އެޑްވާންސަށް ވައްކަން ކުރިޔަސް އެންމެ ރަގަޅު ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދައުލަތުގެ މުއައްސަސާތަކަށް ސުވާލުތަކެއް އަމާޒު ކުރައްވައިފިއެވެ.
މިސުވާލުތައް އެމަނިކުފާނު ކުރިމަތިކުރެއްވީ ރ.ދުވާފަރުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެމްއެންޑީއެފާއި، ޕޮލިސް ސާވިސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލް ޓެގު ކުރައްވައި ގާސިމް ވިދާޅުވީ އެޑްވާންސަށް ވައްކަން ކުރިޔަސް އެންމެ ރަގަޅު ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފު އަދި ރާއްޖޭގެ ގާނޫނުއަސާސީއާ ވެސް ޚިލާފު ވާހަކައެއް ނޫންތޯއެވެ. އެމްއެންޑީއެފާއި، ޕޮލިސް ސާވިސްއާއި، ޕީޖީއަށް އަމާޒުކުރައްވައި ގާސިމް ވަނީ އެފަދަ ކަމެއް ކުރުމަށް ހިތްވަރުދިނުމަކީ ވެސް ހަރާމް ކަމެއް ނޫންތޯ ސުވާލުކުރައްވާފައެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީން ކޮންމެ ވާހަކައެއް ދެއްކެވިޔަސް ކޮންމެ ފަދަ ހަރާމް ކަންތައްތަކެއް ކުރެއްވި ކަމަށް ރައްޔިތުންނަށް އެނގޭ ގޮތަށް މީޑިއާ ކުރިމަތީގައި އޮޅުމެއް ނެތް ސާފުބަހުން އިއުތިރާފުވަމުން ދާއިރުވެސް އެކަންކަން ބެލޭނެ ގާނޫނީ މުއައްސަސާއެއް ގައުމުގައި ނެތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
ރައީސް ޔާމީން ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީފައި އެޑްވާންސަށް ވައްކަން ކުރުމަކީ މައްސަލައެއްް ނޫން ކަމަށެވެ.
މިގޮތުން އެޑްވާންސަށް ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ދެފަހަރެއްގެ މަތިން ވިދާޅުވެފައިވާއިރު، "ދުވާފަރުގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އެންމެ ރަނގަޅުތާ އެޑްވާންސަށް ވައްކަން ކުރިޔަސް" މިހެން ވެސް ވިދާޅުވިއެވެ.
ރައީސްގެ މިވާހަކަފުޅާ ގުޅިގެން ސިޔާސީ ބޭބޭފުޅުންނާއި އާންމުންގެ ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ރައީސަށް ވަނީ އަމާޒުވެފައެވެ. ރައީސް ޔާމީނުގެ މިވާހަކަފުޅަކީ ދީނުގައި ހައްދު ކަނޑައެޅިފައިވާ ބޮޑު ކުށަކަށް އަރަގަތުމަކީ މައްސަލައެއް ނޫންކަމަށް ވިސްނައިދިނުމަށް ދެއްކެވި ވާހަކަފުޅެއްގެ ގޮތުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
އެޑްވާންސަށް ވައްކަން ކުރުމަކީ މައްސަލައެއް ނޫންތާއޭ ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ލަންކާގައި ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިސަރުކާރުން އެޑްވާންސަށްވެސް ވައްކަންކޮށްފައިވާ ކަމުގައި ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ޔާމީނުގެ ސަރުކާރަށް ކުރެވޭ އެންމެ ބޮޑެތި ތުހުމަތުތަކަކީ ވައްކަމާއި ޚިޔާނާތް ކަމަށް ވާއިރު، ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި ކަމުގައި އޮޑިޓް ރިޕޯޓްތަކުންވެސް ވަނީ ހާމަވެފައެވެ. މިގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ބޭރުގެ ފަރާތްތަކަށް ކުއްޔަށްދީ ނުވަތަ ވިއްކައިގެން އެޑްވާންސްކޮށް ބޮޑެތި އަދަދުތަކުން ފައިސާ ނަގައި އެފައިސާއަށް ޚިޔާނަތްތެރިވެފައިވާކަން ވަނީ ހާމަވެފައެވެ. އަދި ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ކޮރަޕްޝަނުގެ އެންމެ ބޮޑު އަމަލު ހިނގާފައިވަނީ މިސަރުކާރުގައި ކަމަށް ޚުދު ރައީސް ޔާމީން ވެސް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.