(30 އޯގަސްޓް 2018 އާ ގުޅޭ)

ފަތިހުގެ އިރުގެ ހޫނުކަމުން ދުނިޔެ ނުކެކެނީސް އެ ދާލަމުން ހިތްހަމަޖެހުމާއި ޝަރަފު އެތައް ބަޔަކު ހޯދަމުން ދިޔައިރު އަހަރެންވެސް ކުރިއަށް ދިޔައީ އޮފީސްގުރޫޕުގެ އޮލަ ވާހަކަތަކުގައި ބައިވެރިވަމުންނެވެ.

އެތައް ވަގުތެއް ފާއިތުވީ އިރުވެސް އަހަރެން ކުރިއަށް ދިޔައީ މަޑު ހިނގުމުގައެވެ. އޮފީސް އެކުވެރިޔާ ދީމާއާ އެކުއެވެ. އޭރު އޮފީހުގެ އެހެން ބައިވެރިން ތިބީ ތަންކޮޅެއް ކުރީގައެވެ. އެއްލުނު ކަޅިއެއްގައި އަހަރެންގެ ލޯ ހުއްޓުވީ ދާލަން ހުޅުވިރޭ ދިމާވި ޒުވާނާއެވެ. ރަސްމީ ހެދުމުގައި އޭނާ ފެންނައިރު އަދި މާރީއްޗެވެ. މާ ފުރިހަމައެވެ. މާ ފިރިހެންވަންތައެވެ. އޭނާ އައީ ސީދާ އަހަރެންނާ ދިމާއަށެވެ. އަހަރެންގެ ހިތް ތެޅެންފެށިއެވެ. ކައިރިގައި ހުރި ދީމާގެ ނަޒަރު ވެސް އެ ޒުވާނާއަށް ހުއްޓުވިއެވެ.

"ކޮބާ ކިހިނެއް؟ ކޮބާ ކޮއްކޮ؟" ޒުވާނާ އައިސް އަހަރެންގެ ކުރިމަތީ މަޑުކޮށްލީ އަހަރެންނާ ދެތިން ފިޔަވަޅެއް ދުރުގައެވެ. ކޫލްވޯޓަރގެ ހިތް ގައިމު ވަހުގެ މަސްތީ އަވައިގައި އަހަރެންގެ ހިތް ޖެއްސުވިފަދައެވެ.

"ރަނގަޅު. ކޮއްކޮ ވާނީ ގޭގައެއްނު" ދައްކާނެ އިތުރު ވާހަކައެއް ނެތުމުން އަހަރެންނަށް ދެވުނީ ހަމައެކަނި އެ ދެ ސުވާލުގެ ޖަވާބެވެ. ބުނާނެ އިތުރު ލަފުޒެއް ދުލަކަށް ނައެވެ. ހުރެވުނީ އެ ޒުވާނާ އާ ހަތަރުކަޅި ހަމަކޮށްގެންނެވެ.

"އައްދޭ. ހާދަވަރެއް ވެފައި ތި ތިބީ؟" އަހަރެންނަށް ހޭވެރިކަންވީ އޮފީހުގެ ސެކްރެޓަރީ ދީމާ ދިމާކުރަން ފެށުމުންނެވެ.

"މިއީ ރައްޓެއްސެއް" އަހަރެންނަށް ބުނެވުނެވެ.

"އާނ. އާނ.. ތިކަން އެބަ އިނގޭ. ތިއުޅެނީ ހަތަރު ކަޅި ނުނެއްޓިގެން." ދީމާގެ ދިމާކުރުމެއް ނުހުއްޓުނެވެ.

"ދެން ދަނީ. އަދި ދިމާވާނެއްނު" އެ ޒުވާނާގެ ޖުމުލަ ނުނިމެނީސް އަނެއްކާ ވެސް ދީމާ ފެށިއެވެ.

"ނާ.. ދާނެކަމެއް ނެތް. އަދި އަހަރެންނަށް ތަޢާރަފެއް ވެސް ނުކޮށްދެމެންނު"

އަހަރެން ހުރީ ޖެހިލުންވެފައެވެ. އެ ޒުވާނާ ހިތަށް އަރާފާނެ އެއްޗަކާމެދު ކަންބޮޑުވެފައެވެ. އެއީ ރައްޓެއްސެކޭ ބުނިއިރު ކުޑަމިނުން އޭނާގެ ނަމެއްވެސް ނޭނގެއެވެ. އޭނާ އުޅެނީ ކޮން އޮފީހަކުކަން ކޮންތާކު ކަމެއްވެސް ނޭނގެއެވެ.

"އަހަރެންނަކީ ނައުފަލް. އުޅެނީ ފިނޭންސްގައި" އެ ޒުވާނާ ތަޢާރަފުވެލިއެވެ.

"މިއީ ދީމާ. އުޅެނީ ހައުސިންގައި" ދީމާ ވެސް ތަޢާރަފުވެލީ އެ ޒުވާނާ ތަޢާރަފުވި ގޮތަށެވެ. އަހަރެން ތަޢާރަފުވާން ބޭނުންވިއެވެ. އެކަމަކު ތަޢާރަފު ވެއްޖެނަމަ ދެން ވާނެގޮތް ހިތަށް އަރާފައި މަޑުކޮށްލީއެވެ.

"މިހާރު އޯކޭ އެއްނު. ދެން ދަނީ" އެހެން ބުނުމަށްފަހު ނައުފަލް ހިނގައިގަތެވެ.

