ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކަށް އަރައިގަންނަ ފަރާތްތަކަށް ދެވަނަ ފުރުސަތެއް ނުދީ އެފަދަ މައްސަލަތައް ބަލާ ފިޔަވަޅު އަޅާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ގއ. އަދި ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ކޮނޑޭއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިބޫ ވިދާޅުވީ މިއަދުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ހިންގާނަމަ އެ މަޝްރޫއެއް ކުރިއަށް ގެންދަނީ ތިން ގުނަ ބޮޑު އަގުގައި ކަމަށެވެ. އެހެންކަމުން އެއީ ތަރައްގީކުރުން ނޫން ކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނަވާ ސަރުކާރެއްގައި ގައުމު ތަރައްގީކުރާނީ ވައްކަމާއި ކޮރަޕްޝަނާ ނުލައި ކަމަށެވެ.