ކޮންމެ މީހަކީ ވެސް މި ދުނިޔެއާ ވަކިވާނެ މީހެކެވެ. އެ ހިތާމަ އެހެން މީހުންނަށް ދޭނެ މީހެކެވެ. އެ މާޔޫސްކަމުގެ ފިލާވަޅުން ދިރިތިބީންނަށް އިބްރަތް ހޯދަން ޖައްސުވާނެ މީހެކެވެ. އަހަރެން ވެސް މިއަދު މި ކުރަނީ އެފަދަ ހިތާމައެކެވެ. އިއްޔެ އެންމެ ގާތްކޮށް އުޅުނު މީހާ ވަކިވުމުން ކުރެވޭ ހިތާމައެވެ. ހިޔަނި ފަދައިން އެކުގައި އުޅުނު ރަހުމަތްތެރިޔާ މި ފަނާވަނިވި ދުނިޔެއާ ވަކިވުމުގެ ހިތާމައެވެ.

ހިތަށް އަރައެވެ. އެކުވެރިޔާ އެހައި އަވަހަށް ވަކިވެގެން އެ ދިޔައީ ކީއްވެ ބާއެވެ؟ ކުއްލި ގޮތަކަށް އެވީ ކޮން ކަހަލަ ބައްޔެއް ބާއެވެ؟ މެއިން ދިލަ ނަގައި މުޅި ގައިން ދިލަ ނަގަމުން އެ ދިޔައީ ކީއްވެ ބާއެވެ؟ ހައްތާ ވެސް ސުވާލެވެ. ޑޮކްޓަރުންނަށް ޖަވާބު ދެވިފައި ނުވާ ސުވާލުތަކެވެ. ތަހުލީލު ތަކާއި ޓެސްޓުތަކުން ހަގީގަތް ހޯދިފައި ނުވާ ކަންތައްގަނޑެކެވެ. ޑޮކްޓަރުން މޮޅު ނަމަ އެ ކަންކަން ނޭނގެންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނެއެވެ. ވަސީލަތްތަކާއި ތަކެތި ހުރެމެ އެ ކަންކަން ނުހޯދެންވީ ކީއްވެކަމެއް އަހަރެންގެ ހިތަކަށް ނާދެއެވެ. ދެން ބުނީ ރާއްޖެއިން ބޭރަށް ދިއުމަވެ. ވީ އެންމެ އަވަހަކަށް ބޭރުން ފަރުވާ ހޯދުމަށެވެ. އެކަމަކު ކޮންމެ ކޮންމެ މީހަކަށް ބޭރަށް ދެވޭ ހެއްޔެވެ؟ އެ ތަނަވަސްކަން ހުރޭ ހެއްޔެވެ؟ އެ ފުރުޞަތު ލިބޭ ހެއްޔެވެ؟

އެކުވެރިޔާ ވަކިވެގެން އެ ދިޔައީ އެ ފުރުޞަތު ނުލިބިއެވެ. އެތައް ވޭނެއް ތަހައްމަލު ކޮށްފައެވެ. އެތައް އިހުސާސްތަކެއް އަހަރެންނާ ހިއްސާކޮށްފައެވެ. އެކުވެރިޔާއަށް ފަރުވާ ލިބޭތޯ ލައްކަ މަސައްކަތް އަހަރެން ވެސް ކުރީމެވެ. މީހުން ގާތުގައި ސަލާން ޖެހީމެވެ. މައްސަލައަކަށްވީ އެކުވެރިޔާގެ ބަލި ބޭރުފުށުން ފެންނަން ނެތުމެވެ. އެ ވާގޮތެއް ބުނެދޭން ނޭނގުމެވެ. އެއްދުވަހު ރަނގަޅިއްޔާ އަނެއް ތިން ދުވަހު އެކަމުން ސަލާމަތް ނުވެގެން އުޅެން ޖެހުމެވެ.