"ހާދަ ހޭންޑްސަމް މީހެކޭ. އަޅެ ތެދަށް ބުނެބަލަ އެއީ ނީރާގެ ކާކު؟" ދީމާ ސުވާލުކުރީ އޮޅުންފިލުވުމުގެ ރާގުގައެވެ.

"އެއީ ހަމަ ރައްޓެއްސެއް. އެހައި ގާތް ރައްޓެއްސެއް ނޫން. ދެ ފަހަރަކު ފެނުނު މީހެއް" އަހަރެން ވާހަކަދެއްކީ ތެދަށެވެ.

"އެއްކަލަ ނީރާ. ބަލަ އެންމެ ދެ ފަހަރަކު ފެނިގެން ތިޔަ ވަރުވޭތަ؟ ތިޔަ އުޅެނީ މަށަށް އޮޅުވާލަން" އަހަރެން ދެއްކި ވާހަކަތައް ދީމާ ގަބޫލެއް ނުކުރިއެވެ.

"ނީރާ ރައްޓެހިވެގެން އުޅެނީ އެކުއްޖާއާ ދޯ؟" ދީމާގެ ސުވާލުން އަހަރެންގެ ހިތުގައި ވިކައިގެންހެން ހީވިއެވެ.

"ނޫން... ދެން ދީމާ ކޮށްފާނެ ކޮންމެ ފަދަ ސުވާލެއް ވެސް. އެއީ ހަމަ ރައްޓެއްސެއް. އޭނާއަކަށް އަހަރެންގެ ނަމެއްވެސް ނޭނގޭނެ. ދެން ކިހިނެއް ރައްޓެހިވާނީ"

އަހަރެންނަށް ބުނެވުނެވެ. އެހެން ބުނިއިރު ލިބުނު ފުރުޞަތުގެ ބޭނުން ނުކުރެވުނީތީ އަހަރެންގެ ހިތުން ދިޔައީ މަލާމާތްކުރަމުންނެވެ. އޭނާއާ އިތުރަށް ވާހަކަދެއްކުމަށް ހިތް ދިޔައީ ގޮވަމުންނެވެ.

ހަފުތާއެއް ފަހުން އަހަރެންނަށް އައީ ފޯނުކޯލެކެވެ. ދެ ފަހަރަކު ރިންގުވުމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލީމެވެ.

"ނީރާތަ؟" އެ މީހަކު ސުވާލުކުރިއެވެ.

"އާނ.. ނީރާ. ކިހިނެއްވީ؟" އަހަރެން ސުވާލުކޮށްލީމެވެ.

"އެނގޭތަ މީ ކާކުކަން؟" އަނެއްކާ ވެސް އެމީހާ ސުވާލުކުރިއެވެ. އެ ސުވާލާމެދު އަހަރެން ވިސްނާލީމެވެ.

"ބުނީމަކާނު އެނގޭނީ ތީ ކާކުކަމެއް؟" އަހަރެން ޖަވާބު ދިނީމެވެ.

"ހަމަ ނޭނގުނު" އަނެއްކާ ވެސް އެމީހަކު ސުވާލުކުރިއެވެ.

"މި ބުނީނު ނޭނގެޔޭ. އަހަރެންމީ ނުދަންނަ މީހުންނާ ވާހަކަދައްކާ މީހެއްނޫން" އެހެން ބުނުމަށްފަހު އަހަރެން ފޯނު ކަނޑާލީމެވެ. އެކަހަލަ ކިތަންމެ މީހަކު ގުޅައެވެ. އެފަދަ މީހުންގެ ބޭނުމަކީ އަހަރެން ހެއްދުމެވެ. ހިތްހަމަ ޖެހުން ހޯދުމެކެވެ. އަހަރެންނަށް ގަބޫލުކުރެވުނީ އެއީ އެފަދަ ކޯލެއް ކަމަށެވެ.

އިރުކޮޅެއް ފަހުން ފޯނަށް އައީ މެސެޖެވެ. އޭގައި އޮތީ މަޢާފަށް އެދިފައެވެ. އެއަށް ފަހު ލިޔެފައިވަނީ އެއީ ދާލަމުން ދިމާވި ޒުވާނާ ކަމަށެވެ. ނައުފަލް ކަމަށެވެ.

އަހަރެންނަށް ތެޅި ގަނެވުނީ ދެނެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުންވެސް ވެރިވިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ގުޅަންވީ ހެއްޔެވެ؟ އޭނާއާ ވާހަކަދައްކަން ވީ ހެއްޔެވެ؟

އަހަރެން ކަނޑާލި ނަންބަރަށް އަލުން ގުޅީމެވެ. ނައުފަލާ ވަހަކަދެއްކީމެވެ. ފޯނު ކަނޑާލި ސަބަބު ބުނެދިނީމެވެ. އަހަރެން ވެސް މައާފަށް އެދުނީމެވެ. އެހެންވީ އޮޅިގެންކަމަށް ބުނީމެވެ. އެ ވާހަކަތަކާއެކު އެތައް ވާހަކައެއް ދެއްކުނެވެ. އެތައް އިރަކު އެ ފޯނުގައި ހުރެވުނެވެ. ނައުފަލުގެ އެ ވާހަކަތަކުން ހިތަށް ލިބެމުން ދިޔައީ ބަޔާންކުރަން ވެސް ނޭނގޭ އުފާވެރި އިހުސާސްތަކެކެވެ. ދުވަހަކު ވެސް ނުލިބޭ އުފާތަކެކެވެ.

(ނުނިމޭ)