އިންޑިއާގެ އެއާލައިނެއް ކަމަށްވާ ގޯ އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ގޯ އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަރާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ކުރިއަށް އޮތް އޮކްޓޯބަރު މަހު ގޯ އެއާ އިން ބައިނަލްއަގުވާމީ ދަތުރުތައް ފަށަން ހަމަޖައްސާފައިވާ ކަމަށެެވެ.

އެގޮތުން ރާއްޖެއަށް ދަތުރުތަށް ފަށަން ހަމަޖައްސާފައި ވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު މުމްބާއީ އާއި ނިއުދިއްލީން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބެންގަލޫރުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.

ރާއްޖޭގެ އިތުރަށް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ތައިލެންޑުގެ ޕުކެޓް އަށް ވެސް ގޯ އެއާގެ ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ގޯ އެއާއިން މިއަހަރުގެ އޮކްޓޯބަރު މަހު ދަތުރުތައް ފަށަން ހަމަޖައްސާފައި މިވަނީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ 2016 ވަނަ އަހަރު ދީފައި ވަނިކޮށެވެ.