އެކުވެރިޔާގެ އެންމެ ފަހު ވާހަކަތައް ހަމަ ދެންމެ ދެއްކި ވާހަކަތަކެއް ހެން ހަނދާން އެބަހުއްޓެވެ. އޭނާ އަހަރެންގެ ގާތުގައި ކުރި ޝަކުވާތައް އަހަރެންގެ ކަންފަތުގައި ހަރުލާފައި އެބަވެއެވެ.

"ދެން އަބަދު ތިގޮތަށް ނުވިސްނަބަލަ؟ އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެ" އަހަރެން ބުނީމެވެ.

"ރަނގަޅު ވާނެހެނެއް އަހަރެންގެ ހިތެއް ނުބުނެ. ޑޮކްޓަރުންނަށް ވެސް މި ވާގޮތެއް ނޭނގުނެއްނު. ދެން ކިހިނެއް ރަނގަޅުވާނީ" އެކުވެރިޔާ ބުންޏެވެ.

"ޑޮކްޓަރުން އެ ބުނަނީ ބޭރަށް ދާން. ރާއްޖެއިން ނޭނގޭ އެތައް ކަމެއް ބޭރުން އެނގިދާނެއްނު. ރާއްޖޭން ފަރުވާ ނުކުރެވޭ އެތައް ބައްޔަކަށް ބޭރުން ފަރުވާ ހޯދެއެއްނު" އަހަރެން ބޭނުންވީ އެކަމުން އަރައި ގަނެވިދާނެކަން އެކުވެރިޔާއަށް ވިސްނައިދޭށެވެ.

"އަހަރެންގެ ހިތެއް ނުބުނޭ. މިކަން ރަނގަޅު ވެދާނެއެކޭ. މި އުޅެނީ ބަލި ނޭނގިގެން. ޑޮކްޓަރުން ބޭރަށް ދާން ބުންޏަސް އެއީކީ އަހަރެމެން ކަހަލަ މީސްމީހުންނަށް ވާނެ ކަންކަމެއް ނޫން. އަނެއްކާ އަހަރެންގެ މަންމަމެންނަކީ އެހައި ތަނަވަސް ބައެއް ނޫން. ކިހިނެއް އެފަދަ ޚަރަދެއް ކުރާނީ. މިއީ އަހަރެންނަށް އޮތް ގޮތް. މި ހާލުގައި އުޅެ މަރުވެގެންދާނީ" އެކުވެރިޔާގެ އަޑުގައި ވަނީ މާޔޫސްކަމެވެ.

"ތިހެން ނުބުނޭ. އިރާދަކުރެއްވިޔާ އަދި ރަނގަޅުވާނެ" އަހަރެން ހިތްވަރު ދިނީމެވެ. ނަމަވެސް އެކުވެރިޔާގެ ލޮލުން ފޭބީ ކަރުނައެވެ.

"އަހަރެންނަށް އެނގޭ އަހަރެން ހިތްހަމަ ޖައްސައި ދިނުމަށް ޔާފިއު ތިގޮތަށް ވާހަކަދައްކާނެކަން. އެކަމަކު ތި ވާހަކަތަކުން އަހަރެންގެ ހިތަށް ފިނިކަމެއް ނުލިބޭ. އަހަރެންނަކީ ނެތް މީހެއް. ނެތް މީހެއް" އެކުވެރިޔާ ރޯންފެށިއެވެ. ގިސްލަ ގިސްލާފައި ވާހަކަދައްކަމުން ދިޔައެވެ.

"އަހަރެންނަށް މި ނޫން ގޮތެއް ނެތީ ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެންނަށް މިހާލު ޖެހުނީ ކީއްވެ؟" އެކުވެރިޔާ ކުރަމުން ދިޔަ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެންނަކަށް ނުވިސްނުނެވެ.

"އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. ކެތްތެރިވާންވާނެ" އަހަރެން ބުނަމުން ދިޔައީމެވެ.

