ރައްޔިތުންގެ ބައިތުލްމާލުން ވަކި ބަޔަކަށް ފައިދާވާގޮތަށް މިސަރުކާރުން ވަރަށްބޮޑަށް އިސްރާފު ކުރަމުންދާކަމަށް، އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ބ. ކަމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފައިސަލް ނަސީމް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ހިންގަމުންދާ ކޮރަޕްޝަންގެ ކަންކަމަށް ނިމުމެއް ނެތްކަމަށާއި، އަދި އިސްރާފު އިންތިހާއަށް ކުރަމުންދާކަމަށެވެ. ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި އެފަދަ ކަންކަން ބެލޭނެ ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށް ތަރަށްޤީވެ ރައްޔިތުން ބޭނުންވާ ކަންކަން ވެގެންދާނީ، އެބާވަތުގެ ބޭކާރު ޚަރަދުތައް ހުއްޓުވިގެން ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި ރައްޔިތުންނަށް ތަރަށްޤީ ގެނެސްދޭނީ ދެފުއްފެންނަ އަދި ކޮރަޕްޝަނާއި އިސްރާފުން ދުރުވެ ތިބެކަމަށެވެ.

ކަމަދޫއަށްފަހު ކިހާދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައެްދަލުކުރައްވާ ފައިސަލް ވިދާޅުވީ ދިވެހި ޤައުމު މިއަދު ބަދަލަކަށް އެދި ގޮވަމުންދާކަމަށެވެ. އަދި އަތޮޅުތަކުގެ ތަރަށްޤީއަށް ބެލުމެއްނެތި މި ސަރުކާރުން ވަކިބަޔަކަށް ފައިދާވާގޮތަށް ކަންކަން ކުރަމުންދާކަމަށެވެ.