(26 އޯގަސްޓް 2018 އާ ގުޅޭ)

ޖެހިގެން އައި ރޭ ވެސް ހަމަ އެ ހުވަފެން އަހަރެންނަށް ފެނުނެއެވެ. އެރޭ ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނެވެ. ހިތަށް ނުތަނަވަސްކަން ލިބެން ފެށީ އެހިސާބުންނެވެ. އެކަމަކު އެހެން ވާންވީ ސަބަބެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. އެއް ހުވަފެނެއް ދެ ރޭ ފެނުމުން ކޮންމެ ވެސް ކަމެއް ހިނގާކަން އަހަރެންގެ ހިތް ގަބޫލުކުރިއެވެ. އެކަމަކު ހިނގާނީ ވެސް ދެން ކޮން ކަމެއް ހެއްޔެވެ؟ އެކުވެރިޔާ ވީ މި ފަނާވަނިވި ދުނިޔެއާ ވަކިވެފައެވެ. މީގެ ދެ މަސްކުރިން ލޯމަތިން ގެއްލިފައެވެ.

އެރޭ އިތުރަކަށް އަހަރެންނަކަށް ނުނިދުނެވެ. ފަތިސް ނަމާދުކޮށްލައިގެން އަހަރެން ދިޔައީ އެކުވެރިޔާގެ ގެއަށެވެ. އެކުވެރިޔާގެ މަންމައާ ބައްދަލުކޮށްލުމުގެ ނިޔަތުގައެވެ.

ގޭގެ ދޮރު ހުޅުވާފައި ހުރުމުން ސަލާން ވެސް ގޮވުމެއް ނެތި އެކުވެރިޔާގެ ގެއަށް އަހަރެން ވަދެގެން ދިޔައީމެވެ. އޭރު އެކުވެރިޔާގެ މަންމަ އިނީ ބަދިގެ ފަރާތުގައި ހުރި ޖޯލީގައެވެ. އެ މަންމަގެ މޫނުމަތިން ފެނުނީ ބަލީގެ އަސަރުތަކެވެ. މާޔޫސްކަމާއި މޮޅިވެރިކަމެވެ.

"ހައްވައްތަ ބަލީތަ؟" އަހަރެންނަށް ސުވާލުކޮށްލެވުނެވެ.

"އިއްޔެއާއި ކުރީ ދުވަހު އުޅުނީ ވަރަށް ހުން ގަދަވަގެން. ހީވަނި މި އުޅޭ ރޯގާހެން. އެކަމަކު މިހާރު ކުޑަކޮށް ރަނގަޅު" ހައްވައްތަގެ ޖަވާބުން ވެސް އެ އަޑުގެ ބަލިކަން އެނގިގެންދިޔައެވެ.

އެ ވަރުން ވެސް ހައްވައްތަ ސުވާލުކުރިއެވެ. " ހާދަ ފަތިހަކާ؟ އަނެއްކާ ކިހިނެއްވީ؟ ކަމެއް ވީތަ؟"

"މާބޮޑު ކަމެއް ނުވޭ. ޔާފިއު މަތިން ހަނދާންވީމާ ހަމަ ވަދެލީ" އަހަރެން ޖަވާބު ދިނީމެވެ.

"އަހަރެންވެސް މި އުޅެނީ ހަމަ ތި ހަނދާނުގައި. އެންމެ ވަގުތު ކޮޅެއް ވެސް އެ ހަނދާންތަކުން ދުރަކަށް ނުދެވޭ. ހީވަނީ ހަމަ ލޯމަތީ ހުންނަހެން. ކީއްކުރާނީ؟ ކިހިނެއް ހަދާނީ؟ އެއީ މިންވަރު ކުރެއްވި ގޮތް" ހައްވައްތަގެ ހާލަތު އޭނާ ހިއްސާކުރިއެވެ. އަހަރެންނަށް މި ވަރުވާ އިރު މައިމީހާއަށް ކިހައި އަސަރެއް ކުރާނެ ހެއްޔެވެ؟ ކިހައި ވޭނެއް އަޅާނެ ހެއްޔެވެ؟

