ހަވާއެރުވުމުގެ ފުރިހަމަ ރަސްމިއްޔާތު ބަލައިލުމަށްޓަކައި އަހަރެން ވެސް ކުޑަ ކޮއްކޮ ގޮވައިގެން މާލޭގެ އިރުމަތީ ފަރާތަށް ދިޔައީމެވެ. އޭރު މުޅި ސަރަހައްދު ތޮއްޖެހި ބާރުވެފައިވަނީ އެއްވެފައިވާ މީހުންގެ ބައިބޯ ސަފުތަކުންނެވެ. ސަރަހައްދުގެ ހިމޭންކަން ގެއްލިފައިވަނީ ސަރަހައްދުގައި ގުގުމާލާފައިވާ މިއުޒިކާއި ކުދިބޮޑު އެންމެން ލަވާ ހަޅޭކުންނެވެ. މުޅި މާހައުލަށް ވެރިވެފައިވާ އުފާވެރިކަން ފެނިގެންދަނީ ދިއްލިފައިވާ އަލިގަދަ ބޮކިތަކުންނެވެ. އެ އަލިކަމުގައި އަހަރެން އިންތިޒާރުކުރީ ހަވާއަރުވާނެ ވަގުތަކަށެވެ. ކޮއްކޮ ކުރާ ސުވާލުތަކުން ނިމުން އަންނާނެ ވަގުތަކަށެވެ.

"ދެން ކޮން އިރަކުންތަ ހަވާ އަރުވާނީ؟ މިހާރު ކިހައި އިރެއް؟" އަނެއްކާ ވެސް ކޮއްކޮ ސުވާލުކުރިއެވެ. އެ ސުވާލަށް ޖަވާބު ދިންތާ އަދިވާނީ މިނެޓެކެވެ. އަނެއްކާ ވެސް ހަމަ އެ ސުވާލެވެ. އަހަރެން ހުރީ އަޑު ނުއިވޭ ކަމަށް ހަދައިގެންނެވެ.

"ދެން މާގިނަ އިރެއް ނުނަގާނެ. އިރުކޮޅަކުން ފަށާފާނެ" އަހަރެން އަޅާނުލައި ހުއްޓާ، އަހަރެންގެ ފަހަތުގައި ހުރި ޒުވާނަކު ކޮއްކޮގެ ސުވާލަށް ޖަވާބުދިނެވެ. އަހަރެންނާއި ކޮއްކޮއަށް ވެސް ބަލައިލެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

"މި ކޮއްކޮ ވެސް މި ހުރީ ހަވާ އަރުވާތަން ބަލައިލަން އައިސް. ދެން އިރުކޮޅަކުން ފަށާފާނެ" އެޒުވާނާގެ އަތުގައި ހިފާލައިގެން ހުރި ކޮއްކޮއަކަށް އިޝާރާތްކޮށް ޒުވާނާ ވާހަކަދެއްކިއެވެ.

"މިހާރު މާގިނައިރު ވެއްޖެ. ދެން ހިނގާ ގެއަށް" އެ ޒުވާނާގެ އަތުގައި ހިފައިގެން ހުރި ކޮއްކޮ ވާހަކަދެއްކިއެވެ.

"ނޫން ނޫން... ދެން އެފަށާނީ..." ޖަވާބުދިނީ އަހަރެންގެ ކޮއްކޮއެވެ. އަހަރެންގެ ގާތަށް އައީ ހިންޏެވެ.

"އާނ!.. މާގިނަ އިރެއް ދެނެއް ނުވާނެ" މި ފަހަރު ވެސް ޖަވާބު ދިނީ އެ ޒުވާނާއެވެ. އޭނާގެ ކަޅި ސީދާކުރެވިފައިވަނީ އަހަރެންގެ ކޮއްކޮއަށެވެ. އެ ހިނިތުންވުމުގައި ވަނީ އޯގާތެރިކަމެވެ. އެ ބަސްމޮށުންތެރިކަމުގައި ވަނީ ހިތްހަމަޖެހުމެވެ. އެ މިޒާޖުގައި ވަނީ އެކުވެރިކަމެވެ. އަހަރެންނަށް މަޖުބޫރުވީ އެ ޒުވާނާގެ ހަރަކާތްތަކަށް ބަލާށެވެ.

