މި އިންތިހާބު ކާމިޔާބުކުރުމަށް ދިވެހި ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންނާއެކު ޖަލަށް ވަޑައިގަންނަވަން ޖެހުނަސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ) ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އިބޫ ވިދާޅުވީ އިންތިހާބުގައި ވޯޓްލާ ދުވަސް ކައިރިވެފައިވާއިރު އިއްތިހާދަށް ތާއީދުކުރާ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ދިވެހިން ކުރަމުންދާ މަސައްކަތުގައި އެންމެ ތަންކޮޅެއްވެސް ދޫނުދީ ކުރިއަށް ވަޑައިގަތުމަށް އިބޫ ވަނީ އެދިވަޑައިގެންފަ އެވެ.