"އަހަރެންނަށް ދެ ރެއަކު ޔާފިއުގެ ހުވަފެނެއް ފެނިއްޖެ. ހުވަފެނުގައި ބުނަނީ އޭނާއަށް ގޯނާކުރިޔަ ނުދިނުމަށް. އެ އުނދަގުލާހެދި މިގެއަށް މި ވަދެވުނީ. ހިތަށް އެރީ ހައްވައްތަގެ ހާލު ބަލައިލާނަމޭ. ހީވަނީ އެއީ ހައްވައްތަ ބަލިކަމުން ފެނުނު ހުވަފެނެއް ހެން" އަހަރެންނަށް ހީވާ ގޮތް ހައްވައްތައާ ހިއްސާކުރީމެވެ.

"ހުވަފެނަކީ ބިލާހެއް. މާބޮޑަށް ހަނދާންވަނަމަ ވެސް ހުވަފެން ފެންނާނެ. އެކަންކަމާ އަޅަނުލައި. އިރާދަކުޔރެއްވިއްޔާ ހައްވަތަ ވެސް ދެން ރަނގަޅުވެދާނެ. މިއަދު ކުޑަކޮށް ރަނގަޅު" ހައްވައްތަ ވާހަކަދެއްކި އަހަރެންގެ ހީއާ ވެސް ގުޅުވާލައިގެންނެވެ. އެ ވާހަކަތަކުން އަހަރެންނަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ.

"ސައިތައްޓެއް ބޯންވީނު؟" ހައްވައްތަ ސުވާލުކުރިއެވެ.

"ނޫން. ނޫން.. ދެން މިގަޑީގައެއް ނުބޯނަން. ދެންމި ދަނީ" ހައްވަތަގެ އެ އެދުމަށް އަހަރެން ދެކޮޅު ހެދީމެވެ. އެހައި ބަލިއިރު ހައްވަތަ ލައްވާ އިތުރު މަސައްކަތެއް ކުރުވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

"މިތަނުން ދުވަހަކުން އަދި ވަދެލާނަން. ދެން މިދަނީ" އެހެން ބުނުމަށްފަހު އެގެއިން ނުކުންނަށް އަހަރެން ހިނގައިގަތީމެވެ. އެހިނދު އެތައް ޝުޢޫރެއް ހިތުގައި ވިކައިގަތެވެ. އެކުވެރިޔާ ވަކިވިފަހުން އެގެއަށް ދިއުން ވަރަށް މަދުވެއްޖެއެވެ. އެހެން ނޫނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެގެއަށް ވަދެވެއެވެ. މިހާރު ހަފުތާއަކު އެއް ދުވަހު ވެސް އެ ގެއަކަށް ނުދެވެއެވެ. ކުޑަ މިނުން ހައްވައްތަގެ ހާލު ވެސް ބަލައެއް ނުލެވެއެވެ. އެހައި ބޮޑަށް ބަލިވި އިރުވެސް އަހަރެންނަކަށް އެކަމެއް ނޭނގުނެވެ. އެކުވެރިޔާ އެ ބުނީ އެވާހަކަ ކަންނޭނގެއެވެ. އޭނާ އެންމެ ލޯބިވީ އޭނާގެ މަންމަ ދެކެއެވެ. މިއަދު އެކުވެރިޔާއަށް ކަމެއް ކޮށްދޭނަމަ ކޮށްދެވޭނީ އެ މަންމައަށެވެ. ހުވަފެނުގައި ހަނދާންކޮށްދިނީ އެކަން ކަންނޭނގެއެވެ. އެތައް ޚިޔާލުތަކެއް ހިތަށް ޖަމާކުރަމުން އައިސް އަހަރެން ގެއަށް ވަނީމެވެ.

ޖެހިގެން އައި ރެއެވެ. ތަންކޮޅެއް ފަސޭހައިން އަހަރެންނަށް ނިދުނު ރެއެކެވެ. ތަންކޮޅެއް އަވަހަށް އޮށޯވެވުނު ރެއެކެވެ. ނަމަވެސް އެރޭ ވެސް ހޭލެވުނީ ހަމަ އެކުވެރިޔާގެ އާދޭހާ އެކުއެވެ. ކުރީ، ހަމަ ކުރީ ރޭގެ އާދޭހެއެވެ. ހަމަ އެ ވާހަކަތަކެވެ.

