ރައީސް އަބުދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުން ފެންނަނީ ނާތަހުޒީބު، ލާއިންސާނީ ސިފަތައްކަމަށާ ރައީސް ޔާމީނަށް ވެރިކަމުގައި ހުރުމަށް އެންމެ ދުވަހެއްގެ ފުރުސަތެއްދޭންޖެހޭ ސަބަބެއްވެސް ނެތްކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި މި ސަރުކާރުގެ ފުރަތަމަ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ތަރައްގީ އެެދޭނަމަ ރައީސް ޔާމީނަށް ވޯޓްދޭން އެމަނިިކުފާނާއި ސަރުކާރުގެ ބައިވެރިން އެދޭއިރު، މުޅި ގައުމު ވިއްކާ، ދަރުވާލުމަށްފަހު 5 އަހަރު ތެރޭ ކުރެވުނުހާވެސް ކަމަކީ ބްރިޖެއް އެޅުންކަމަށެވެ.

ދިވެހި ރައްޔިތުން ހަމަހަމަކަމާއެކު ޓެކްސް ދައްކަމުންދާއިރު، ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދިނުމުގައި ރައީސް ޔާމީން ފެއިލްވެވަޑައިގެންފައިވާކަމަށާ މި ސަރުކާރުގެ ތެރެއިން ދެ ސިފައެއް ނޫނީ ފެނިވަޑައިނުގަންނަކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުން ފެންނަނީ ނާތަހުޒީބު، ލާއިންސާނީ ސިފަތައްކަމަށެވެ. އެހެންކަމުން ހަމަ އެންމެ ދުވަހަކަށްވެސް އިތުރަށް ވެރިކަމުގައި ހުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޖަމީލް ވިދާޅުވިއެވެ. ސިޔާސީ ހުރިހާ ލީޑަރުންނަށް ނުހައްގު އަނިޔާދީ، ޖަލުގައި ބަންދުކޮށްފައިވާއިރު، ސަރުކާރުގެ އަމަލުތަކުން މުޅިންވެސް ފެންނަނީ ލާއިންސާނީ ސިފަތަކާއި ނާތަހުޒީބު އަމަލުތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި ތަރައްގީވެ ކުރިއަރާދިޔައީ ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަންކަމަށެވެ. މިއަދުވެސް މާލޭގެ މަލަމަތިން ރައީސް ޔާމީންގެ ގެކޮޅު ހެދެމުންދާތަން ފެންނަމުންދިއުމަކީ އެކަމުގެ ސާފު ހެއްކެއްކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް މި ދަންނަވަނީ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުން ފެންނަނީ ނާތަހުޒީބާއި ލާއިންސާނީ ސިފަތައް. އެ ނޫންކަމެއް އަޅުގަނޑަކަށް ނުފެނޭ." ޑރ ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމިގެންދާއިރު، ދައުލަތުގެ މުއްސަދިކަން ކައިރީގައި ތިބި މަދު ބަޔަކަށް ބަހާލާފައިވާކަމަށެވެ. މުޅި މާލެ އަތޮޅުގެ ހުރިހާ ފަޅަކާއި، ގިރިއެއް އަދި އަތޮޅުތެރޭގެ ގިނަ ރަށްތައް ވިއްކާހުސްކުރިއިރު ރައްޔިތަކަށް އަދި ރަށަކަށް ލިބުނު ކުރިއެރުމެއް ނެތްކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ކައިރީގައި ތިބި މީހުން މުއްސަދިވެ، އަގުބޮޑެތި ފްލެޓްތައް ގަންނަ ހިސާބަށް ކަންކަން ދިޔައިރު ރައްޔިތުން މިކަންކަމާއިމެދު ވިސްނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ގެކޮޅު ބުރިބުރިއަށް ހަދަމުންދަނީ ކޮންތާކުން ހޯދި ފައިސާއަކުންތޯ ސުވާލުކުރެވޭނެ ދުވަސް އަންނާނެކަމަށާ މުޅި އާއިލާއެކުގައި ވިޔަފާރިކުރަމުންދަނީ ގާނޫނީ އިމުން ބޭރުންކަމަށެވެ. ނަސައްދުރަ އިމާރާތް ރައީސް ޔާމީންގެ އާއިލީ ބަޔަކަށް ކުއްޔަށްދީ އެ އިމާރާތް ހަދަމުންދަނީވެސް ހެދިފައިވާ ހުރިހާ ގަވާއިދުތަކާއި ޚިލާފަށްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"ނަސަންދުރާ ބިމަކީ އެގޮތަށް މީހަކަށް ދެވިގެންވާނެ ތަނެއް ނޫން. އެއީ ރައްޔިތުންގެ ބިމެއް. ދައުލަތުގެ މިލްކިއްޔާތެއް. ރައީސް ޔާމީންގެ އާއިލާއަށް އެތަންދީގެން އެކުރުވާކަމަކީ ގާނޫނީ އިމުން ބޭރުންކުރަމުންދާކަމެއް." ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް ވިދާޅުވީ ޕާކިސްތާނާއި މެލޭޝިޔާގެ ރައްޔިތުން ނިކުތީ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް ހައްދުން ނައްޓައިގެންދިއުމުންކަމަށާ މިއަދު ރާއްޖެވެސް އޮތީ އެ ހާލަތުގައިކަމަށެވެ. އެހެންކަމުން ރައްޔިތުން ހިތްވަރާއެކު ތެދުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.