ބިރުވެތިވާންޖެހެނީ ﷲ ސުބްހާނަހޫ ވަތައާލާގެ ހަޟްރަތަށް ކަމަށާއި، މިބިންމަތީގެ އެއްވެސް މީހަކުދެކެ އެކަކުވެސް ބިރުނުގަނެ، އަނިޔާވެރިކަމާ ދެކޮޅަށް ނުކުތުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން ގޮވާލައްވައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ، އަނިޔާވެރިކަމާ ދެކޮޅަށް ބިރުފަހަނައަޅައިދާން އެބަޖެހޭ ކަމަށާއި، ސާބިތުވެ ތިބެންޖެހޭ ކަމަށާއި، ހައްގުބަސް ބުނަންޖެހޭ ކަމަށެވެ.

އެމަނިކުފާނަށް ޕޯޑިއަމްއަށް އަރާވަޑައިގެން މިގޮތަށް ވާހަކަ ދައްކަން ޖެހިވަޑައިގެންނެވީ ލޮލުގެ ކުރިމަތިން ހުރިހާކަމެއް ހިނގަމުންދާތީ ކަމަށާއި، މިވާހަކަ މިގޮތަށް ދެއްކެވުމުގެ ސަބަބުން އެމަނިކުފާނަށް ކޮންމެ ގޮތެއްހެދިޔަސް މައްސަލައެއްނެތް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ދީނީ ދަރުސްދިނުގެ ހުއްދަ ބާތިލްކުރީ ދޮގުހަދާ މީހެކޭ، ފިތުނަ އުފައްދާ މީހެކޭ ކިޔައިގެން ކަމަށާއި، ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރުގެ ޖަލުހުކުމެއް ކުރަންޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވި ކަމަށާއި، ނަމަވެސް މިއަދު ހުންނެވީ ބިރުފަހައަޅައިގޮސްފައި ކަމަށް ވިދާޅުވިއެވެ. ޖަލަށް ގޮސްގެންވެސް ދިވެހި ރައްޔިތުން ބޭނުންވާ ހައްގުގޮތް އޮޅުންފިލުވައި ދެއްވާނޭ ކަމަށް ޝައިޚް އިލްޔާސް ތަކުރާރުކުރައްވައި ވިދާޅުވިއެވެ.

ކީތިރި ގުރުއާނުގެ އަޔަތްތަކާއި، ކީތިރި ރަސޫލާގެ ހަދީޘްފުޅުތައް ވިދާޅުވެ، ޝައިޚް އިލްޔާސް ވިދާޅުވީ، އަނިޔާވެރިވުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އަނިޔާވެރިވުމުގެ ނުބައިކަން ވަރަށް ތަފްސީލްގޮތެއްގައި ހާމަކޮށްދެއްވިއެވެ. އަނިޔާވެރިކަމާ ދެކޮޅާށް ތެދުވުމަކީ ލާޒިމްކަމެއް ކަމަށް ކީތިރި ރަސޫލާގެ ހަދީޘްފުޅުގެ އަލީގައި ޝައިޚް އިލްޔާސް ވިދާޅުވިއެވެ.