އަހަރެންނަކަށް ނޯވެވުނެވެ. އެނދުން ތެދުވެ އިށީނދެވުނެވެ. އަދި އިތުރަށް ވިސްނާލެވުނެވެ. ޚިޔާލު ގޮސް ހުއްޓުނީ ގަބުރުސްތާނަށެވެ. އެކުވެރިގެ މަހާނައަށެވެ.

އަހަރެންނަށް ބަލައިލެވުނީ ގަޑިއަށެވެ. އޭރު އަދި ތިނެއް ޖަހަނީއެވެ. އަހަރެން ތެދުވީމެވެ. ގޮނޑީގައި އަޅުވާފައި ހުރި ޓީޝާޓް ލުމަށްފަހު ބޭރަށް ނުކުތީމެވެ. ފަނޑު އަލިކަމުގައި ނިދާފައި އޮތް ރަށުގެ ބޮޑުމަގުން އިރަށް މިސްރާބު ޖެހީމެވެ. ޖެހިގެން އޮތް ބަނަފުސާ ގޯޅި އަޅައި ގަބުރުސްތާނާ ހަމަކުރީމެވެ.

ދެލޮލަށް ފެންނަމުން ދިޔައީ ކުށް ހީއެއް ނޫނެވެ. ހިތުން ބުނެދިނީ ވެސް ކުށް ވާހަކައެއް ވެސް ނޫނެވެ. ފެނުނު މަންޒަރާއެކު ހިތަށް ބިރުވެރިކަން ވެދެގެން ދިޔައެވެ. މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. އެބިރުގެ ކުރިމަތީ އަހަރެންގެ ޒަމީރު ގަދަކުރީމެވެ. ރޫހުގެ ހިތްވަރު ދިރުވީމެވެ. އަޑުގައި ނެތްތަނަށް އަހަރެން ހަޅޭއްލަވަން ފެށީމެވެ. ތިޔަ ކުރަނީ ކޮން ކަމެއްހޭ ކިޔައި ގޮވަންފެށީމެވެ. މަހާނަ ކޮންނަނީއޭ ކިޔައި އަޑުލަން ފެށީމެވެ. އެ އަޑުން މުޅި ހިސާބުގަނޑުގެ ހިމޭންކަން ފޫ އަޅުވާލީމެވެ. ބޭނުމަކީ މީހުންތަކެއް ޖަމާކުރުވުމެވެ.

އަހަރެންގެ އެ އަޑުން ހައެއްކަ މީހުން މަގުތަކަށް ނުކުތެވެ. އަހަރެންނާ ހަމައަށް އެ މީހުން އައެވެ. ގަބުރުސްތާނުގައި ހުރި މީހާ އެތަނުން ނުކުތުމުގެ ކުރިން އެ މަންޒަރު އެމީހުންނަށް ވެސް ފެނުނެވެ. އެހެން ނަމަވެސް ގަބުރުސްތާނުގައި ހުރި މީހާ ނުކުތީ ގަބުރުސްތާނުގެ އަނެއް ފަރާތުންނެވެ.

"އެއީ އެ އުޅޭ ތައްޚާނު ދޯ؟" އަހަރެން ދޯ އަޅާލީ އަހަރެންގެ އަޑަށް ނުކުން މީހުންނަށެވެ.

"ޔަގީން އެއީ އޭނަކަން. ތި ވާނީ މި އޮތް ދަންވަރު ކޮންމެވެސް ކަންތައް ގަނޑެއް ހިނގާލީކަމަށް" ހުސްގަޔާއެކު ހުރި ހަސަންބެ ވާހަކަ ފެށިއެވެ.

"އަދިވެސް އެ އުޅުމެއް ނުހުއްޓޭ ވިއްޔާ. ކިތައް މީހުންނަށް އަނިޔާ ދެވިއްޖެ. ކިހާ ވަރެއް، މިރަށު މީހުންނަށް ކުރެއްވިއްޖެ" އެހެން މީހަކުވެސް ވާހަކަ ފެށިއެވެ.