ހަވާގެ ކުޅިވަރާއެކު މުޅި އުޑުން ގުގުރި ޖަހަން ފެށިކަހަލައެވެ. މީހުންގެ އަޑުފައްގަނޑާއި ލަވާ ހަޅޭއް ވެސް ބާރުވިއެވެ. ވިދާލާ ވިދުވަރުތަކުން މުޅި ހިސާބުގަނޑު އޮތީ ދިއްލާލަފައެވެ. އެ ފޯރިގަދަ ވަގުތުކޮޅު ތެރޭ ވެސް އަހަރެންނަށް ބެލުނީ އެ ޒުވާނާގެ ޙަރަކާތްތަކަށެވެ. އެ ފިރިހެން ވަންތަ ހަށިގަނޑަށެވެ. އެ ޝައުގުވެރިވަނިވި މޫނަށެވެ. އެއީ ދުވަހަކުވެސް ވީކަމެއް ނޫނެވެ. ފިރިހެނެއްގެ ސޫރަ ރީތިވެގެންނެއް އަހަރެންނެއް ނުބަލަމެވެ. ފިރިހެނަކާ ވާހަކަދައްކާލާ ހިތުން ސުވާލެއް ކޮށްލާތޯ އިންތިޒާރެއް ނުކުރަމެވެ. އެކަމަކު މިރޭ ހިތަށް އެވަނީ ކިހިނެއް ހެއްޔެވެ؟ ހިތުގައި އެ ޖަހަނީ ކޮން ވިންދެއް ހެއްޔެވެ؟

"ދެން ނާރުވާނެތަ؟ އެ ނިމުނީތަ؟" ހަވާގެ އަޑުފައްގަނޑު ކެނޑުމާއެކު ކޮއްކޮ ސުވާލުކުރިއެވެ.

"އާނ.. ދެން އެ ނިމުނީ" އަހަރެން ޖަވާބު ދިނީމެވެ. ނަމަވެސް އެޖަވާބު ދެވުނީ ދެ އެ ޒުވާނާއާ އެކުގައެވެ. އަނެއްކާ ދެވުނީ ވެސް އެއްޖަވާބެކެވެ. ދެމީހުންނަށް ރަކި ހިނިތުންވުމެއް އައީ އެހެންވެއެވެ.

"ހާދަ ސުވާލު ގިނަ ކުއްޖެކޭ ދޯ؟" ޒުވާނާ ދޯ އަޅާލީ އަހަރެންނަށެވެ.

"އެއީ އަބަދުވެސް އާދަ. މިއީ ހުސްނުވާ ސުވާލު ބޭންކެއް" ކޮއްކޮގެ ބޮލުގައި ފިރުމާލަމުން އެ ޒުވާނާގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހަރެން ބުނީމެވެ.

"އާނ... ކިހައި މަޖާ. ދެން ދަނީ.. އެ ކޮއްކޮއާ ސަލާން ކޮށްލަ ބަލަ؟" އެ ޒުވާނާ އޭނާގެ ކޮއްކޮ ގާތުގައި އެދުނީ އަހަރެންގެ ކޮއްކޮއާ ސަލާން ކޮށްލުމަށެވެ. އެ ސަލާމާއެކު އެ ޒުވާނާއާއި އޭނާގެ ކޮއްކޮ ހިނގައިގަތެވެ. އަހަރެންނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެފަދަ ހެޔޮ ޒުވާނުން އުޅޭކަން ގަބޫލުކޮށްފައެވެ.

ހަފުތާއެއް ފަހެވެ. އޮފީހުގެ މުވައްޒަފުންނަށް ހުޅުވިފައި އޮތީ ފުރުޞަތެކެވެ. ބުރިޖްމަތީ ހިނގާލުމުގެ ފުރުޞަތެވެ. ސަރުކާރު އޮފީސްތަކަށް ދީފައިވާ އެ ފުރުޞަތުގެ ބޭނުން އަހަރެންގެ އޮފީހުގެ މުވައްޒަފުން ވެސް ހިފަން ނިންމިއެވެ. އެކަމުގައި ބައިވެރިވުމަށް އޮފީހުން ބާރު އެޅުމުން ގިނަ ބަޔަކު އެކަމުގައި ޝާމިލުވިއެވެ. އަހަރެން ވެސް އެކަމުގައި ބައިވެރިވީ އެ ދާލަމުގެ ހިނގާލާ ހިތުންނެވެ. އެތަނުން އުފަލާއި ހިތްހަމަޖެހުން ހޯދާލުމުގެ ނިޔަތުގައެވެ.

އޮފީސްކުދީންނާއެކު ދާލަމަށް ދިޔައިރު ސިފަވީ މުޅިން އެހެން މަންޒަރެކެވެ. ހީވީ ރާއްޖޭން ބޭރު މަގެއްގައި މަޑުކޮށްލެވުނުހެންނެވެ. ރަސްމީ ހެދުމުގައި މުވައްޒަފުން ކޮޅުކޮޅަށް ހިނގަމުން ދިޔައިރު ތޮއްޖެހިފައިވާ ކާރުބާރު ބޮޑު މަގުގައި އަހަރެން ވެސް ހިނގަމުން ދިޔައީ އޮފީސްކުދީންނާއެކުއެވެ. ފަތިހުގެ އިރުގެ ހޫނުކަމުން ދުނިޔެ ނުކެކެނީސް އެ ދާލަމުން ހިތްހަމަޖެހުމާއި ޝަރަފު އެތައް ބަޔަކު ހޯދަމުން ދިޔައިރު އަހަރެންވެސް ކުރިއަށް ދިޔައީ އޮފީސްގުރޫޕުގެ އޮލަ ވާހަކަތަކުގައި ބައިވެރިވަމުންނެވެ.

(ނުނިމޭ)