އިންތިޚާބަށް ދެން އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި އިންތިޚާބާއި ކުރިމަތިލާނީ ވޯޓާސް ލިސްޓަކީ ސައްޙަ ލިސްޓެއް ކަމުގައި ކަށަވަރުވެގެން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އިންތިޚާބު އޮންނަ ދުވަހުގެ ކުރިން ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ދެނެގަނެ ސައްޙަކަން ކަށަވަރު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވީ، މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ގއ ދެއްވަދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިބޫ ވިދާޅުވީ، އިންތިޚާބުގައި މިހާތަނަށް އައި އިރުވެސް އެބޭފުޅުން ވަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި ދަތިތަކާއި ކުރިމަތިލާފައި ކަމަށެވެ. މިގޮތުން ރީރެޖިސްޓްރޭޝަންގެ ކަންކަމުގައި ގިރާކުރަން ޖެހުނު ހުރަސްތައް ފާހަގަ ކުރެއްވިއެވެ.
" ރީރެޖިސްޓްރޭޝަނުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް ގޮންޖެހުންތައް ކުރިމަތިވި. އެހެންނަމަވެސް ރަށްރަށުގައި ތިއްބެވި ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުންނާއި މާލޭގައި ސެންޓްރަލްކޮށް އެހިންގެވި ހަރަކާތްތަކުގެ އަލީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވަނީ އެއޮޅިވެސް ގިރާކޮށްފައި. އިރާދަ ކުރެއްވިއްޔާ ވޯޓުލާ ލިސްޓް ވެގެންދާނީ ހަމަ ސައްޙަ ލިސްޓެއްގެ ގޮތުގައި ކަށަވަރުވެގެން އަޅުގަނޑުމެން އިންތިޚާބާއި ކުރިމަތިލާނީ." އިބޫ ވިދާޅުވިއެވެ.
ރީ ރެޖިސްޓްރޭޝަން މަރުހަލާފައި ސަރުކާރުން ވޯޓާސް ލިސްޓް ގަޑުބަޑު ކުުރުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ކޮށްފައި ވާއިރު އިބޫ ވިދާޅުވީ، ދެން އޮތީ ވޯޓުލާ ދުވަހަށް ތައްޔާރުވުން ކަމަށެވެ.
އިބުރާހިމް މުހައްމަދު ޞޯލިޙު ވިދާޅުވީ މުޅިރާއްޖޭގެ ތާއީދާއި އެކު 23 ސެޕްޓެމްބަރުގެ ވޯޓު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑީޑޭޓު އިބުރާހިމް މުހައްމަދު ޞޯލިޙު ހުވަދުއަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅުގެ ރަށްތަކުން އެމަނިކުފާނަށް ދަނީ ހޫނު މަރުޙަބާއެއް ދަންނަވަމުންނެވެ.