"ދެން ނުވާނެ. އަހަރެންނަށް މިވާ ތަދު، މި ނަގާ ދިލަ ޔާފިއުއަކަށް ވެސް ނުވިސްނޭނެ. މި ބޭސްތައް އުނގުޅިޔަސް ވާކަމެއް ނެތް. އަނެއްކާ އެހައި ވަރުބަލިވޭ. ހާސްވޭ. ޑޮކްޓަރުން ކަމެއް ނެތޭ ބުންޏަސް ކިހިނެއް ގަބޫލުކުރާނީ؟" އެކުވެރިޔާ އަނެއްކާ ވެސް ފެށީ އެ ވާހަކައެވެ. އެކުވެރިޔާ އެ ވާހަކަ ދައްކަނީ ކީއްވެގެންކަން އަހަރެންނަށް އެނގެއެވެ. އެކަމަކު އަހަރެންނަށް ކޮށްދެވޭނީ ވަކި ކޮން ކަމެއް ހެއްޔެވެ؟ ހެދޭނީ ވަކި ކޮން ގޮތެއް ހެއްޔެވެ؟ އަހަރެންގެ މައިންބަފައިންގެ އަތުންވެސް އެތައް ޚަރަދެއް އެކުވެރިޔާއަށްޓަކައި ކޮށްދިނީމެވެ. ވެދެވެން އޮތް އެހީތެރިކަމެއް ވީމެވެ. އެކަން އެކުވެރިޔާ ވެސް ގަބޫލުކުރެއެވެ.

އަހަރެންގެ ލޯމަތިން އެކުވެރިޔާ ގެއްލުނީ އެ ވާހަކަތައް އަހަރެންނާ ދެއްކި ދުވަހުގެ ހަވީރު ވަގުތުގައެވެ. އެ ޚަބަރު އަހަރެންނަށް ލިބުނީ އަހަރެން ގޭގައި ހުއްޓައެވެ. މީހަކު އައިސް އެ ޚަބަރު އަހަރެންނަށް ދިނުމުންނެވެ. އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ހުރެވުން ތަންވެސް ނޭނގުނެވެ. މުޅި މީހާ ހާސްވިއެވެ. ހިނދުކޮޅެއްގެ ހިމެންކަމެއް ވެރިވުމަށްފަހު އަހަރެންނަށް ދުއްވައި ގަނެވުނީ އެކުވެރިޔާގެ ގެއަށެވެ.

މުޅި ގެ އޮތީ މީހުންނަ ހެދި ތޮއްޖެހިފައެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެނިގެން ދިޔައީ ހިތާމަޔާއި މޮޅިވެރިކަމެވެ. އަހަރެން ފެނުމާއެކު އެކި މީހުން ފަރާތްފަރާތަށް ޖެހިލައި އަހަރެންނަށް ތަންދެއްކިއެވެ. އަހަރެންނަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާކަން އެއިން ކޮންމެ މީހަކު ދަތެވެ. އަހަރެން ގޮސް ހުއްޓުނީ މީހުންތައް ވަށާލެވިފައިވާ އެނދެއްގެ ބޯލާ ކޮޅުގައެވެ. ތުރުތުރު އަޅަމުން ދިޔަ އަހަރެންގެ އަތުން މަޑު ފެހިކުލައިގެ ބެޑްޝީޓު ހިއްލައިލީމެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް އަހަރެންގެ ލޮލުގެ އެސްފިތަކަށް މަތަކުރެވޭ ވަރެއް ނުވިއެވެ. އަޑުން އަޑުނަގައި އަހަރެންނަށް ރޮއި ގަނެވުނީއެވެ. ވަކި ނުވާށޭ ކިޔައި ގިސްލެވެން ފެށުނީއެވެ. އަހަރެން ހަމައަކަށް އެޅުވީ އެތަނުގައި ތިބި އެހެން މީހުންނެވެ.

މިހާރުވެސް އިއްޔެ ވީކަމެއް ފަދައިން އެ ހަނދާންތައް އާލާވެއެވެ. އެ ޚިޔާލުތަކާއި އެކުވެރިޔާގެ ވާހަކަތައް ހިތުގައި ދައުރުވެއެވެ.

