ފަސް މިނިޓުގެ އުފަލަކަށް ރައްޔިތުންގެ ޖީބުން މިލިއަން ޑޮލަރު އަންދާލުމަކީ ބޮޑު އިސްރާފެއް ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ހިތާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ ގައުމަށް ވަނީ ދުވަހަކުވެސް ނުފެންނަ ވަރުގެ އަނދިރި ދުވަސްތަކެއް ކުރިމަތިވެފައި ކަމަށާއި ރައްޔިތުން ބަދަލަކަށް އެދެނީ ހައްގު ނޫން އަނިޔާތަކެއް އެތައް އާއިލާއަކަށް ލިބެމުންދާތީ ކަމަށެވެ.

އިއްތިހާދުގެ ވެރިކަމެއްގައި ހިތާދޫއަށް ސާފުބޯފެން ފޯރުކޮށްދީ، ނަރުދަމާ ގާއިމުކޮށްދީ، ބަނދަރުގެ ދަތިކަން ހައްލުކޮށްދޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ކޮންމެ ރަށެއްގެ ވެސް ސިއްހީ ދާއިރާ ވަނީ ވަޅުޖަހާފައި ކަމަށާއި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ.

އިއްތިހާދުގެ ސަރުކާރެއްގައި އިސްރާފު ނުކުރާނެކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސް މިނިޓަށްޓަކައި މިލިއަނެއްހާ ޑޮލަރު އަންދާލާއިރު އެފައިސާ ހިތާދޫއަށް ހޭދަކުރިޔަސް ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދެވޭނެ ކަމަށެވެ. ވޯޓާ ކުރިމަތިލާއިރު ވޭތުވެދިޔަ ފަސް އަހަރުތެރޭ ހިނގާފައިވާ އަނިޔާވެރިކަމުގެ އަމަލުތަކާ މެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަަމަށާއި މިސަރުކާރަށް އިތުރު އެއްވެސް ފުރުސަތެއް ދީފިނަމަ ގައުމު ބީވެގެން ހިނގައިދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"މިޖަޒީރާވަންތަ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް އަޅުގަނޑުމެން ޚިދުމަތްތައް ހޯދައިދޭނީ ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ފެންނަ ގޮތަށް. ވަކި ދިމާލަކަށް ގެންގޮސް ތޮއްޖައްސައިގެން މަޖުބޫރުކުރުވައިގެން ނޫޅޭނަން. ހިތްގައިމު ރަށްތަކުގައި ދިރިއުޅެން ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު އޮންނާނެ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތަށް ކައުންސިލްތަކުގެ ބާރުތައް އިއާދަކޮށްދީ ރައްޔިތުން ބާރުވެރިކުރުވާނެ ކަމަށެވެ. މަސްވެރިންގެ ބުރަ މަސައްކަތުގެ ހަމަ އަގު ހޯދައިދީ، ޓީޗަރުންގެ ހައްގުތައް ހޯދައިދީ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ހިތާދޫއަށް ވަޑައިގަތުމުގެ ކުރިން ފައިސަލް ވަނީ ތުޅާދޫއަށް ވަޑައިގެންފައެވެ. ތުޅާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ތުޅާދޫގެ ބިން ހިއްކި ނަމަވެސް އޭގެ ފައިދާ ރައްޔިތުންނަށް ނުކުރާ ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި ބޯހިޔާވަހިކަމަށް ވަރަށް ބޮޑު އިސްކަމެއްދީ، މިފަދަ ބިންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތް ހެދުމަށް ކައުންސިލާ ބިން ހަވާލުކުރާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ސަރުކާރެއް އަންނަނީ ދައުލަތަށް ރައްޔިތުން ދައްކާ ފައިސާގެ ބޭނުން ހެޔޮގޮތުގައި ހިފައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި މިވޭތުވެދިޔަ ފަސް އަހަަރު ރައްޔިތުން ތަހަންމަލް ކުރި ކަންކަން ތަހަންމަލް ކުރަން ނުޖެހޭނެ ކަމަށެވެ. ބައިތުލްމާލުގެ ބޭނުން ނާޖާއިޒް ގޮތުގައި ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

"ގައުމުގެ ކޮންމެ ދިމާލަކުން ބެލިޔަސް ފެންނަނީ ބޮޑެތި އަދަދުތަކުން ކޮރަޕްޝަން ހިންގާފައިވާ ތަން. ރައްޔިތުން ކުރަންޖެހޭ އެތައް ނުވެ އޮތީ މިއަދުގެ ސަރުކާރުން ހިންގާފައިވަ ބޮޑެތި ޚިޔާނާތުގެ ސަބަބުން. އައިޖީއެމްއެޗުގެ ބޮޑު އިމާރާތެއް އޭގެ އަސްލު އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ނިންމަމުންދާ ތަން. ގިނަ ކުންފުނިތަކުގެ މައްޗަށް ދަނީ ތުހުމަތުތައް ކުރަމުން. އަޅުގަނޑުމެން ކަންކަން ކުރާނީ ހަމަ އަގުގައި" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގައުމު ތަރައްގީ ކުރެވޭނީ އިލްމީ ގާބިލް ބޭފުޅުން ބައިވެރިކޮށްގެން ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގައި އެފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އަނިޔާވެރިކަން ނައްތާލައި ހަމަހަމަކަން ގާއިމުކުރާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ބ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ތުޅާދޫއަށްފަހު ފައިސަލް ވަޑައިގަތީ ދަރަވަންދޫއަށެވެ. މިހުރިހާ ރަށަކުން ވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ފައިސަލް ބ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގެ ތެރެއިން މިރޭ ދަރަވަންދޫގައި ގުޅިފައިވާ ޕާޓީތަކުގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.