ދެއިރު ދެގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ތާއީދުކުރައްވަމުން ގެންދަވާތީ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރިޔާސި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމުން މާޒީގައި ހިނގާދިޔަ ބައެއް ކަންކަމަށް އެމަނިކުފާން ދީފައި ހުރި ރައްދުތައް ހުއްޖަތަކަށް ހަދައިގެން ދެއިރު ދެ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ ހަގީގަތް އޮޅުވާލަން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އިރާދަކުރެއްވީޔާ އަބަދަުވެސް ނަސްރު ލިބޭނީ ހައްގަށް ކަމަށްވެސް އިލިޔާސް ވިދާޅުވި އެވެ.