ދިވެހި ދައުލަތުންގެ ޚަޒާނާއިން ގެއްލިފައިވާ ފައިސާ ފެންނާނީ އެފައިސާ ވެއްދި ގޭގޭގެ ތަންމަތިން ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ރ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުގެ ރ އިންނަމާދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައި ދެއްވުމަށް ފަހު ރައްުޔިތުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރެއްވުމަށް އިބޫއަށް ލާޒިމްކޮށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކުރި ޤަރާރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގެއްލުނު ފައިސާ ހޯދާނަމަ އެންމެ ގިނަ ފައިސާ ފެންނާނީ ގޭގޭގެ ތަންމަތިން ކަމަށެވެ.

"އެމްޑިޕީގެ ޤައުމީ މަޖިލީހުން ނިންމަނީ ގެއްލިފައިވާ ފައިސާތައް ހޯދަން. އިބުރާހިމް މުހައްމަދު ޞާލިޙަށް ލާޒިމް ކުރުވާ ޤަރާރެއް. އެޤަރާރުގެ ދަށުން އެމްޑީޕީގެ މީހުން ދެން ނުކުންނަންނަންވީ ހަޤީޤަތުގައި އެގެއްލިފައި ހުރި ފައިސާ ހޯދަން. އެންމެ ގިނައިން ފައިސާ ހޯދާނީ ހަމަ ބައެއް ގޭގެ ބެލީމަ އެގޭގެ ތަންމަތިން." ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތުން ވަގަށް ނެގިފައިސާ ހޯދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދާއިރު، މީގެ ކުރިން ރައީސް ޔާމީނު ރުމާލު 2 ޖަގަހަގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނުގެ ގެކޮޅު ގ ދޫވެއްސަށް ފޮށިފޮށިގަނޑުގައި ހަލާލު ނޫން ފައިސާ ވެއްދެވި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ގެއްލިފައިވާ ކަމަށް އޮޑީޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފައިސާ ނުހޯދައި އެމަނިކުފާނު ހުންނެވީ އޭގައި ސަބަބުތަކެއް ވާތީ ކަމަށެވެ.

އެވާހަކަފުޅާއި ވިދިގެން އެމްޑީޕީގެ ސަރުކާރުގައި ގެއްލުނު ފައިސާ ރައީސް ޔާމީނުގެ ސަރުކާރުން ހޯދުމަށް މަސައްކަތްކޮށްފައި ނުވާތީ ރައީސް ޔާމީނުގެ ސަރުކާރުގައި ގެއްލުނު ފައިސާވެސް ހޯދަަން މަސައްކަތް ނުކުރުމަށް އެދިވަޑައިގަންނަވާކަން ދޭހަވާފަދަ މޭރުމަކުން ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ލީޑަރުންނަކީ އެކިފަހަރު އެކިގޮތަށް ވިސްނާ ބައެއް ކަމަށާއި އެމީހުންގެ ހުރިހާ ވިސްނުމެއްގެ ފަހަތުގައި އޮތީ އެމީހުންގެ އަމިއްލަ އެދުންތައް ކަމަށެވެ.

އަދި އެއީ ގިނަ ސިޔާސީ ލީޑަރުންގެ ވިސްނުން ހުރި ގޮތްކަމަށާއި އެކަންކަން ފުއްދޭތޯ އެފަހަރަކު ޖެއްސުނު ކުލައެއް އެބޭފުޅުން ޖައްސަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ދައުލަތުގެ ޚަޒާނާއިން ބިލިޔަނުން ވަގަށް ނަގާފައިވާ ފައިސާތައް ހޯއްދަވާނެ ކަމުގައި އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ ރައީސް ޔާމީނުވެސް އަދި އެމަނިކުފާނުގެ ވަޒީރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންވެސް ދަނީ އެކަމާއި ގުޅޭ ގޮތުން އެކި މޭރުމުން ވާހަކަފުޅުތައް ދައްކަވަމުންނެވެ.