"އަހަރެންނަށް މި ތިންރޭ ހުވަފެނެއް ފެނިގެން އެ އުނދަގޫ ވާތީ މިއުޅެވުނީ. ފެންނަނީ ޔާފިއު އާދޭސްކުރާ ތަން. ޖެހިޖެހިގެން ތިންރޭ ފެނުނީމާ ހިތަށް އެރީ އޭނާގެ މަހާނައަށް ކަމެއް ވަނިއްޔޭ. އެހެން ހިތާ މިރޭ މި ނުކުތީ. ހިތަށް ފެނުނު ގޮތަށް ލޮލަށްވެސް މި ފެނުނީ" އެތަނަށް އަހަރެން އަންނަން ޖެހުނު ސަބަބު އަހަރެން ހިއްސާކުރީމެވެ.

"އޭނާ ނުވާނެ ރަނގަޅެއް. އަބަދުވެސް އުޅޭނީ ކޮންމެވެސް މީހަކަށް ގޯނާއެއް ކުރެވޭތޯ؟ މަ ބުނާނީ ޔާފިއު އެ ނިމިދިޔައީވެސް ތި ތައްޚާނުގެ ސިހުރުންނޭ" ދައްކަމުން ދިޔަ ވާހަކަތަކުން ފާޅު ކުރެވުނެ ޚިޔާލުން އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އެއީ އަހަރެންގެ ހިތަށް ނާރާ ވާހަކައެކެވެ. އެކަމަކު އެއީވެސް ވެދާނެގޮތެކެވެ. ޔާފިއު އުޅުނު ހާލުން އެވާހަކައަށް އޮތް ޝައުގު އިތުރުވިއެވެ.

"އަހަރެން ބޭނުން އެތަނުގައި އޭނާ ކުރީ ކީއްތޯ ބަލަން. އަހަރެންނާއެކު އެތަނަށް ދެވިދާނެތަ؟" އަހަރެން ސުވާލުކުރީމެވެ.

"ހިނގާ ވަންނަމާ. އެކަމަކު މަޑުކޮށްލާ. ގެއަށް ވަދެ މަމި އަންނަނީ ޓޯޗު ހިފައިގެން" ހަސަންބެ ބުނީ މަޑުކޮށްލުމަށެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ހަސަންބެއާ އަދިވެސް ތިންމީހަކާއެކު ގަބުރުސްތާނަށް ވަނީމެވެ. އޭނާ މަޑުކޮށްގެން ހުރި ސަރަހައްދަށް ދިޔައީމެވެ. އެއީ އެކުވެރުޔާގެ ގަބުރުސްތާނު ވެސް ހުރި ހިސާބެވެ.

ފެނުނީ އެކުވެރިޔާގެ ގަބުރުސްތާނުގެ މެދު ކޮންނަން ފަށާފައިވަނިކޮށެވެ. ދޮންވެލި ފަސްތައް ހުރީ ކަހާފައެވެ. ގަބުރުސްތާނުގައި އުސްކޮށް އުފުލިފައިވާ ފަސްގަނޑު ވަނީ ބިމާ ހަމަކޮށްފައެވެ.

"މިއީ އެ ކުރިކަމަކީ؟ އޭރުވެސް މަ ބުނީމެއްނު ރަނގަޅު ކަމެއް ނޫނޭ އެކުރީ. ކިހައި ބޮޑުވެއްޖެ ކަމެއް މީ" ހިތްހަމަ ނުޖެހުން ފާޅުކުރީ ކުރިންވެސް ހިތްހަމަ ނުޖެހުން ފާޅުކުރި މީހާއެވެ.

"މިފަހަރު މިކަންވާނެ ރަނގަޅަށް ބަލަން. ކޮންމެ ފަހަރަކު އެހެން ސަލާމަތެއް ނުވެވޭނެ" ހަސަންބެ އިތުރަށް ހިފާލިއެވެ. އަހަރެންނަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަދާނެ ގޮތެއް ނުވިސްނިފައެވެ. ހިތަށް ވެރިވަމުން ދިޔައީ އެކުވެރިޔާ އުޅުނު ހާލެވެ. އޭނާ ދެއްކި ވާހަކަތަކެވެ.

