ރައީސް ޔާމީންގެ ސަރުކާރުން ކުރި އެންމެ ނުރައްކާތެރި ކަމަކީ ގާނޫނުތަކަށް ބަދަލުގެނެސްގެން ޚުދުމުޚުތާރު ވެރިކަމެއް ދަމަހައްޓަން މަސައްކަތް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މިރޭ ކުނޫޒުގައި ކުރިއަށްގެންދާ ޖަލްސާގައެވެ.

އަނާރާ ވިދާޅުވީ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދަ ރައްޔިތުން ބޭނުންނުވާ ކަަމަށެވެ. ކޮރަޕްޝަނާ ލައިގެން ކުރާ ތަރައްގީއެއް ރައްޔިތުން ބޭނުންނުވާ ކަމަށާއި ތަރައްގީ ބޭނުންވަނީ ކޮރަޕްޝަނާ ނުލައި ކަމަށެވެ. ރައްޔިތުން މިއަދު ތަހަންމަލް ކުރަމުންދަނީ ވަރަށް ހިތްދަތި އިހުސާސްތަކެއް ކަމަށާއި އެއިހުސާސްތައް އުފާވެރިކަމަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ ދީނީގޮތުން ބަލާއިރު ވެރިއެއްގެ އެންމެ މުހިންމު ދެ ސިފައަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަކީ އެސިފަތައް ހުރި ދެބޭފުޅުން ކަމަށެވެ. އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމާ އެކު ރައޔްިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވައި އަނާރާ ވިދާޅުވީ އެދެބޭފުޅުންނަކީ ވަރަށް އިޚުލާސްތެރި ދެބޭފުޅުން ކަމަށެވެ. އަދި އިބްރާހީމް މުހައްމަދު ސޯލިހަކީ އަބަދުވެސް އެހެން މީހުންގެ ބަސް ހޯއްދަވައިގެން މަޝްވަރާއާއެކު ކަންކަން ކުރައްވާ ބޭފުޅެއްކަން މާޒީގައި ވެސް އެމަނިކުފާނު ދައްކުވައިދެއްވާފައިވާ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ މިސަރުކާރުން ކޮށްފައިވާ އެންމެ ނުރައްކާތެރި ކަމަކީ ގާނޫނުތަކަށް ބަދަލުގެނެސްގެން ޚުދުމުޚުތާރު ވެރިކަމެއް ދަމަހައްޓަން މަސައްކަތް ކުރުން ކަމަށެވެ. ހުރިހާ ބާރެއް ވަނީ ރައީސް ޔާމީންގެ މުށުތެރެއަށް ލައްވާފައި ކަމަށާއި އެއީ ދިވެހިން ބޭނުންވާ ގޮތް ނޫން ކަމަށެވެ. ދިވެހިން ބޭނުންވަނީ ބާރުތައް ވަކިވެފައިވާ ނިޒާމެއް ކަމަށާއި ދިވެހިން ބޭނުންވަނީ ރައްޔިތުންގެ ބަސް ވިކެން ކަމަށެވެ. ނަމަވެސް އެންމެ ފަރުދަކު ބޭނުންވާ ގޮތަށް ގައުމުގެ ކަންކަން ކުރުމަށް ރައްޔިތުން ބޭނުންނުވާކަން ގައުމުގެ ތާރީޚުން ވެސް އެނގޭ ކަމަށް އަނާރާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ އަދި އިސްލާމްދީނަށް ވެސް ވަރަށް ލޯބިކުރާ ބައެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އިސްލާމްދީން އޮތީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫން ކަމަށް އަނާރާ ވިދާޅުވިއެވެ.

"ރާއްޖެ އިސްލާމް ވިތާ އެތައް ސަތޭކަ އަހަރެއް ވެއްޖެ. އޭރަކު ނެތް ރައީސް ޔާމީނެއް. އަދި އޭރަކު ނެތް ޑރ.ޝަހީމެއް ވެސް. އެކަމަކު އިސްލާމްދީން އޮތް ރާއްޖޭގައި. އެހެންވީމަ ކޮންމެ ރައީސަކު އަޔަސް އެހެން ދީނަކަށް ދިވެހިން ފުރުސަތު ނުދޭނެކަން ޔަގީން" އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނުމަށް ޕާޓީތަކުގެ މެދުގައި ވާހަކަދެކެވިފައިވާ އެންމެ މުހިންމު ކަމަކީ ވެސް އިސްލާމީ އުސޫލުތަކާ އެކު ރާއްޖޭގައި އިސްލާމްދީން ދެމެހެއްޓުން ކަަމަށެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމްދީން ނޫން ދީނެއް ނޯންނާނެކަމުގެ ޔަގީންކަން އަނާރާ ދެއްވިއެވެ.

އަނާރާ ވިދާޅުވީ ގައުމުގެ މިނިވަންކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ. ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު ހެދުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ގުޅިފައިވާ ޕާޓީތަކުން ބޭނުންވާ ކަމަށެވެ. އިއްތިހާދުގެ ވެރިކަމެއްގައި މިނިވަންކަމާއި އުފާފަގަތިކަންމަތީ ދިރިއުޅެވޭނެ ގޮތް ރައްޔިތުންނަށް ފަހިކޮށްދޭނެ ކަމަށް އަނާރާ ވިދާޅުވިއެވެ.