ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ކ. ހުރާގެ ބިން ހިއްކާ އެރަށުގެ ޒުވާނުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ މިއަދުގެ ނިޔަލަށް ކ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހުރައަށް ވަޑައިެގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ފައިސަލް ވިދާޅުވީ ކ. ހުރާ ކައުންސިލަކީ ރަށުގެ ރައްތިތުންނަށް ތަރައްގީ ހޯދައި ދިނުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރާ ނަމޫނާ ކައުންސިލެއް ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި އެންމެ ބޮޑަށް މަސައްކަތްކުރާނީ ހުރާ ކައުންސިލުން ކުރަމުންދިޔަ މަސައްކަތްތައް ރާއްޖޭގެ އެހެން ރަށްރަށުގެ ކައުންސިލްތަކަށް ވެސް ކުރެވޭނެ ގޮތް ހެދުމަށްޓަކައި ގާނޫނު ތަކަށް ބަދަލު ގެނެސްގެން ކައުންސިލްތައް ބާރުވެރި ކުރުމަށް ކަމަށެވެ.