"ކީއްވެ ތި ހުންނަނީ؟" ޚިޔާލުތަކުން ނުކުމެވުނީ ހަސަންބެގެ ސުވާލުންނެވެ.

"ހިތަށް މިއަރަނީ ޔާފިއު އެ ވަކިވީ ކީއްވެބާއޭ؟ އޭނާއަށް އެ ހާލު ޖެއްސީ މި ތައްޚާނު ބާއޭ" އަހަރެންނަށް ބުނެވުނީ އެވަރަށެވެ. އިތުރަށް އެ ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ.

ޖެހިގެން އައި ދުވަހު މުޅި ރަށުގައި އޮތީ ދަންވަރު ގަބުރުސްތާނަށް ވަދެ ތައްޚާނު ކުރި ކަންތަކެވެ. ޔާފިއުގެ ހަށިގަނޑު ވަޅުލާފައި އޮތް މަހާނަ ކޮންނަން އުޅެނިކޮށް ބަޔަކަށް ފެނުނު ވާހަކައެވެ. އެ ވާހަކަތަކުގެ ސަބަބުން ތައްޚާނު އޮފީހަށް ހާޒިރުކުރިއެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ތައްޚާނުގެ އެ ޢަމަލު ތަހުގީގު ކުރިއެވެ.

ނަމަވެސް ތައްޚާނު އެއްބަހެއް ނުވިއެވެ. އޭނާ ބުނަމުންދިޔައީ އޭނާ އެކަން ކުރީ ވަކި ނިޔަތެއް އޮވެގެން ނޫންކަމަށެވެ. އެކަން އޭނާ ކުރީ އެ މަހާނަ އެހެން މަހާނަތަކަށްވުރެ މާރީތިކޮށް ހުންނާތީ އުނދަގޫވާތީކަމަށެވެ. އޭނާގެ އެ ވާހަކަ ގަބޫލުކުރާނެ މީހަކު ނުވިނަމަވެސް، އެއީ އޭނާ ދޭ ޖަވާބެވެ. މަހާނައާ ކުޅުނު ކަމަށް އޭނާ ވެސް އެއްބަސްވެއެވެ. ނަމަވެސް އެ މަހާނަ ކޮންނަން މަސައްކަތް ކޮށްފައި ނުވާނެކަމަށް ވެސް އޭނާ ބުނެއެވެ.

އެތައް ދުވަހަކަށް ފަހު ތައްޚާނު ސަލާމަތްވިއެވެ. ސަލާމަތް ނުވީ އަހަރެންގެ ހިތެވެ. އަހަރެންގެ ވިސްނުމެވެ. އަހަރެންގެ ވަށާ ލެވިފައިވާ އެކުވެރިޔާގެ ޚިޔާލުތަކެވެ. މިއަދު އަހަރެންނަށް ގަބޫލުކުރެވެނީ އެކުވެރިޔާ މަރުވީ މީހެއްގެ ސަބަބުންކަމެވެ. އެ ވޭނުގައި އުޅެންޖެހުނީ މީހެއްގެ ނުބައި ވިހައިގެ އަސަރުންކަމެވެ. އެހެން ނޫންނަމަ ޑޮކްޓަރުންނަށް އެކަމަށް ޝިފާއެއް ހޯދުނީހެވެ.

އެ މީހުންގެ ބޭހުން އެކުވެރިޔާއަށް ލުއިތަކެއް ލިބުނީހެވެ. މިއީ ދުނިޔެއެވެ. ހަސަދަވެރީންގެ ހަސަދަތަކުގެ ނުބައިކަމުން ސަލާމަތް ނުވެވޭ ފަހަރުވެސް ދެއެވެ. ހެޔޮ ވާނީ ކިހިނެއް ހެއްޔެވެ؟ އެކުވެރިޔާގެ ކުށަކީ ކޮބައި ހެއްޔެވެ؟ އޭނާ ކުރި އުނދަގުލަކީ ކޮބައި ހެއްޔެވެ؟ މިއީ އެކުވެރިޔާވެސް ކުރި ސުވާލުތަކެވެ. މިއަދު މި ސުވާލުތައް މިކުރަނީ އެކުވެރިޔާގެ އެކުވެރިޔާ އެވެ.

(ނިމުނީ)