އެޑްވާންސަށް ވައްކަން ކުރުން އެންމެ ރަނގަޅު ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަކީ ވަރަށް ކަންބޮޑުވާ ވާހަކަތަކެއް ކަމަށާއި އެމައްސަލަ ބަލާނެ ކަމުގައި ގުޅިފައިވާ ޕާޓީ ތަކުން ބުނެފި އެވެ.

ގުޅިފައިވާ ޕާޓީ ތަކުގެ ފަރާތުން ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މިހެން ވިދާޅުވީ ރ. ދުވާފަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ "ދުވާފަރުގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އެންމެ ރަނގަޅުތާ އެޑްވާންސަށް ވައްކަން ކުރިޔަސް" މިހެންނެވެ.

ރައީސްގެ މިވާހަކަތަކަށް ރައްދުދެއްވަމުން މާރިޔާ ވިދާޅުވީ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކީ ބިރުގަނެ ކަންބޮޑުވާން ޖެހޭ ފަދަ ވާހަކަތަކެއް ކަމަށެވެ. ރައީސް ޔާމީންގެ މިވާހަކަތަކަކީ މައްސަލައެއް ކަމަށާއި މިއީ ރައްޔިތުން ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އެންމެ އިސްވެރިއެއް ހެން ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވާ ކަމަށް ވަންޔާ ޖިނާއީ ކުށުގެ ފޮތް ފޮތުގައި ގާނޫނުލް އުގޫބާތުގައި ވައްކަން ހިމަނާނެ ކަމެއް ނެތް. އެގޮތަށް ކަންކުރެވޭކަށް އަޅުގަނޑުމެންނަކަށް ނެތް. އަޅުގަނޑުމެން އެ އޮތީ ވައްކަމަކީ ބޮޑުވެގެންވާ ކުށެއް ކަމަށް ނިންމާފައި. މިގޮތަށް އަޅުގަނޑުމެން ނިންމާ އެގޮތަށް އަޅުގަނޑުމެން ގާނޫނުތަކުގައި ލިޔެފައި އޮއްވާ އެޑްވާންސްކޮށް ވައްކަން ކުރިއްޔާ އެއީ މައްސަލައެއް ނޫނޭ ވިދާޅުވާ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަނަމަ އެއީ މައްސަލައެއް. އެ މައްސަލަ އެބަ ބެލެންޖެހޭ. އެހެންވީމާ އަޅުގަނޑުމެން މިދަންނަވަނީ ފެށުނީއްސުރެ އަޅުގަނޑުމެން އެކަން ކުރާނަމޭ،" މާރިޔާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މާރިޔާ ވިދާޅުވީ ތެލުގެ ވާހަކަ ބަޔަކު ދައްކާނަމަ ރައީސް ޔާމީނަށް ނުހުންނެވޭ ކަމަށެވެ. އަދި ރައީސް ޔާމީނަށް މީގެކުރިން ތުހުމަތުކުރެވުނު ތެލުގެ މައްސަލައެއް އެމްޑީޕީގެ ސަރުކާރުގައި ތަހުގީގުކުރަމުން ދަނިކޮށް އެމްޑީޕީގެ ވެރިކަން ބަދަލުވުމާއެކު ދެން ވެރިކަމާ ހަވާލުވި ސަރުކާރުން ރައްޔިތުންގެ ފައިސާ އިން 10 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެ މައްސަލަ ހުއްޓުވާލި ކަމަށެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ބޭނުންވާ ސިއްހީ ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ އަދީބް ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ މާރިޔާ ވަނީ އެކަމަށް ވެސް ރައްދުދެއްވާފަ އެވެ. މާރިޔާ ވިދާޅުވީ އިންސާނީ ހައްގުތަކަކީ ވަކި މީހަކަށް ވީމާ ތަފާތު ކޮށްގެން ދޭންޖެހޭ ހައްގުތަކެއް ނޫން ކަމަށާއި މީހަކު ބަލިވީމާ ބޭސްކޮށްދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ދައުލަތަށް މީހަކު ދައްކަންޖެހޭ ފައިސާއެއް އޮތް ނަމަ އެ ފައިސާއެއް ހޯދަން ފަސޭހަ ވާނީ އެމީހަކު ގަދަވެ ސަލާމަތުން ދުނިޔޭގައި ހުއްޓާ ކަމަށްވާތީ ބަލި މީހުންނަށް ބޭސްކޮށްދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ބައެއް މަސައްކަތްތަކާ ގުޅިގެން މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިންތިހާބުގެ 45 ދުވަސްކުރިން ކޮމިޝަނުން އާންމުކުރި މުޅި ލިސްޓް އެކީގައި ކަމަށް ކޮމިޝަނުން ބުނާ ކަމަށެވެ. އެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެސްފައިވާ ބަދަލުތައް އެ ލިސްޓްގައި ހިމަނާފައި ނުހުންނަ ކަމަށާއި އެއީ ވަރަށް ބޮޑު މައްސަލައެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން މާރިޔާ ވަނީ އިސްލާހުކުރެވިފައިވާ ފައިނަލް ވޯޓާސް ލިސްޓުގެ ތެރެއިން ކޮންމެ މަރުކަޒަށް ވޯޓުލާ މީހުން ވަކިން އެނގޭ ގޮތަށް އޮންނަ ވޯޓާސް ލިސްޓެއް ކެންޑިޑޭޓުންނާއި އޮބްޒާވަރުންނަށް ހިއްސާ ކުރުމަށްވެސް އެދިވަޑައިގެންފަ އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މަގުތައް އަމާންކަމަށް ސަރުކާރު ހިންގާ ފަރާތުން ބުނި ނަމަވެސް މަގުތައް އަމާންކަމަށް ގަބޫލުނުކުރައްވާ ކަމަށެެވެ. ނަމަވެސް އަމާންކަން ގެއްލިފައިވާ ކަމަށް ބުނެ ހަމަނުޖެހުންތައް ހިންގައިގެން އިންތިހާބު ފަސްކުރުމަށް އެއްވެސް ފަރާތަކުން ފުރުސަތު ނުދިނުމަށްވެސް މާރިޔާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މާރިޔާ އިތުރަށް ސެޕްޓެމްބަރު 23 ވަނަ ދުވަހަކީ މިރާއްޖެއިން އަނިޔާވެރިކަމާއި ވައްކަން ނައްތާލާ ދުވަހަކަށް ހަދައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.