އެކުވެރިޔާގެ ވަކިވުމުން އަހަރެންގެ ހަށިގަނޑުން ވެސް ބައެއް ވަކިވި ފަދައެވެ. ކުރަމުން އައި އުންމީދުތަކާއި ކަންކަމުގައި ހުރި ފޯރި ފަނޑުވި ފަދައެވެ. ކުރިން ކިޔަވާ ހިތްވި ނަމަވެސް އެ ރޫހު އެއްކޮށް މަރުވި ކަހަލައެވެ. އަބަދުވެސް އެކުވެރިޔާ މަތިން ހަނދާންވަނީއެވެ. ރަށުގައި ހިންގާ މިޑްލްސްކޫލު ޓީޗިން ކޯހުގައި ބައިވެރިވެފައި ވީނަމަވެސް ކިޔަވަން ދާހިތް ވެސް ނުވަނީއެވެ.

އަހަރެންގެ އުޅުމަށް އައި ކުއްލި ބަދަލާމެދު އަހަރެންނަށް ވިސްނޭ ވަރެއްނުވިއެވެ. އަހަރެން ބޭނުންވީ އެކުވެރިޔާގެ ހަނދާނުގައި ހުންނާށެވެ. އެ ހަނދާންތަކާއެކު ވަގުތުތައް ހޭދަކުރާށެވެ. އެ ޚިޔާލުތަކުގައި ވަގުތުތައް ދުއްވާލާށެވެ.

އަހަރެންގެ ވިސްނުމަށް އައީ އެކުވެރިޔާގެ މަހާނަގާ ހަދައި އެ މަހާނަ ފާހަގަކުރުމަށެވެ. އެކަން އަހަރެން ކުރީމެވެ. އެ މަހާނައަށް ދޮންވެލީމެވެ. އެ މަހާނައިގެ ދެކޮޅުގައި ގަނދަކޯޅި ގަސް އިންދީމެވެ. ކޮންމެ ހުކުރު ދުވަހަކު އެ މަހާނަ ދޮށަށް ޒިޔާރަތްކޮށް ހެޔޮ ދުޢާކުރީމެވެ.

އެކުވެރިޔާ ވަކިވެގެން ދިޔަތާ ދެ މަސް ފަހެވެ. އަހަރެންނަށް ފެނުނީ ހުވަފެނެކެވެ. އެއީ އެކުވެރިޔާ ވަކިވި ފަހުން ހުވަފެނުގައި އެކުވެރިޔާ ފެނުނު ފުރަތަމަ ފަހަރެވެ. އެކުވެރިޔާ ހުވަފެނުގައި ކުރީ އާދޭހެކެވެ. އެ އާދޭސް ކުރީ އަހަރެންގެ ގާތުގައެވެ. އޭނާ ބުނަމުން ދިޔައީ އޭނާއަށް ގޯނާ ކުރިޔަ ނުދިނުމަށެވެ. ދުނިޔޭގައި ނެތް މީހަކަށް ކުރެވޭނެ ގޯނާއެއް ނޯންނާނެކަން އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އެއީ ބިލާހެއްކަން އަހަރެންގެ ހިތް ގަބޫލުކުރިއެވެ.

ޖެހިގެން އައި ރޭ ވެސް ހަމަ އެ ހުވަފެން އަހަރެންނަށް ފެނުނެއެވެ. އެރޭ ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނެވެ. ހިތަށް ނުތަނަވަސްކަން ލިބެން ފެށީ އެހިސާބުންނެވެ. އެކަމަކު އެހެން ވާންވީ ސަބަބެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. އެއް ހުވަފެނެއް ދެ ރޭ ފެނުމުން ކޮންމެ ވެސް ކަމެއް ހިނގާކަން އަހަރެންގެ ހިތް ގަބޫލުކުރިއެވެ. އެކަމަކު ހިނގާނީ ވެސް ދެން ކޮން ކަމެއް ހެއްޔެވެ؟ އެކުވެރިޔާ ވީ މި ފަނާވަނިވި ދުނިޔެއ ވަކިވެފައެވެ. މީހެ ދެ މަސްކުރިން ލޯމަތިން ގެއްލިފައެވެ.

(ނުނިމޭ)