކަން ފެށީ އެ ކުއްޖާ ކަމަށެވެ. ދެ މީހުންގެ ގުޅުން ފެށުނީ އެހިސާބުންނެވެ. މާލެއަށް އައިއިރު ދެ މީހުންނަކީ ދެ ރައްޓެހީންނެވެ. ދުވަސްކޮޅެއް ފަހުން ދެ މީހުންނަކީ ދެ ލޯބިވެރީންނެވެ. މިއަދު އެއީ އަހަރެންގެ އަނބިމީހާއެވެ.

ކުއްލިއަކަށް އިންޖީނުގެ އަޑު މަޑުވުމާއެކު ޚިޔާލީ ދުނިޔެއިން އަހަރެންނަށް ނުކުމެވުނެވެ. އޭރު މީހުންގެ އަޑުފައްގަނޑު ގަދަވުމުންދިޔައެވެ. އަންހެނުންގެ ލޯ ހުޅުވެމުންދިޔައެވެ.

"ކޮބާ މި އާދެވުނީތަ؟" ދެލޯ ފުހެލަމުން އަންހެނުން ސުވާލުކޮށްލިއެވެ.

"މި އާދެވުނީ ހިތާދޫއަށް. ދެން ނަގާނީ ދިހަ ވަރަކަށް މިނެޓް" އަހަރެން ބުނީމެވެ. އެހެން ބުނުމަށް ފަހު އަހަރެންނާއި އަންހެނުން ދަތް އުނގުޅައި މޫނު ދޮވެލީމެވެ. ދޯނިން ފޭބުމަށް ތައްޔާރުވެލީމެވެ.

މާގިނައިރެއް ނުވެ ރަށުގައި ބޯޓު ބަނދަރުކުރިއެވެ. ޖަމާވެފައިވާ މީހުން ގަނޑުގެ ތެރެއަށް އަހަރެން ފޭބީމެވެ. އަހަރެންނާއި އަންހެނުންނަށް މަރުހަބާކިޔަން އައިސްތިބި އާއިލާ މީހުންނާއެކު ގެއަށް ހިނގައިގަތީމެވެ. އަންހެނުން ހުރީ އަހަރެންގެ މަންމަގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ހިތަށް އެރިއެވެ. އެއީ މީގެ ތިން އަހަރު ކުރިން އީދު ދުވަހު އަހަރެންގެ ގަޔަށް ފެންޖެހި ކުއްޖާއެވެ. މިއަދު އަހަރެންގެ އަނބިމީހާއެވެ. މިފަހަރު އެ ހަނދާންތައް އާކުރަންވާނެއެވެ. ކުލައިން ފެންވަރުވާލަން ވާނެއެވެ. ރަނގަޅު އީދު ހަދިޔާއެއް ދޭންވާނެއެވެ.

ކުއްލިއަކަށް އިވިގެންދިޔައީ މީހަކު ހަޅޭއްލަވައިގަން އަޑެއެވެ. ފަހަތަށް އެނބުރިލުމާއެކު އަހަރެންގެ ބޮލަށް އައިސް އޮއްސާލީ ފެންބާލިދީއެކެވެ. ދެން ބަލައިލެވުނީ ކުރިމައްޗަށެވެ. އަންހެނުންގެ ބޮލަށް އޮއްސާލާފައި ވަނީ ކުލަ ބާލިދީއެކެވެ. ހިތަށް އެރިއެވެ. ކަންތައް ފެށުނީއެވެ. މި ލޯބީގެ ފެށުން ހަނދާން ކޮށްދިނީއެވެ. އީދު ހަދިޔާ ލިބުނީއެވެ.

(ނިމުނީ)